ބޭނުން ކުރީ މަޖާޒީ ބަހެއް، އެހެން ބުނީ ލޯފަން މީހުންގެ ކަރާމަތަށް އުނިކަމެއް ރައްދު ކުރުމުގެ ނިޔަތަކު ނޫން، މާފަށް އެދެން: ޝާހިދު

ބޭނުން ކުރީ މަޖާޒީ ބަހެއް، އެހެން ބުނީ ލޯފަން މީހުންގެ ކަރާމަތަށް އުނިކަމެއް ރައްދު ކުރުމުގެ ނިޔަތަކު ނޫން، މާފަށް އެދެން: ޝާހިދު

  • ޝާހިދު އެދިވަޑައިގަންނަވަނީ ދިވެހި ބަސް ފޮތުގައި ހުރި މިފަދަ ހުރިހާ ބަހެއް، ބަސް ފޮތުން އުނިކޮށްދޭން

އަންނަ މަހުގެ 4 ވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭންގެ ތެރޭގައި، މި ސަރުކާރަށް ނިސްބަތް ކުރައްވައި ބޭނުން ކުރެއްވި ބަހަކީ ދިވެހި ބަހުގެ މަޖާޒީ ބަހެއް ބޭނުން ކުރެއްވުމުގެ ނިޔަތުގައި ވިދާޅުވި ވާހަކައެއް ކަމަށާއި، އެހެން ވިދާޅުވުމުގައި ލޯފަން މީހުންގެ ކަރާމަތަށް އުނިކަމެއް ރައްދު ކުރުމުގެ އެއްވެސް ނިޔަތެއް ނެތް ކަމަށާއި އަދި އެގޮތަށް ވިދާޅުވެވުނީތީ މާފަށް އެދިވަޑައިގަންނަވާ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެއެވެ.

މި ސަރުކާރަށް ނިސްބަތް ކުރައްވައި، މިއީ "ކަނަކު އިޝާނަމާދަށް ދާހެން ލާހޫރެމުންދާ" ސަރުކާރެއް ކަމަށް ސިފަ ކުރައްވައި ޝާހިދު ބޭނުން ކުރެއްވި ބަހަކީ ޒަމާނުއްސުރެ ދިވެހިން ބޭނުން ކުރަމުން އަންނަ މަޖާޒީ ބަހެއް ނަމަވެސް، ބަޔެއް ފަރާތްތަކުން އެކަމާ ކަންބޮޑުވުން ފާޅު ކުރަމުންދާތީ، ޝާހިދު މިއަދު ސޯޝަލް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެގޮތަށް މި ސަރުކާރު ސިފަ ކުރެއްވީ، މި ސަރުކާރުން ކަންކުރަމުންދާ ގޮތް މަޖާޒީ ބަހަކުން ދެންނެވުމުގެ ނިޔަތުގައި ކަމަށެވެ. ނަމަވެސް އެ ބަސް ބޭނުން ކުރެއްވިފައިވާތީ ލޮލުގެ ފެނުމުން މަޙްރޫމް ވެފައިވާ ހުރިހާ ފަރާތްތަކާއި އެ ފަރާތްތަކުގެ އާއިލާތަކުގެ ކިބައިން  ކިބައިން "ދީލަތި މައާފަކަށް" ޝާހިދު ވަނީ އެދިވަޑައިގެންފައެވެ.

"ލޯކަލް ކައުންސިލް އިންތިޚާބުގެ ކެންޕެއިން ޖަލްސާއެއްގައި، މިއަދުގެ ސަރުކާރުން ކަންކުރާގޮތް ސިފަކޮށްދިނުމުގެ ގޮތުން ބޭނުންކުރި ދިވެހި ބަހުގެ މަޖާޒީ މިސާލު ބަހަކީ ލޮލުގެ ފެނުމުން މަހުރޫމުވެފައިވާ މީހުންގެ ކަރާމާތަށް އުނިކަމެއް ރައްދު ކުރުމުގެ ނިޔަތުގައި ބޭނުންކުރި ބަހެއް ނޫނެވެ. އެހެން ނަމަވެސް ދިވެހިބަހުގެ ޒަމާންވީ މިބަސް އަޅުގަނޑަށް ބޭނުން ކުރެވިފައިވާތީ ލޮލުގެ ފެނުމުން މަހްރޫމްވެފައިވާ އެންމެ ބޭފުޅުންގެ އަރިހުން މައާފަށް އެދެމެވެ." ޝާހިދު ވިދާޅުވިއެވެ.

ޝާހިދު އިތުރަށް ވިދާޅުވީ، ދިވެހި ބަސްފޮތުގައި ހުރެދާނެ މިފަދަ ހުރިހާ ބަސްތަކެއް އުނި ކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ގޮވާލައްވާ ކަމަށެވެ. އަދި މިކަމުގައި ޝާހިދާއެކު ހުރިހާ ރައްޔިތުންވެސް ބައިވެރިވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ކެމްޕޭންގެ ޖަލްސާއެއްގައި މި ސަރުކާރަށް މިސާލު ޖައްސަވައި، ޝާހިދު ބޭނުން ކުރެއްވި ބަހަކީ ދިވެހިން ޒަމާނުއްސުރެ އާންމުކޮށް ބޭނުން ކުރަމުން އައި ބަހެކެވެ. އެ ނޫނަސް ލޯފަން މީހުންނަށް ނިސްބަތްވާ ގޮތަށް އިތުރު މަޖާޒީ ބަސް ދިވެހި ބަހުގައި ހުރިކަން ބައެއް ފަރާތްތަކުން ވަނީ ފާހަގަ ކޮށްފައެވެ. އެގޮތުން "ފެތުނު އޮޑީގެ ރިޔާ ދަށުވިޔަސް، ކަނަކު އަތްދަށު ނުވާށޭ" އޮންނަ މަޖާޒީ ބަސްވެސް ބައެއް މީހުން ވަނީ  ފާހަގަކޮށް އެ ބަސްވެސް ބަސް ފޮތުން އުނިކުރަން ގޮވާލާފައެވެ.

މިކަމާއި ގުޅިގެން ސޯޝަލް މީޑީއާގައި ބައެއް ފަރާތްތަކުން ގޮވާލަމުން ދަނީ ބަސް ފޮތުގައި ހުރި ބަސް ތަކުން، ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ނިސްބަތްވާ ގޮތަށް ހުރި ހުރިހާ ބަހެއް އުނިކުރުމަށެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *