ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށާއި، ފެމެލީ ކޯޓުގެ އިސް ގާޒީ ކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ހުޅުވާލަިފިއެވެ.
ޖޭއެސްސީން މިއަދު ކުރި އިއުލާނުގައި ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށް ކުރިމަތިލާން އެ ކޯޓުގެ ފަނޑިޔާރުންނަށް ހުޅުވާލާފައިވާއިރު ފެމެލީ ކޯޓުގެ އިސް ގާޒީ ކަމަށް ހުޅުވާލާފައިވަނީ އެ ކޯޓުގެ ގާޒީންނަށެވެ.
ހައި ކޯޓުގައި މި ވަގުތު ތިއްބެވީ 11 ފަނޑިޔާރުންނެވެ. ކޯޓުގެ ހިންގުމާ ވަގުތީ ގޮތުން މިވަގުތު ހަވާލުވެވަޑައިގެން ހުންނެވީ ފަނޑިޔާރު އަބްދުﷲ ޖަމީލު މޫސާ އެވެ.
ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމުގެ މަގާމު ހުސްވީ އެ މަގާމުގައި މީގެކުރިން ހުންނެވި ފަނޑިޔާރު ހުސައިން ޝަހީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމާ ގުޅިގެންނެވެ.
އޭގެ ފަހުން އިސް ފަނޑިޔާރު ކަމަށް ހުޅުވައިލި ފުރުސަތުގައި އޭރުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ކުރިމަތިލެއްވުމުން އޭނާއަށް އެ މަގާމު ދޭން ޖޭއެސްސީން ނިންމި ނަމަވެސް، ފަނޑިޔާރު ފައިސަލްއަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވުމާއެކު އޭނާ އިސްތިއުފާ ދެއްވިއިރުވެސް އިސް ފަނޑިޔާރުކަމުގެ މަގާމު ރަސްމީކޮށް ހަވާލެއް ނުކުރެ އެވެ. ނަމަވެސް ވަގުތީ ގޮތުން ކޯޓު ހިންގަވަމުން ގެންދެވީ ފައިސަލް އެވެ.
ފެމެލީ ކޯޓުގެ އިސް ގާޒީގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި އިބްރާހިމް މާހިރު، ހައި ކޯޓުގެ ފަނޑިޔާރެއްގެ މަގާމަށް އައްޔަން ކުރުމާ ގުޅިގެންނެވެ. ފެމެލީ ކޯޓުގައި މި ވަގުތު ހަތް ފަނޑިޔާރުން އެބަ ތިއްބެވެ.





