މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވަމުންދާއިރު، މާތްﷲގެ ހަޟުރަތުން ނަރަކައިން މިންޖުކޮށްދެއްވުން އެދި ގިނަގިނައިން ދުއާކުރުމަށް މިއަދުގެ ހުކުރު ހުތުބާގައި ރާއްޖޭގެ އެންމެހައި މުސްލިމުންނަށް އިލްތިމާސްކޮށްފިއެވެ.
"ތަގުވާވެރިވުމާއި ތައުބާގެ މައްސަރު" މި މައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ހުތުބާގައި ބަޔާންކުރި ގޮތުގައި، ރަމަޟާން މަހަކީ މާތްﷲ އެތައް ގޮތަކުން މަތިވެރިކުރައްވާފައިވާ މައްސަރެކެވެ. އެގޮތުން ކީރިތި ގުރްއާން ބާވައިލެއްވުމާއި، ހާއްސަ އަޅުކަމެއްގެ ގޮތުގައި ރޯދަ ފަރުޟުކުރެއްވުމާއި، މި މަހުގައި ކުރާ ހެޔޮ އަމަލުތަކަށް ދެއްވާ ޖަޒާ އިތުރުކުރައްވާފައިވާކަން ހުތުބާގައި ފާހަގަކުރިއެވެ.
ހުތުބާގައި ބަޔާންކުރި ގޮތުގައި ތައުބާވުމަކީ ކުރެވިފައިވާ ކުދި އަދި ބޮޑެތި ފާފަތަކުން އެއްކިބާވެ، އެކަންކަމާ މެދު ހިތާމަކޮށް، ދެން ދުވަހަކުވެސް އެފަދަ ކަމަކަށް އަރައިނުގަތުމަށް އަޒުމު ކަނޑައެޅުމެވެ. އަދި މީހެއްގެ ހައްގަކަށް އަރައިގަނެވިފައިވާނަމަ، އެ ހައްގު އަދާކުރުމާއެކު އިހުލާސްތެރިކަމާއެކު ފާފަ ފުއްސެވުމަށް އެދި ދުއާ ދެންނެވުމަށްވެސް ނަސޭހަތްތެރިވިއެވެ.
މީގެ އިތުރުން، ކީރިތި ރަސޫލާ ﷺ ރަމަޟާން މަހުގެ ވަގުތުތައް އަޅުކަމުގައި ހޭދަކުރެއްވި ގޮތުގެ މައްޗަށް އަލިއަޅުވާލަމުން ހުތުބާގައި ވިދާޅުވީ، އެކަލޭގެފާނު މި މަހުގައި އެހެން މަސްތަކަށްވުރެ ގިނައިން އަޅުކަން ކުރައްވައި، ޖިބްރީލްގެފާނާ އެކު ގުރްއާން މުދާރަސާ ކުރެއްވުމުގައި ވަގުތު ހޭދަކުރެއްވި ކަމަށެވެ. އަދި އެކަލޭގެފާނުގެ އަހުލުބައިތުން ރޭއަޅުކަމަށް ހޭނުއްވުމަށް ކުރެއްވި މަސައްކަތްޕުޅު ނަމޫނާއަކަށް ބަލައި، ކޮންމެ މީހަކުވެސް އެމީހެއްގެ އާއިލާ ރޭއަޅުކަމަށް ހޭނުވުމަށް ބާރުއެޅިއެވެ.
ރަމަޟާން މަހުގެ ހުރުމަތް ހިފެހެއްޓުމާ ގުޅޭގޮތުން ވާހަކަދައްކަމުން، މީހުން ދިރިއުޅޭ ރަށްތަކުގައި ފަތުރުވެރިކަމުގެ ހިދުމަތްދޭ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށް ހުތުބާގައި ގޮވާލިއެވެ. "
މީހުން ދިރިއުޅޭ ރަށްތަކުގައި ރެސްޓޯރެންޓު ފަދަ ތަންތަން ހުޅުވައިގެން އާންމުންގެ ކުރިމަތީގައި ކެއިންބުއިމުގެ ހިދުމަތްދިނުމަކީ ހުއްދަވާނެ ކަމެއް ނޫން،" ހުތުބާގައި ވިދާޅުވިއެވެ.
ފަތުރުވެރީންނަށް ހިދުމަތް ފޯރުކޮށްދޭން ޖެހޭ ހާލަތްތަކުގައި، އެކަމަށް ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސަން ޖެހޭނެ ކަމަށާއި، ޝަރުއީ އުޒުރަކާ ހުރެ ރޯދަ ނުހިފާ މީހުންވެސް ރޯދަމަހުގެ ހުރުމަތް ދަމަހައްޓަން ޖެހޭނެކަން މިއަދުގެ ހުކުރު ހުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.





