ފެންނަ ނުފެންނަ ވޯޓު ހުއްޓުވަން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި

ފެންނަ ނުފެންނަ ވޯޓު ހުއްޓުވަން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި

އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ، ކައުންސިލްތަކުގެ އިންތިހާބުގެ ވޯޓާއެކު، ރިޔާސީ އިންތިހާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާއި މެދު ރައްޔިތުންގެ ހިޔާލު ހޯދަން ނަގަން ނިންމާފައިވާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުމަށް ހިމަނާފައިވާ ސުވާލު ގާނޫނުއަސާސީއާ ހިލާފު ކަމަށް ބުނެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގެންފިއެވެ.

ފެންނަ ނުފެންނަ ވޯޓުގައި އަހަން ހަމަޖެހިފައިވާ ސުވާލަކީ، "ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާން ކުރުމަށްޓަކައި މަޖިލީހުން ފާސްކޮށްފައިވާ ގާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމަށް ފެނޭ ހެއްޔެވެ؟"

މ،ި ސުވާލު ގާނޫނުއަސާސީއާ ހިލާފު ކަމަށް ކަނޑައަޅައި ދިނުމަށްއެދި ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ އަހުމަދު އައިކް އީސާ އާއި އިބްރާހީމް ޝިޔާމް އެވެ.

މި މައްސަލަ ކޯޓަށް ބަލައިގެންފައިވާ ކަމަށް އެ ދެފަރާތަށް މިހާރު ވަނީ ކޯޓުން އަންގައިފައެވެ.

ސުޕްރީމް ކޯޓުގެ ރެޖިސްޓްރާ ރައުފާ ހައިދަރު، އައިކް އާއި ޝިޔާމަށް ފޮނުވި ލިޔުމުގައި މި މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ ގަވާއިދުތަކާ އެއްގޮތަށް ކަމުން، މި މައްސަލައަށް ހުއްދަ ދީފައިވާނެ ކަމަށް ވަނީ އަންގައިފައެވެ.

މި މައްސަލައިގެ އިތުރުން، އަންނަ އޭޕްރީލް މަހު 4 ގައި ނަގާ ފެންނަ ނުފެންނަ ވޯޓު ގާނޫނުއަސާސީއާ ހިލާފް ކަމަށް ބުނެ ވޯޓު ނެގުން ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ގާނޫނީ ވަކީލް އަލީ ހުސައިންވެސް ވަނީ ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަަހަޅައިފައެވެ.

އަލީ ހުސައިން ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ރައްޔިތުންގެ މަޖިލީހުގެ މިދިޔަ މަހު ގާނޫނު އަސާސީއަށް ގެނައި އިސްލާހު މިހާރު ބާތިލްވެފައިވާ ކަމަށް ކަނޑައެޅުމަށެވެ.

އެކަމާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ހުސެއިން ވިދާޅުވީ ގާނޫނު އަސާސީއަށް ގެންނަ އިސްލާހުތައް 15 ދުވަހުގެ ތެރޭގައި ތަސްދީގުކުރަން ޖެހޭނެ ކަމަށް ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ ކަމަށެވެ. ދެ އިންތިހާބު އެއްކޮށްލަން ގާނޫނުއަސާސީއަށް ގެނައި އިސްލާހު ތަސްދީގު ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް މަޖިލީހުން ފޮނުވީ މިދިޔަ މަހުގެ 11 ވަނަ ދުވަހުކަމަށްކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.

ކޮންމެ ގޮތަކަށް ގުނިއަސް ގާނޫނުއަސާސީގައި ބުނާ މުއްދަތު މިހާރު ފާއިތުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ބާތިލްވެފައިވާ ބިލަކާ މެދު ނަގަންޖެހޭ ފެންނަ ނުފެންނަ ވޯޓެއް ނޯންނާނެ ކަމަށެވެ.

ވަކީލް އައިކްއާއި ޝިޔާމް ވިދާޅުވީ ފެންނަ ނުފެންނަ ވޯޓު ނެގުމަށް ރައީސް ނެރުއްވި ގަރާރުގައި ހުށަހަޅާފައިވަނީ ގާނޫނު އަސާސީއާ ހިލާފު ސުވާލެއް ކަމަށެވެ.

ފެންނަ ނުފެންނަ ވޯޓުގައި އަހާ ސުވާލަކީ ރިޔާސީ އިންތިހާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ "ގާނޫނު އަސާސީއަށް އަށް ވަނަ އިސްލާހު ގެނައުމުގެ ބިލް" ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމަށް ފެނޭތޯ ނުވަތަ ނޫންތޯއެވެ.

އެކަމާ ގުޅިގެން އައިކު ވިދާޅުވީ ފެންނަ ނުފެންނަ ވޯޓެއް ނަގަން ގާނޫނު އަސާސީގައި އޮންނަނީ 262 ވަނަ މާއްދާގެ ށ. ގައި ބުނާ ކަންކަމަކަށް ބަދަލެއް ގެންނަ ނަމަ، ކަމަށެވެ.

ނަމަވެސް ވޯޓުގައި އަހާފައިވަނީ ގާނޫނު އަސާސީއަށް ގެނައި އިސްލާހެއް ތަސްދީގުކުރުމާ ބެހޭގޮތުންކަމަށް އައިކް ވިދާޅުވިއެވެ. އެފަދަ އިސްލާހެއް ތަސްދީގުކުރުމާ ބެހޭގޮތުން ރައްޔިތުންނާ ސުވާލު ކުރީމަ ރައްޔިތުންނަށް އިތުރަށް އޮޅުންތަކެއް އަރާނެކަމަށް އޭނާ ވިދާޅުވިއެވެ.

ދެ އިންތިހާބު އެއްކޮށްލުމާ ދެކޮޅަށް އަޑު އުފުލަމުން އަންނަނީ އިދިކޮޅު އެމްޑީޕީންނެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މާމިގިނލީ ދާއިރާގެ މަޖިލިސް މެންބަރު ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީއާއި މީދޫ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ސިޔާމް މުހައްމަދު (ސަން ޝިޔާމް) ގެ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ވަނީ އެކަމަށް ތާއީދު ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *