އޮފީހަށް ނުކުތުން މަނާކުރިތާ ހަތަރު އަހަރުވުމާ ގާތްވެފައި ވަނިކޮށ،ް 11 އޮގަސްޓު 2024 ވަނަ ދުވަހު ވަޒީފާއިން ވަކިކުރި، އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) އިން ވަކިކުރި ސީނިއާ އެކައުންޓް ކޯޑިނޭޓަރަށް ވަޒީފާ ދޭން ވަޒީފާއާބެހޭ ޓްރައިބިއުނަލުން އަމުރުކޮށްފިއެވެ.
މި މައްސަލައަކީ، މ. އެނބޫދޫ، މާގެ އަހްމަދު އަލީގެ ފަރާތުން ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައެކެވެ.
މި މައްސަލައިގައި ބުނެފައިވަނީ އައިއޭއެސްގެ ސީނިއާ އެކައުންޓްސް ކޯޑިނޭޓާ (ގްރޭޑް 1) ގެ މަގާމު އަދާކުރަމުން ދަނިކޮށ،ް ކުންފުނީގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓަށް ހުށަހެޅި ޝަކުވާއަކާ ގުޅިގެން އެ މައްސަލަ ތަހުގީގު ކުރުމަށް 11 ނޮވެންބަރު 2020 ވަނަ ދުވަހުން ފެށިގެން އަހްމަދު ވަޒީފާއަށް ނުކުތުން މަނާކުރުމަށްފަހ،ު އިތުރު އެއްޗެއް އެންގުމަކާ ނުލައ،ި އޮފީހަށް ނުކުތުން މަނާކުރިތާ ހަތަރުއަހަރުވުމާ ގާތްވެފައިވަނިކޮށ،ް 11 އޮގަސްޓު 2024 ވަނަ ދުވަހު މައުލޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމުކުރުމަކާ ނުލައި ވަޒީފާއިން ވަކިކޮށްފައިވާކަމަށެވެ.
އެހެން ކަމުން އޭނާ ވަޒީފާއިން ވަކިކުރީ، މައުލޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމު ކުރުމެއްނެތ،ި ވަޒީފާއާބެހޭ ގާނޫނާ ހިލާފަށްކަމަށް ކަނޑައަޅައި ދިނުމަށާއ،ި އޭނާ ވަޒީފާއަށް ނުކުތުން ހުއްޓުވާފައި ވަނީ ވަޒީފާއާބެހޭ ގާނޫނާ ހިލާފަށްކަމަށް ކަނޑައަޅައި ދިނުމަށާއ،ި އޭނާއަށް އަލުން ވަޒީފާ އިއާދަކޮށްދިނުމަށާއ،ި ވަޒީފާގެ މަސައްކަތަށް ނުކުތުން ހުއްޓުވި ދުވަހުން ފެށިގެން ވަޒީފާ އަނބުރާ އިއާދަކުރާ ދުވަހާ ހަމައަށް އޭނާއަށް ފަރާތަށް ލިބެމުންދިޔަ މުސާރަ އާއި އިނާޔަތްތައް ދިނުމަށް އައިއޭއެސްގެ މައްޗަށް އަމުރުކޮށްދިނުމަށް ޓްރައި ބިއުނަލް ހުށަހެޅި މައްސަލައިގައި އޭނާ ވަނީ އެދިފައެވެ.
އޭގެ އިތުރުން އައިއޭއެސްގެ ފައިސާ ނަހަމަގޮތުގައި ބޭނުންކުރުމުގެ ސަބަބުންކަމަށް ބަޔާންކޮށް އެ ކުންފުންނަށް އޭނާ ދައްކަންޖެހޭ ކަމަށް ބަޔާންކޮށްފައިވާ 382,331 ރުފިޔާއަކީ އައިއޭއެސްއަށް ދައްކަންޖެހޭ ފައިސާއެއް ނޫންކަމަށްކަނޑައަޅައި ދިނުމަށާއ،ި މި މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅަން ހަރަދުވި 15,000 ރުފިޔާ އެ ކުންފުނީގެ ފަރާތުން ނަގައިދިނުމަށްވެސް އެދިފައިވެއެވެ.
މި މައްސަލައާ ގުޅިގެން ދެ ފަރާތުން ހުށަހެޅި ހުށަހެޅުންތަކަށް ބެލުމަށްފަހު ޓްރައި ބިއުނަލުން ނިންމާފައިވަނީ އަހްމަދު އަލީ ވަޒީފާއިން ވަކިކޮށްފައި ވަނީ އެކަށީގެންވާ ސަބަބެއް ނެތ،ި މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ގާއިމުކުރަންޖެހޭ މައުލޫއީ އަދުލުވެރިކަން ގާއިމުނުކޮށްކަމަށެވެ.
އެހެންކަމުން އައިއޭއެސްގެ މައްޗަށް އަމުރުކޮށްފައި ވަނީ، އަހްމަދު އަލީ އަދާކުރަމުންދިޔަ ސީނިއާ އެކައުންޓްސް ކޯޑިނޭޓާ (ގްރޭޑް 1) ގެ މަގާމަށް އޭނާ ރުޖޫއަކުރުމަށެވެ. އަދި އޭނާއަކީ ވަޒީފާއިން ވަކިވެފައިވާ މީހަކު ކަމުގައި ނުބެލުމަށާއި، ގެއްލުމުގެ ބަދަލުގެ ގޮތުގައި އޭނާއަށް ލިބެމުންދިޔަ މުސާރަ އާއި އިނާޔަތްތަކުގެ ނިސްބަތުން އެކެއް އަހަރުދުވަހުގެ މުސާރަ އާއި ޢިނާޔަތްތައް ދިނުމަށް ވެސް އަމުރުކޮށްފައިވެއެވެ.
މުވައްޒަފެއްގެ ސަބަބުން ވަޒީފާދޭ ފަރާތަށް ލިބޭ ގެއްލުމަށް ބަދަލު ދިނުމާގުޅޭ އުސޫލު ބަޔާންކުރާގޮތުން، ވަޒީފާދޭ ފަރާތުގެ މުދަލަށް ނުވަތަ ވިޔަފާރިއަށް ގެއްލުމެއް ލިބޭނެކަން އެނގިހުރެ މުވައްޒަފަކު ކުރާ އަމަލަކުނ،ް ނުވަތަ ނުކޮށް ދޫކޮށްލާ ކަމެއްގެސަބަބުނ،ް ވަޒީފާދޭ ފަރާތަށް ލިބުނު ގެއްލުމަށް އެކަށީގެންވާ ބަދަލު ދިނުމަށް، ކަނޑައެޅިދާނެއެވެ.
ނަމަވެސް ޓްރައިބިއުނަލްގެ ނިންމުމުގައި ބުނެފައި ވަނީ، އެ ބަދަލަކީ މުތުލަގަށް ވަޒީފާދޭ ފަރާތުން ހަމައެކަނި ބަޔާންކުރާ ކުރުމަކަށް ނަގައިދެވިދާނެ ބަދަލެއްކަމަށްނުދެކޭ ކަމަށެވެ. އަދި ވަޒީފާދޭ ފަރާތަށް ލިބިފައިވާ ގެއްލުމާއ،ި ގެއްލުމުގެ ތަފްސީލުތަކާއ،ި އެ ގެއްލުމަކީ މުވައްޒަފުގެ ފަރާތުން ލިބުނު ގެއްލުމެއްކަން ވަޒީފާދޭފަރާތުން ސާބިތުކޮށްދޭންޖެހޭނެކަމަށްވެސް ބުނެފައިވެއެވެ.
އެހެންނަމަވެސ،ް މި މައްސަަލަ ހުށަހެޅި އަހްމަދު އަލީގެ ފަރާތުން އައިއޭއެސްއަށް 382,331 ރުފިޔާ ދައްކަންޖެހޭ ކަމަށް ބަޔާންކޮށް އައިއޭސްއިން ފޮނުވާފައިވާ އިސްވޮއިސްގައި ބަޔާންކޮށްފައިވާ ފައިސާއަކީ ދައްކަންޖެހޭ ފައިސާއެއް ނޫންކަމަށް އަހްމަދު އަލީގެ ފަރާތުންފާހަގަކުރާ ނުކުތާއަށް އައިއޭއެސްގެ ފަރާތުން ޖަވާބުދީފައި ނުވާ ކަމަށް ބުނެފައިވެއެވެ.
އެހެންކަމުން ފައިސާ ނަހަމަ ގޮތުގައިބޭނުންކޮށްފައިވާކަން އައިއޭއެސްއަށް ސާބިތުކޮށްދެވިފައިނުވާތީ އެ ފައިސާއަކީ އަހްމަދު އަލީ ދައްކަންޖެހޭ ފައިސާއެެއްނޫން ކަމަށްވެސް ވަނީ ކަނޑައަޅައިފައެވެ.
ނަމަވެސް މި މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅުމުގައި ގާނޫނީ ވަކީލާއި މުވައްކިލާދެމެދު އެއްބަސްވާ މަސައްކަތާއި ފީ އެނގޭނެފަދަ އެއްވެސް ލިޔުމެއް މައްސަލަ ހުށަހެޅި ފަރާތުން ހުށަހަޅާފައިނުވުމާއި، ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމަށް އެނޫންވެސް ހަރަދެއްކޮށްފައިވާނަމަ އެ ހަރަދެއްގެ ތަފްސީލު ހިމެނޭ އެއްވެސް ލިޔެކިޔުމެއް މައްސަލަ ހުށަހެޅި ފަރާތުން ހުށަހަޅާފައިނުވާތީ، މައްސަލަ ހުށަހަޅަން ހަރަދުވި ކަމަށް އަހްމަދު އަލީ ބުނެފައިވާ 15,000 ރުފިޔާ ނަގައިދިނުމަށް އަމުރުކުރެވިދާނެ ހަމައެއް ނެތް ކަމަށްވެސް ޓްރައިބިއުނަލުން ވަނީ ނިންމައިފައެވެ.





