އދ. ދިގުރަށުގައި ބިދޭސީން ދިރިއުޅޭ އެކޮމޮޑޭޝަން ބްލޮކެއްގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި، އެ ތަނުގެ ތެރޭގައި ތާށިވެފައި ތިބި މީހުން ސަލާމަތްކުރަން ފުލުހުންނާއި އާންމުންނަށް މަޖުބޫރުވީ ގޭގެ ފާރު ތަޅާލައިގެން އެތެރެއަށް ވަންނާށެވެ.
ފުލުހުން މަޢުލޫމާތު ދޭ ގޮތުގައި، މި ނުރައްކާތެރި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ ރޭ ދަންވަރު 01:57 ހާއިރުއެވެ. ރިޕޯޓު ލިބުނުތާ އެންމެ މިނެޓެއްގެ ތެރޭގައި، ނުވަތަ 01:58 ގައި ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައެވެ.
ފުލުހުން އެ ސަރަހައްދަށް ދިޔައިރު، ގޭގެ ބަދިގެ ތެރެއިން ވަރަށް ބޮޑަށް އަލިފާން ފެންނަމުން ދިޔުމުގެ ސަބަބުން، އާންމު ދޮރުތަކުން އެތެރެއަށް ވަނުމަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ.
އެހެންކަމުން، ގޭތެރޭގައި ތާށިވެފައި ތިބި މީހުންގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި، ފުލުހުންނާއި ރަށުގެ އާންމު ރައްޔިތުން ގުޅިގެން ވަނީ އެ ގޭގެ ބިތްދޮށު ފާރު ތަޅާލާފައެވެ.
ފާރު ތަޅާލައިގެން އެތެރެއަށް ވަދެވުނުއިރު، ހަތް މީހަކު ހަބަރު ހުސްވެފައި ތިއްބާ ފެނިގެން ވަނީ އެ ރަށު ސިއްހީ މަރުކަޒަށް ގެންގޮސްފައެވެ. ނަމަވެސް، ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް އޭގެ ތެރެއިން ފަސް މީހަކު މަރުވެފައިވާ ކަމަށް ފުލުހުން ކަށަވަރުކޮށްދެއެވެ.
މި ހާދިސާއާ ގުޅިގެން މިހާރު އެ ސަރަހައްދު ވަނީ ކޯޑަންކޮށްފައެވެ. އަދި އަލިފާން ރޯވާން މެދުވެރިވި ސީދާ ސަބަބު ދެނެގަތުމަށްޓަކައި، ފުލުހުންގެ މޭޖަ ކްރައިމް އިންވެސްޓިގޭޝަންގެ ހާއްސަ ޓީމެއް މިހާރު ދިގުރަށުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.





