ފުރޮޅާލި ކާރުގެ ޑްރައިވަރަށް ސީރިއަސް އަނިޔާތަކެއް، އިތުރު ތިން މީހަކަށްވެސް އަނިޔާވި

ފުރޮޅާލި ކާރުގެ ޑްރައިވަރަށް ސީރިއަސް އަނިޔާތަކެއް، އިތުރު ތިން މީހަކަށްވެސް އަނިޔާވި

އައްޑޫ ސިޓީ ހިތަދޫ ހިއްކި ސަރަހައްދުގައި ބާރު ސްޕީޑުގައި ދުއްވި ކާރެއް ފުރޮޅާލައިފިއެވެ.

ފުލުހުން ވިދާޅުވީ އައްޑޫގައި ބާރު ސްޕީޑްގައި ދުއްވި ކާރެއް ފުރޮޅާލައި އެކްސިޑެންޓުވެފައިވާ ކަމުގެ މައުލޫމާތު މިއަދު ހަވީރު 16:50 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، ހޮންޑާ ބްރޭންޑްގެ ކާރު ފުރޮޅާލުމުގެ ސަބަބުން އެއްކޮށްހެން ވަނީ ފުނޑުފުނޑުވެފައެވެ.

މި އެކްސިޑެންޓުގައި ފުރޮޅާލީ އައްޑޫގައި ޓެކްސީ ހިދުމަތް ދެމުން އަންނަ "ވިޝަން ޓެކްސީ" ގެ އަޅި ކުލައިގެ ކާރެކެވެ.

މި ހާދިސާ ހިނގިއިރު ކާރުގައި ތިބި ހަތަރު މީހުންނަށްވެސް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު، އޭގެ ތެރެއިން ކާރު ދުއްވި ޑްރައިވަރަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. ސީރިއަސް ހާލަތުގައި ވަނީ އުމުރުން 41 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އަނިޔާވި އެންމެންނަށް މިހާރު ދަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ވިދާޅުވީ އަނިޔާވެގެން ގެނައި މީހުންގެ ތެރެއިން އެކަކުގެ ހާލު ވަރަށް ސީރިއަސް ކަމަށާއި ދެން ތިބި މީހުންގެ ހާލު "ސްޓޭބަލް" ކަމަށެވެ. އެމީހުންނަށް ލިބިފައި ހުރި ގެއްލުންތަކުގެ ތަފްސީލެއް ހޮސްޕިޓަލުން ނުދެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *