މާލޭގެ މޭޔަރު ކަމަށް ޕީއެންސީން ވާދަކުރައްވާ މޫސާ އަލީ ޖަލީލަށް ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ތާއީދުކުރައްވާ އެންޑޯޒް ކުރައްވައިފިއެވެ.
ޖަލީލް މިއަދު ޗަމްޕާގިރިއަށް ޒިޔާރާތް ކުރައްވައި އުއްޗުއާ ބައްދަލުކުރެއްވި ބައްދަލުވުމުގައި، ޖަލީލް އިންތިހާބު ކުރުމަށް ތާއީދު ކުރައްވާ ކަމަށާއި ވޯޓު ހޯދުމަށް ފުރިހަމައަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް އުއްޗު ވިދާޅުވިއެވެ.
އުުއްޗު ވިދާޅުވީ، މި ފަހަރު މޭޔަރު ކަމަށް ވާދަކުރައްވާ ބޭފުޅުންގެ ތެރެއިން ގައުމީ ހިދުމަތުގެ އެންމެ ފަހުރުވެރި ރެކޯޑެއް އޮތީ ޖަލީލުގެ ކަމަށެވެ. ސިފައިންގެ ހިދުމަތުގައި ކެރުމާއި ހިތްވަރާއި ރީތި ނަމޫނާ ދައްކަވާފައިވާ ޖަލީލް ފަދަ ބޭފުޅެއްގެ ހިދުމަތަށް ގައުމު ބޭނުންވެފައިވާ ކަމަށް ވެސް އުުއްޗު ވިދާޅުވިއެވެ. ގައުމީ ހިދުމަތުގައި އިތުބާރު ހިފެހެއްޓިގެން މަސައްކަތްކުރައްވާ ބޭފުޅުން ޒިންމާދާރު މަގާމުތަކުގައި ތިއްބެވުމަށް އަބަދުވެސް އިސްކަންދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ އިންތިހާބަށް ކެމްޕެއިން ފޯރި ގަދަވެފައިވާ ދަނޑިވަޅެއްގައި، މާލޭ ފުރަތަމަ މޭޔަރު ސަރަނގު އާދަމް މަނިކާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްވެސް ވަނީ ޖަލީލަށް ތާއީދު ކުރައްވާ ކަން ހާމަ ކުރައްވައިފައެވެ.





