ގދ. މަޑަވެލި ގަމަރީ އިއުތިސާމް މުހައްމަދު ސައީދުގެ މައްޗަށް ދައުލަތުން ކުރާ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ކުށުގެ ދައުވާ ނުނިމި ނުވަ އަހަރަށްވުރެ ދިގުލައިގެންދާތީ، އެ ދައުވާ ބާތިލު ކޮށްދިނުމަށް އެދި އޭނާގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށެޅި މައްސަލައިގައި، ދައުވާ ބާތިލް ނުކުރުމަަށް ހުކުމް ކޮށްފިއެވެ.
މި މައްސަލައިގައި އަމިއްލައަށް ތައްޔާރު ކޮށްގެން މާލޭގައި ބޮން ގޮއްވަން އުޅުނު ކަމުގެ ތުހުމަތުގައި އިއުތިސާމް ހިމެނޭހެން، ހއ. ހޯރަފުށީ ވިދުވަރުގެ ނާސިއު މުހައްމަދާއި، އެރަށު އަލަނާސިގޭ މުހައްމަދު ތަސްލީމްއާއި، ހދ. ނައިވާދޫ ރިވެލި ޝިމާން ޝަރީފް ފުލުހުން ހައްޔަރުކުރީ 2017 ވަނަ އަހަރުއެވެ. އެއަށްފަހު 25 އޭޕްރީލް 2017 ވަނަ ދުވަހު 15 ދުވަހުގެ މުއްދަތަށް ޖަލުގައި ބަންދު ކުރުމަށް ކުރިމިނަލް ކޯޓުން އަމުރު ކުރިއެވެ.
އެމީހުންގެ މައްޗަށް، ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ކުށުގެ ދައުވާ ކުރިމިނަލް ކޯޓުގައި ދައުލަތުން ކުރީ، 2017 ވަނަ އަހަރުގެ ޖުލައި 25 ވަނަ ދުވަހުއެވެ.
އެއާ ގުޅިގެން އެމީހުންގެ ބަންދު ދަމަހައްޓަމުންގޮސް އަށެއް އޮކްޓޫބަރު 2018 ވަނަ އަހަރު އެމީހުން ޝަރުތު ތަކަކާއެކު ބަންދުން ދޫކޮށްލިއެވެ. އެ ޝަރުތުތަކުގެ ތެރޭގައި ކޯޓަށް އެއްބާރުލުން ދިނުމާއި، އެ ބާވަތުގެ ކުށެއް ތަކުރާރު ނުކުރުމާއި މާލޭން ބޭރަށް ނުދިއުން ހިމެނެއެވެ.
އޭގެ ފަހުން 2021 ވަނަ އަހަރު އެ މައްސަލަ ބަލާ ފަނޑިޔާރު ބަދަލުވުމާ ގުޅިގެން 31 ޖަނަވަރީ 2022 ވަނަ ދުވަހު ބޭއްވި އެ މައްސަލައިގެ އަޑުއެހުމުގައި މައްސަލަ އަލުން ސާފު ކުރުމަށްފަހު، މައްސަލައިގެ އަޑުއެހުންތައް އަލުން ފަށައިގެން ކުރިއަށް ގެންދަން އެ މައްސަލަ ބެއްލެވި ފަނޑިޔާރު ނިންމެވިއެވެ.
ނަމަވެސް ބަންދުން ދޫކޮށްލިތާ މާގިނަ ދުވަސްތަކެއްނުވެ، ޓެރަރިޒަމްގެ އެހެން މައްސަލައަކާ ގުޅިގެން އިއުތިސާމް އަލުން ހައްޔަރު ކުރިއެވެ. ނަމަވެސް އެ މައްސަ އޭނާގެ މައްޗަށް ސާބިތު ނުވުމުން 25 އޮކްޓޫބަރު 2021 ގައި އޭނާ ބަންދުން ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން އަމުރުކުރިއެވެ. ނަމަވެސް ހަމަ އެދުވަހު، ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ކުށުގައި ކުރިން އޭނާ ހައްޔަރުކުރި، މައްސަލައިގައި އަލުން އޭނާ ބަންދު ކުރަން ކުރިމިނަލް ކޯޓުން އަމުރުކުރިއެވެ. އެހެންކަމުން އެ މައްސަލައިގައި މިޙާރު ބަންދުގައި ހުރީވެސް އިއުތިސާމް އެކަންޏެވެ.
ބޮން ގޮއްވަން އުޅުނު މައްސަލަ ކުރިއަށް ނުގޮސް، މިހާރުވެސް ބަންދުގައި ހުންނަން ޖެހުމުން އެ ދައުވާ ބާތިލުކޮށްދިނުމަށް އިއުތިސާމް ކުރިމިނަލް ކޯޓަށް މައްސަލަ ހުށަހެޅިއެެވެ.
މިމަހުގެ 22 ވަނަ ދުވަހު އިއުތިސާމްގެ ފަރާތުން މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅުއްވަމުން އޭނާގެ ގާނޫނީ ވަކީލު އަހްމަދު އަބްދުﷲ އަފީފު ވިދާޅުވީ، ދައުލަތުން ދައުވާ ހުށަހެޅުމަށްފަހު ދައުވާފޯމަށް ބަދަލު ގެނައުމާއި ކުރިން ހުށަހަޅާފައި ނެތް ސިއްރު ހެއްކެއް ދައުވާގައި ހިމެނުމަށް ދައުލަތުން ކުރި މަސައްކަތްތަކެއްގެ ސަބަބުން ދައުވާ މާބޮޑަށް ލަސްވެފައިވާ ކަމަށެވެ.
އެ މިންވަރަށް ދައުވާ ލަސްވުމަކީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އިންސާފުން ޝަރީއަތް ކުރުމުގެ ހައްގު އިއުތިސާމަށް ގެއްލުނު ކަމެއް ކަމަށާއި، އެހެންކަމުން މައްސަލަ ބާތިލުކޮށްދިނުމަށް އެދި ކުރިމިނަލް ކޯޓަށް ހުށަހެޅީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުގައި ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް މައްސަލަ ލަސްކުރުމުގެ ނިޔަތުގައި ދައުލަތުން ގަސްތުގައި ކުރިކަމެއް ފެންނަން ނެތް ކަަމަށާއި، މައްސަލަ މައުލޫއީގޮތުން ބެލުމުގެ ކުރިން، މައްސަލަ ބާތިލުކުރެވެން ނެތް ކަމަށް ކުރިމިނަލް ކޯޓުން ނިންމި ކަމަށްވެސް ވަކީލު ވިދާޅުވިއެވެ.
އެ ނިންމުން އިއުތިސާމްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.
ޖިނާއީ މައްސަލައެއް އެކަށީގެންވާ އަވަސްމިނެއްގައި ކުރިއަށް ނުދިއުމަކީ އެކަމުގެ ސަބަބުން މުއްތަހަމަށް ލިބިދޭ މި މައްސަލައިގައި ބަޔާންކުރާ އެކަށީގެންވާ އަވަސްމިނެއްގައި ޝަރީއަތް ކުރުމުގެ ހައްގާ ހިލާފަށް ކުރެވޭ ކަމެއް ކަމަށާއި އެފަދަ ހިލާފުވުންތަކަށް އެކަށީގެންވާ ހައްލެއް އޮންނަންޖެހޭ ކަމަށް ހައިކޯޓުުން ބަޔާންކުރި ނަމަވެސް، ޖިނާއީ އަދުލުގެ ނިޒާމް ނަހަމަގޮތުގައި ބޭނުންކޮށް މައްސަލައިގެ ޝަރީއަތް ލަސްކުރުމުގެ ނިޔަތުގައި ދައުލަތުގެ ފަރާތުން ކޮށްފައިވާ ކަމެއް އޮތްކަމަށް އިސްތިއުނާފުކުރާ ފަރާތަށް ދެއްކިފައިނުވާތީ، މި މައްސަލައިގައި ކުރިމިނަލް ކޯޓުން ނިންމި ނިންމުމަށް ބަދަލު ގެންނަންޖެހޭ ފަދަ ގާނޫނީ ނުވަތަ ޝަރުއީ ސަބަބެއް ނެތްކަމަށް ހައިކޯޓުން މި މައްސަލައިގައި ހުކުމްކުރިއެވެ.
މި މައްސަލަ އިއުތިސާމްގެ ފަރާތުން ނިންމަން އެދޭ ތިން ކަމެއް ވަކީލު އެދުވަހު ސުޕްރީމް ކޯޓަށް ހުށަހަޅުއްވައިފައެވެ.
އޭގެ ތެރެއިން އެއް ކަމަކީ ދައުވާއަށް ބަދަލު ގެނައުމާއި ސިއްރު ހެކި އެކެއް ހުށަހެޅުމުގައި އަމަލު ކޮށްފައިވާގޮތަކީ އެނާއަށް ލިބިފައިވާ އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ޝަރީއަތް ކުރުމުގެ ހައްގަށް އުނިކަން ލިބޭފަދަ ގޮތަށް ކޮށްފައިވާ ކަންތައްތަކެއްކަމަށް ކަނޑައަޅައިދިނުމެވެ.
ދެވަނަ ކަމަކީ ހިނގަމުންދާ ޖިނާއި މައްސަަލައެއް އެކަށީގެންވާ މިންވަރަށްވުރެ ލަސްވުމުން އެ މައްސަލަ ބާތިލުކުރަންޖެހޭ ހަމައެކަނި ހާލަތަކީ އެ މައްސަލައިގައި އިންސާފު ލިބުމަކީ މުސްތަހީލު ކަމެއް ކަމަކަށްވާ ހާލަތު ކަމަށް ކަނޑައަޅާފައިވާ ކަނޑައެޅުން ބާތިލުކޮށްދިނުމެވެ. އެއާއެކު އިއުތިސާމްގެ މައްޗަށް ކުރިމިނަލް ކޯޓަށް ހުށަހެޅިފައިވާ މައްސަލަ ނުނިމި އެކަށީގެންވާ މިންވަަރަށްވުރެ ލަސްވުމަކީ އޭނާއަށް ގާނޫނުއަސާސީ ކަށަވަރުކޮށްދީފައިވާ، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އިންސާފުން ޝަރީއަތް ކުރުމުގެ ހައްގު ގެއްލޭ ކަމެއް ކަމުގައިވާތީ މި މައްސަލަ އިތުރަށް ކުރިއަށްގެންދާނެ ތަނެއް ނެތް ކަމަށް ކަނޑައަޅައި މި މައްސަލަ ބާތިލުކުރުމަށް ކުރިމިނަލް ކޯޓަށް އަންގަައި ހުކުމްކޮށްދެއްވުމެވެ.
މި މައްސަލައިގެ ހުކުމް އިއްވުމަށް ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި، ހުކުމް އިއްވަމުން މި މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތުގައި އިންނެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު، ވަނީ މި މައްސަލަ ކުރިއަށް ނުގޮސް ގިނަ ދުވަސްތަކެއް ވަންދެން އިއުތިސާމް ބަންދުގައި ހުންނަން ޖެހުމުގެ މައްސަލަ ފާހަގަ ކުރައްވައިފައެވެ. ނަމަވެސް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކީ އެކަމާމެދު ގޮތެއް ކަނޑައެޅުން ނޫން ކަމަށްވެސް ވިދާޅުވިއެވެ.
ފަނޑިޔާރު ޝުޖޫން ވިދާޅުވީ، މި މައްސަލަ މިހާ ދިލުގައިގެންގޮސް ނުނިމި އޮތުމުގައި މައްސަލަ ބަލާ ފަނޑިޔާރުން ބަދަލުވެ މައްސަލައިގެ އަޑުއެހުންތައް އަލުން ފެށުމަށް ނިންމުމުގެ ސަބަބުން ދިމާވެފައިވާ ލަސްވުންތަކާއި، މައްސަލައިގެ ގިނަ އަޑުއެހުންތަކެއް ތާވަލް ކުރި ނަމަވެސް އިދާރީ އެކި ސަބަބުތަކާހުރެ އަޑުއެހުންތައް ކެންސަލް ވުމާއި އިއުތިސާމްގެ ފަރާތުން އެދިގެންނާއި އެފަރާތުގެ ވަކީލުން ހާޒިރު ނުވެގެން ބައެއް އަޑުއެހުންތައް ކެންސަލް ކުރަންޖެހުމާއި ޕްރޮސިކިއުޝަނުން އެދިގެން ދެ އަޑުއެހުމެއް ކެންސަލްކުރަން ޖެހުން ހިމެނޭ ކަމަށެވެ. އަދި މައްސަލަ ލަސްވެފައިވުމުން މައްސަލަ ބާތިލްކޮށްދިނުމަށް އެދި އިއުތިސާމްގެ ފަރާތުން ހުށަަހޅާފައި ވަނީ ގާނޫނުއަސާސިގެ 65 ވަނަ މައްދާގެދަށުން އަސާސީ ހައްގެއް ގެއްލޭ ހާލަތުގައި ހައްލު ހޯދުމަށް ދައުވާކުރުމަކީ ކަށަވަރުކޮށްދޫފައި ހައްގަަކަށްވާތީ ކަމަށާއި، ނަމަވެސް އެގޮތަށް ދައުވާ ބާތިލްކޮށްދޭންއެދުން އޮންނަީ ޖިނާއި އިޖުރާއަތުގެ ގާނޫނުން، ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގެ ތެރެއިން ފަރުވާއެއްނުލިބުމުން ގެއްލޭ ހައްގެއްގެ ގޮތުގައި ކަމަށްވެސް ވިދާޅުވިއެވެ.
އެ ގޮތަށް ޖިނާއީ ދައުވާއާވަކިން، ވަކި ދައުވާއެއްގެ ގޮތުގައި އެ ދައުވާ ކުރިއަށްގެންދަން ހުރަގެއް ނެތް ކަަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް މި މައްސަލައިހައި އިއުތިސާމްގެ ފަރާރތުން ހުށަހަޅާައިވާ ކަންކަމަށް ބަލައި މި މައްސަލައިގައި ހައިކޯޓުން ކޮށްފައިވާ ހުކުމާއި، ކުރިމިނަލް ކޯޓުން ކޮށްފައިވާ ހުުކުމް ބާތިލްކުރަންޖެހޭ ގާނޫނީ ސަބަބެއް އޮތް ކަމަަށް ދެކި ވަޑައިނުގަންނަވާ ކަމަށް ހުކުމް އިއްވެވިއެވެ.





