ކުރިއަށް އޮތީ ހޫނު ގަދަ ދުވަސްތަކެއް: މެޓް

ކުރިއަށް އޮތީ ހޫނު ގަދަ ދުވަސްތަކެއް: މެޓް

އާންމު ގޮތެއްގައި ހުންނަވަރަށްވުރެ ފިނިހޫނުމިން މަތިވުމުގެ ފުރުޞަތު އަންނަ މަހު އެބައޮތްކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ރާއްޖެއަށް ހޫނު ގަދަ ދުވަސްވަރު ފެށިފައިވާކަމަށެވެ. އެ އިދާރާއިން ބުނީ މިމަހާއި އަންނަ މަހަކީ ކޮންމެ އަހަރެއްގައިވެސް ރާއްޖޭގެ ސަރަޙައްދަށް ހޫނުމިން އެންމެ މައްޗަށްދާ ދުވަސްވަރު ކަމަށެވެ.

މި ދުވަސްވަރު ވިލާ މަދުވެފައި ވައި މަޑުވެ އަދި ވައިގެ ތެތްކަމުގެ ނިސްބަތް މަތީގައި ހިފަހައްޓާކަމަށް އެ އިދާރާއިން ވިދާޅުވިއެވެ. އަދި ދުވާލުގެ ހޫނުމިން މަތިވާވަރާއި ރޭގަނޑުގެ ފިނިކަން ދަށްވާވަރާ އަޅާބަލާއިރު ފަރަގު ކުޑަވެއެވެ. އެހެންކަމުން އާންމު ވައިގެ ހޫނުމިނަށްވުރެ އިޙްސާސްކުރެވޭ ހޫނުމިން މަތިވެއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ އާންމު ގޮތެއްގައި ހުންނަވަރަށް ވުރެ ފިނިހޫނުމިން އަންނަމަހުވެސް މަތިވާނެކަމަށް ލަފާކުރެވޭކަމަށެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ދުވަހުގެ ހޫނުމިން އާއްމު ގޮތެއްގައި އެންމެ މައްޗަށްދާނީ މެންދުރުފަހު 14:00ހާއިރުކަމަށެވެ.

ހޫނު ގަދަވުމުގެ ސަބަބުން ދިމާވެދާނެ ބައެއް ޞިއްޙީ މައްސަލަތައް:

• ވަރުދެރަވުން
• އަކުނިވަޔަށްދެމުން
• ބޮލުގައި ރިއްސައި ބޯއެނބުރުން
• ހަށިގަނޑުގައި ފެންމަދުވުން
• ލޮލަށް ލިބޭ ގެއްލުން
• ހަންގަނޑު އެނދުމުގެ ސަބަބުން ހަންގަނޑު ރަތްވެ، ފޮޅުނެގުން އަދި ކުދި ރަތް ބިހި ނެގުން

ހޫނުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން:

• ބޭރަށްދާއިރު ކުޑަ ބޭނުން ކުރުން
• ކުލަމަޑު އަދި ހަށިގަނޑު ނިވާވާފަދަ ދޫހެދުން ލުން
• ބޯ ނިވާވާނެފަދަ ފުޅާ ތޮތްޕެއް ބޭނުންކުރުން
• އަވީގައި އުޅޭއިރު ސަންލޯޝަން ބޭނުންކުރުން
• ހަށިގަނޑުން ފެން މަދުވިޔަނުދިނުމަށް ކަރުނުހިއްކި ނަމަވެސް ގިނައިން ފެން ބުއިން
• އަވިއައިނު އެޅުން
• ހަށިގަނޑުން ފެން ބޭރުވިޔަ ނުދިނުމަށް ހަކުރު އެކުލެވޭ ބުއިންތައް މަދުކުރުން

ހޫނު ގަދަ ވަގުތު ތަކުގައި ކުޑަކުދިން ބޭރަށް ނުގެންދިއުމަށް ސަމާލުކަން ދޭންޖެހެއެވެ. އަދި ކޮންމެހެން ބޭރަށް ދާންޖެހިއްޖެ ޙާލަތެއްގައިވެސް ރައްކާތެރިކަމުގެ ފިޔަވަޅު އަޅާ ހޫނުގަދަ ވަގުތުގައި ބޭރުގަ އުޅޭވަގުތު މަދުކުރަންވާނެއެވެ. ތުއްތު ކުއްޖާއަށް ގިނައިން ދިޔާތަކެއްޗާއި ފެން ދިނުމަށް ސަމާލުވާންޖެހެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *