އިތުބާރުކުރެވޭ މަގާމެއްގައި ހުރެ، ތިމާގެ އަމިއްލަ ދޮންދަރިއަށް 12 އަހަރުވަންދެން ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުވާ ސިފައިންގެ މީހަކު، އާއިލާއިން ނިހާޔަތަށް އިހާނެތިކޮށް މިއަދު ވަނީ ގެއިން ބޭރުކޮށްލާފައެވެ.
މި ހިތްދަތި ހަގީގަތް ބޭޒާރުވީ މިއަދު އާއިލާގެ މީހުން އެއްވެ ތިބި ވަގުތެއްގައެވެ. މިހާރު އުމުރުން 18 އަހަރު ފުރިފައިވާ އެ އަންހެން ކުއްޖާ، އޭނާގެ ހަށިގަނޑާއި ނަފްސަށް ލިބެމުންދިޔަ ބަޔާންކުރަންދަތި އަނިޔާތަކުގެ ވާހަކަ އާއިލާގެ ކުރިމަތީގައި ބަންޑުންކޮށްލީ ގިސްލާ ރޮމުންނެވެ.
ކުޑަކުޑަ އަށް އަހަރުގެ މައުސޫމް ކުއްޖެއްގެ ގޮތުގައި ހުއްޓައި ފެށުނު މި ވަހުޝީ އަމަލުތައް 12 އަހަރު ވަންދެން ހިނގަމުންދިޔަ ކަން އެނގުމާއެކު، އާއިލާގެ ކެތްތެރިކަން ކޮޅުންލައި މުޅި މާހައުލު ހިތާމައިން ފުރުނެވެ. މިކަމުގެ ބަދަލެއްގެ ގޮތުން، އިންތިހާއަށް ރުޅިއައިސްފައި ތިބި އާއިލާގެ މީހުން ވަނީ އެމީހާގެ ހުރިހާ ސާމާނެއް މަގުމައްޗަށް އުކާލައި، ހަމަ އެވަގުތުން ވަގުތަށް އޭނާ ގެއިން ނެރެ ފޮނުވާލާފައެވެ.
މަގުމައްޗަށް އުކާލި ހިރަފުސް ތަކެތީގެ ތެރޭގައި، ގައުމީ ހިދުމަތުގައި އޭނާ އަޅަމުންދިޔަ ސިފައިންގެ ޝަރަފުވެރި ޔުނީފޯމް ވެސް އޮތީ ހަޑިމުޑުދާރު އަމަލެއްގެ ލަދުވެތި ހެކިބަހެއް ފަދައިންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ނޯތު ޕޮލިސް ރީޖަންގައި ހިމެނޭ ރަށެއްގައި އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ، ކުޑައިރުން ފެށިގެން އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް މިއަދު މެންދުރުފަހު ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ހާމަކުރެއްވިއެވެ.
މި ހާދިސާއާ ގުޅިގެން މުޅި ރަށަށް ވަނީ ބޮޑު ސިހުމެއް ލިބިފައެވެ. ނަމަވެސް، މިހާތަނަށް މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވެ އެެވެ.





