ހަނގުރާމައިގައި ރާއްޖޭގެ ސަރަހައްދު ބޭނުން ކުރަން ނުދޭނަން: ރައީސް

ހަނގުރާމައިގައި ރާއްޖޭގެ ސަރަހައްދު ބޭނުން ކުރަން ނުދޭނަން: ރައީސް

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގައި، ނުވަތަ އެހެން ވެސް ހަނގުރާމައެއްގައި ރާއްޖޭގެ އެއްވެސް ސަރަހައްދެއް ބޭނުންކުރުމަށް ފުރުސަތު ނުދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އެމެރިކާ އާއި އިޒްރޭލުން ފެށި ހަމަލާތަކަކީ ސަރުކާރުން ހަރުކަށި ބަހުން ކުށްވެރިކުރާ ކަމެއް ކަމަށެވެ. އަދި، ކޮންމެ ގައުމެއްގެ ވެސް މިނިވަންކަމާއި އިސްތިގުލާލަށް އިހްތިރާމް ކުރަންޖެހޭ ކަމަށާއި، ހިނގަމުންދާ ހަމަލާތައް މިހާރުން މިހާރަށް ހުއްޓާލަންޖެހޭ ކަމަށް ވިދާޅުވިއެވެ.

ހަނގުރާމައިގައި ރާއްޖޭގެ ސަރަހައްދު ބޭނުންކުރުމަށް ފުރުސަތު ދޭން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް ދޮގު ކުރައްވަމުން ރައީސް ވިދާޅުވީ، އިޒްރޭލު ފިޔަވައި ހުރިހާ ގައުމަކާ ވެސް ރާއްޖެ ގުޅުން ބަދަހިކުރާނެ ކަމަށެވެ. ނަމަވެސް، އެއްވެސް ގައުމެއްގެ އަސްކަރީ ބޭނުމަކަށް ރާއްޖޭގެ ސަރަހައްދެއް ދޫކޮށްލައްވަން ތައްޔާރުވެ ވަޑައިނުގަންނަވާ ކަމަށް ވިދާޅުވިއެވެ.

"ރާއްޖެއަކުންނެއް އެއްވެސް ފުރުޞަތެއް ނުދޭނަން އިސްލާމީ ޤައުމަކާ ދެކޮޅަށް ދޭ ހަމަލާއަކަށް ޖާގަ ދޭކަށެއް. އެއީ އަޅުގަނޑުމެން ކުރާނެ ކަމެއް ނޫން. އެ ހަނގުރާމަ ޖެހޭނީ މިހާރުން މިހާރަށް ހުއްޓެން. އެ ހަނގުރާމައިގައި ހަމަލާދޭ އެއްވެސް ފަރާތަކުން ދީގެންވާނެ ހަމަލާއެއް ނޫން. އީރާނުން ހަމަލާދޭނަމަ ދޭންޖެހޭނީ ސީދާ އިޒްރޭލަށް. އެއީ އަޅުގަނޑުމެން ގަބޫލުކުރާގޮތް،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ހިނގަމުންދާ ހަމަލާތަކަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ވެސް ހިލާފު ކަންތައްތަކެއް ކަމަށާއި، ދިވެހި ސަރުކާރުން ކަނޑައެޅިގެން ދެކޮޅު ހައްދަވާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *