އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގައި ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ރިކޯޑާ މެދު “ޔޫއެން ވޮޗް” ގެ ފަރާތުން ބޮޑެތި ތުހުމަތުތަކެއްކޮށް، ރާއްޖޭގެ ހާލަތު އޮޅުވާލަން މަސައްކަތްކުރާ ކަމަށް ބުނެ ހިލޭލް ނިއުޔާ ވަރުގަދަ ބަޔާނެއް އިއްވައިފިއެވެ. މިއަދު އިއްވި މި ބަޔާނުގައި އޭނާ ވަނީ ރާއްޖޭގެ މީޑިއާތަކަށް އޮތް ހުރަސްތަކާއި، އިންތިޚާބުތަކުގެ އިންސާފުވެރިކަމާ މެދު ހުރި ކަންބޮޑުވުންތައް ފާޅުކޮށްފައެވެ.
ހިލޭލް ނިއުޔާ ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ މީޑިއާތަކަށް ހުރަސްއެޅުމަށްޓަކައި ހަރުކަށި ގާނޫނުތަކާއި ފުރައްސާރަ ކުރުންތައް ދަނީ ބޭނުންކުރަމުންނެވެ. ވަކިން ޚާއްސަކޮށް، ސަރުކާރުގެ ތާއީދާއެކު އުފައްދާފައިވާ އާ މީޑިއާ ކޮމިޝަނަށް، މީޑިއާ އައުޓްލެޓްތަކަށް އަދަބުދީ، އެ ތަންތަން ބަންދުކުރުމުގެ ބާރު ދީފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. މިއީ ނޫސްވެރިކަމުގެ މިނިވަންކަން ހަނިކުރުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.މީގެ އިތުރުން، ރާއްޖޭގެ އިންތިޚާބީ ނިޒާމުގެ ތެރޭގައި ވޯޓު ގަތުމުގެ ތުހުމަތުތަކާއި، ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން ފަމަ ސީރިއަސް މައްސަލަތައް ހުރި ކަމަށް މި ބަޔާނުގައި ބުނެފައިވެއެވެ. މިފަދަ ކަންކަމުގެ ސަބަބުން އިންތިޚާބުތަކުގެ ސައްހަކަމާއި އިންސާފުވެރިކަމާ މެދު ސުވާލު އުފެދޭ ކަމަށް ނިއުޔާ ވިދާޅުވިއެވެ.
ރާއްޖޭގައި ދީނީ މިނިވަންކަން ނެތުމާއި، އަންހެނުންނަށް ކުރާ ތަފާތުކުރުންތަކާއި، އަންހެން ކުދިންގެ “ޖިންސީ ގުނަވަން ބުރިކުރުން” ފަދަ އަމަލުތައް ހުއްޓުވަން ސަރުކާރުން އިންކާރުކުރާ ކަމަށް ވެސް މި ބަޔާނުގައި ތުހުމަތުކޮށްފައިވެއެވެ. ނިއުޔާ ވިދާޅުވީ، ރާއްޖޭގެ ހާލަތު ރަނގަޅު ކަމަށް ބުނެ ޗައިނާ، ރަޝިޔާ އަދި މިސްރު ފަދަ ގައުމުތަކުން ކުރާ ތައުރީފަކީ ހަގީގަތް ފޮރުވުމަށް ކުރާ “ވައިޓްވޮޝް” އެއް ކަމަށެވެ.
ބަޔާން ނިންމަވާލައްވަމުން ހިލޭލް ނިއުޔާ ވިދާޅުވީ، ރާއްޖޭގައި އިންސާނީ ހައްގުތަކުން މަހުރޫމްވެފައިވާ ފަރާތްތަކުން މި ރިޕޯޓް ބަލައިގަތުމާ ދެކޮޅު ހަދާ ކަމަށެވެ. އެހެންކަމުން، މިފަދަ އިހުމާލުތަކާއި އިންސާނީ ހައްގުތަކަށް އަރައިގަތުންތައް ފޮރުވައިގެން ރިޕޯޓް ފާސްކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.





