މާލެ ސަރަހައްދުން ލިބިފައިވާ ގޯތި ދޫކޮށްލާނަމަ ފްލެޓަށް ކުރިމަތިލެވޭ ގޮތް ހަދަނީ

މާލެ ސަރަހައްދުން ލިބިފައިވާ ގޯތި ދޫކޮށްލާނަމަ ފްލެޓަށް ކުރިމަތިލެވޭ ގޮތް ހަދަނީ

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުން މާލޭ ސަރަޙައްދުން ގޯތި ލިބިފައިވާ ފަރާތްތަކަށް، ޝަރުޠުތަކަކާއެކު ހައުސިންގ ޔުނިޓަށް އެދުމުގެ ފުރުޞަތު، ކުރިއަށް އޮތް ދެ ހަފުތާތެރޭގައި ހުޅުވާލެއްވުމަށް ނިންމަވާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، މިއަދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސަރުކާރުގެ ބިންވެރިޔާ މަޝްރޫޢުން މާލޭ ސަރަޙައްދުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރޭގައި، ގޯތީގައި ގެދޮރު އިމާރާތް ކުރާނެ ތަނަވަސްކަން ނެތް ފަރާތްތައް ތިބިކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، އެފަދަ ފަރާތްތަކަށް ހައުސިންގ ޔުނިޓު ލިބިއްޖެނަމަ، ލިބިފައިވާ ގޯތި ދޫކޮށްލާ ގޮތަށް، މިހާރު ހުޅުވާލާފައިވާ ސްކީމަށް ކުރިމަތިލުމުގެ ފުރުޞަތު ލިބޭނޭކަމަށެވެ. އަދި މިގޮތަށް ދޫކޮށްލާ ގޯތިތައް، ކުރީގެ ސްކީމުން ދެން އެންމެ މަތިން ޕޮއިންޓް ލިބިފައިވާ ފަރާތަކަށް ދޭގޮތަށް، ނުވަތަ އާ ސްކީމެއް މެދުވެރިކޮށްގެން ނަމަވެސް، އަދުލުވެރި ގޮތަކަށް، އަލުން ދޫކުރެވޭނެކަން ވިދާޅުވިއެވެ.

މީގެ އިތުރުން، ހުޅުމާލޭގައި ގޯތި ދޫކޮށްފައިވާ ސަރަޙައްދުތަކުގެ މަގުހެދުމާއި، އެސަރަޙައްދު ތަކަށް ފެނާއި ނަރުދަމާ އާއި ކަރަންޓުގެ ޚިދުމަތްދިނުމުގެ މަސައްކަތް، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) ގެ ފަރާތުން ވަރަށްބޮޑު އިސްކަމެއް ދީގެން ކުރަމުން ދާކަމުގެ ޔަޤީންކަންވެސް ރައީސް ދެއްވިއެވެ.

ރައީސް ވަނީ، ރާއްޖޭގެ ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް، ހިނގަމުންދާ ދައުރުގެ ތެރޭގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް މެދުވެރިކޮށް، އެތައް ހާސް ރައްޔިތުންނަށް އެ ދައުރުގެ ތެރޭގައި ފްލެޓް ލިބި، ހިކިފަސްތާކުން ގޯތިލިބޭނޭ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށް ވިދާޅުވެފައެވެ.

އެގޮތުން، ބީ.އެމް.އެލް އެފޯޑަބަލް ހައުސިންގ މަޝްރޫޢަކީ، 2028 ގެ ޖުލައި މަހާ ހަމައަށް ނިންމޭނޭ މަޝްރޫޢެއް ކަމަށް ވިދާޅުވެ، އެ މަޝްރޫޢުގެ ހުރިހާ ހައުސިންގ ޔުނިޓުތަކުގައި އެހާތަނަށް މީހުން ދިރިއުޅޭނޭ ކަމަށް  އަންދާޒާ ކުރެއްވިއެވެ. އަދި މިހާރު ހުޅުވާލާފައިވާ އަށްހާހެއްހާ ފްލެޓްގެ ސްކީމަކީވެސް، މި ދައުރުގެ ތެރޭ ނިންމުމަށް ގަސްދު ކުރައްވާފައިވާ ސްކީމެއް ކަމުގައި ވިދާޅުވިއެވެ. އަދި ބޭރުގެ އެހީގައި ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ އަދާހަމަވެސް ގާތުން ބައްލަވަމުން ގެންދަވާ ކަމަށާއި، އަތޮޅު ތެރޭގައި ހިންގާ މަޝްރޫޢުތައްވެސް، ދައުރުގެތެރޭގައި ނިންމޭނޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *