ލޯންޗު އެކްސިޑެންޓުގައި އަތް ބުރިވި މީހަކު އިތުރު ފަރުވާއަށް އިންޑިއާއަށް

ލޯންޗު އެކްސިޑެންޓުގައި އަތް ބުރިވި މީހަކު އިތުރު ފަރުވާއަށް އިންޑިއާއަށް

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ، ވ. ފެލިދޫ ކައިރިން އިންޑިއާގެ ބިލިނިއަރު، ރޭމަންޑް ގުރޫޕްގެ ޗެއާމަން ގޯތަމް ސިންގްހާނިއާގެ ލަގްޒަރީ ލޯންޗު އެކްސިޑެންޓުވި ހާދިސާގައި އަތެއް ބުރިވި އިންޑިއާގެ މީހަކު، އިތުރު ފަރުވާ ދިނުމަށް މިއަދު އިންޑިއާއަށް ގޮސްފިއެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ވިދާޅުވީ ފެލިދޫ ކައިރިން ހިނގި ހާދިސާގައި ލޯންޗުގައި ތިބި ހަތް މީހުންނަށް ވެސް އަނިޔާވިއެވެ. އެއީ އިނގިރޭސި ވިލާތާއި ރަޝިއާގެ ދެ އަންހެނަކާއި އިންޑިއާގެ ފަސް ރައްޔިތުންނެވެ. މީގެތެރޭގައި ބިލިއަނަރު ގޯތަމް ވެސް ހިމެނެއެވެ.

އެމީހުންނަށް އެންމެ ފުރަތަމަ ފަރުވާ ދިނީ ވ. އަތޮޅު ހޮސްޕިޓަލުގައެވެ.

އޭގެ ތެރެއިން ރަޝިއާގެ އަންހެނަކަށާއި އިންޑިއާގެ ފިރިހެނަކަށް މިހާރު ފަރުވާދެނީ ހުޅުމާލެ ޓްރީ ޓޮޕް ހޮސްޕިޓަލްގައެވެ. މި ހާދިސާގައި އަތެއް ބުރިވެ، ސީރިއަސް އަނިޔާތަކެއް ލިބުނު އިންޑިއާގެ ފިރިހެނަކު، އިތުރު ފަރުވާ ހޯދުމަށްޓަކައި މިއަދުގެ ވަގުތެއްގައި އިންޑިއާއަށް ފުރާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ހާދިސާ ހިނގިއިރު، ލޯންޗުގައި ތިބި އިތުރު ދެ މީހަކު އިއްޔެ އިންޑިއާއަށް ގޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި މި ހާދިސާގައި އުޅަނދުން ކަނޑަށް ވެއްޓިފައިވަނީ ފަސް މީހުންނެވެ. އެއީ ރަޝިއާގެ އަންހެން މީހާގެ އިތުރުން އިންޑިއާއަށް ނިސްބަތްވާ ހަތަރު ފިރިހެނުން ކަމަށް ފުލުހުން ވިދާޅުވިއެވެ. މި ހާދިސާ ހިނގި ގޮތުގެ ތަފްސީލެއް ފުލުހުން ނުދެއެވެ.

މި ހާދިސާގައި ކަނޑަށް ގެއްލުނު އިންޑިއާގެ ދެ މީހަކު ހޯދުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން އަދިވެސް ދަނީ ކުރަމުންނެވެ. މި ހާދިސާ ދިވެހި ފުލުހުންގެ ހިދުމަތުން ދަނީ ތަހުގީގު ކުރަމުންނެވެ.

މި ލޯންޗަކީ ގޯތަމްގެ ލަގްޒަރީ ޔޮޓް ޓީޓީ އަޝޭނާގައި ގެންގުޅޭ ކުޑަ ލޯންޗެކެވެ. ގެއްލިގެން ހޯދާ އެކަކަކީ އިންޑިއާގެ މޮޓޯ ސްޕޯޓްސްގައި މަޝްހޫރު ހަރީ ސިންގެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *