އެމެރިކާ އާއި އިރާނާ ދެމެދު ކުރިއަށްދާ ހަނގުރާމައާ ގުޅިގެން މެދުއިރުމަތީގެ ގައުމުތަކުގައި ދިރިއުޅޭ އަދި ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ދިވެހި ސަރުކާރުން އިލްތިމާސްކޮށްފިއެވެ.
އެމެރިކާއިން އިޒްރޭލާ ގުޅިގެން މިއަދު ހަމަލާ ފަށާފައިވަނީ، އިރާނުގައި އޮތް ވެރިކަން ވައްޓާލައި ވެރިކަން ބަދަލުކުރުމަށް ކަމަށް އެމެރިކާއިން ބުނެއެވެ. އެ ހަމަލާތަކުގައި އެމެރިކާ އާއި އިރާނާ ދެމެދު ހަމަލާތައް ބަދަލުކުރަމުންދާ އިރު، އިރާނުގެ ހަމަލާތައް އަމާޒުކުރަނީ މެދުއިރުމަތީގައި ހުންނަ އެމެރިކާގެ މިލިޓަރީ ބޭސްތަކަށެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މެދުއިރުމަތީގައި މިއަދު ފަށާފައިވާ ހަނގުރާމައާ ގުޅިގެން، މެދުއިރުމަތީގެ ގައުމުތަކުގައި ދިރިއުޅޭ އަދި ދަތުރުކުރާ އެންމެހާ ދިވެހިން ސަލާމަތާއު ރައްކާތެރިކަމަށް އަހައްމިއްޔަތުކަން ދިނުމަށް އިލްތިމާސްކުރާ ކަމަށެވެ.
”ހާއްސަކޮށް ހަމަލާ އަމާޒުވަމުންދާ ގައުމުތަކުގައި މިވަގުތުތިބި ދިވެހިން ބޭރުތެރެއަށް ނުކުމެ އުޅުން ވީހާވެސް މަދުކުރުމަށާއި އެގައުމެއްގެ ސަރުކާރުން ސަލާމަތާ ރައްކާތެރިކަމަށް ދެއްވާ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރެއްވުމަށް އިލްތިމާސްކުރަމެވެ،“ މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.
މިނިސްޓްރީން ބުނީ އެ ސަރަހައްދުގައި މިވަގުތު ތިބި ދިވެހިންގެ ހާލަތު، މިނިސްޓްރީންނާއި މެދުއިރުމަތީގައި ހުންނަ ރާއްޖޭގެ އެމްބަސީތަކުން ގާތުން ބަލަމުންދާ ކަމަށެވެ. އަދި ބޭނުންވެއްޖެ ހިނދެއްގައި ކޮންސިއުލާ އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން، އެ ސަރަހައްދުގައި އުޅޭ އެންމެހާ ދިވެހިން ވީ އެންމެ އަވަހަކަށް އެންމެ ކައިރީގައި ހުރި ރާއްޖޭގެ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އެދި ދަންނަވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީގެ ހޮޓްލައިން ނަންބަރުތައް:
ދޯހާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ: 97451777896+
ޔޫ.އޭ.އީ ގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ: 97126740200+
ސައުދީ އަރަބިއްޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ: 966506894477+
މިނިސްޓްރީގެ ކޮންސިއުލާ ހޮޓްލައިން: 7983400 (ވަޓްސްއެޕް)، އީމެއިލް: [email protected]





