އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވެއްޖެ

އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވެއްޖެ

އިސްރާއީލާއި އެމެރިކާ ގުޅިގެން ދިން ހަމަލާތަކުގައި އީރާނުގެ ރޫހާނީ ލީޑަރު، އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވެއްޖެ ކަމަށް އިސްރާއީލުން ބުނެފިއެވެ.

އިސްރާއީލުގެ އޮފިޝަލުންނާއި ހަވާލާދީ އަލްޤުދުސްއާއި ޓައިމްސް އޮފް އިސްރާއީލުން ބުނީ ހަމަލާގައި ޚާމަނާއީ އަވަހާރަވެފައިވާ ކަމަށެވެ.

ޚާމަނާއީ އަވަހާރަކޮށްލި ކަމަށް އިސްރާއީލުން ބުނެފައިވާއިރު، އެގައުމުގެ ދިފާއީ ވަޒީރު، އިސްރާއީލް ކެޓްޒް އިރުކޮޅެއް ފަހުން އެކަމާއި ގުޅިގެން ބަޔާނެއް ދިނުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ. އަދި ޚާމަނާއީ މިރޭ ދޭން އޮތް ތަގުރީރު ވެސް އީރާނުން ވަނީ ކުއްލި ގޮތަކަށް ފަސްކޮށްފައެވެ.

އިސްރާއީލުގެ މީޑިއާތަކުން ޚާމަނާއީ އަވަހާރަވެއްޖެ ކަމަށް ބުނި ނަމަވެސް، އެގައުމުން މިހާތަނަށް ބުނަމުން އައީ ޚާމަނާއީ އަވަހާރަނުވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

އެމެރިކާއާއި ގުޅިގެން އިސްރާއީލުން އިއްޔެ އީރާނަށް ދޭން ފެށި ހަމަލާތަކުގެ ތެރެއިން ޚާމަނާއީ ގަނޑުވަރަށް ވަނީ ހަމަލާތަކެއްދީ، އެތަން ސުންނާފަތިކޮށްލާފައެވެ. އެތަން ސުންނާފަތިކޮށްލާފައިވާ މަންޒަރު ފެންނަ ސެޓެލައިޓް ފޮޓޯތަކެއް މީސްމީޑިއާގައި ދައުރުވަމުން އައި ނަަމަވެސް އީރާނުން ބުނީ، އެ ހަމަލާދިން ވަގުތު ޚާމަނާއީ ގަނޑުވަރުގައި ނެތް ކަމަށެވެ.

އިސްރާއީލުން އީރާނަށް ހަމަލާތައް ދެމުން އަންނަނީ އިސްރާއީލުގެ ލީޑަަރުން ގަބޫލު ކުރާ ގޮތުގައި އެގައުމަށް ނުރައްކާތެރި، އިސްރާއީލަށް ވެސް ނުރައްކާވާ ވަރުގެ ނިއުކްލިޔާ ހަތިޔާރެއް އުފެއްދިދާނެތީ، އެކަން ނައްތާލުމުގެ ބޭނުމުގައެވެ. އެގޮތުން މީގެ ކުރިން ވެސް އެމެރިކާއިން ވެސް ވަނީ އީރާނުގެ ނިއުކްލިޔާ ބައެއް މަރުކަޒުތަކަށް ހަމަލާތަކެއް ދީފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *