ވެށިފަހި މާލެ އަދި ހިޔާ މަޝްރޫޢުން ފްލެޓް ލިބޭނެކަމުގެ ލިޔުން ލިބި، އެކި ސަބަބުތަކާހުރެ ފްލެޓް ހަވާލުނުކުރެވި ތިބި ފަރާތްތަކަށް ބޯހިޔާވަހިކަމުގެ އައު މަޝްރޫޢަށް ކުރިމަތިލުމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ބޮޑެތި ލުއިތަކެއް ދީފިއެވެ.
އެ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، މި ދެ މަޝްރޫޢުގެ ދަށުން ފްލެޓް ލިބޭނެކަމުގެ ރަސްމީ ލިޔުން އަތުގައި ނެތް ނުވަތަ ގެއްލިފައިވާ ފަރާތްތަކަށްވެސް، އެ މީހަކީ ފްލެޓް ލިސްޓުގައި ހިމެނުނު މީހެއްކަން ސާބިތުކޮށްދޭ އެހެން ކޮންމެ ފަދަ ރަސްމީ ލިޔުމެއް ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. އެގޮތުން ސަރުކާރުގެ އިދާރާއަކުން ކުރިން އާންމުކޮށްފައިވާ ރަސްމީ ލިސްޓެއްގައި ނަން އޮތްކަން އެނގޭނެ ލިޔުމެއް ނުވަތަ އެނޫންވެސް ރަސްމީ މަޢުލޫމާތެއް ހުށަހަޅައިގެން މި ކެޓަގަރީއަށް ކުރިމަތިލެވޭނެއެވެ. އަދި އެއްބަސްވުމުގައި ރަޖިސްޓްރީގެ ލިޔެކިޔުން ނެތް ނަމަވެސް ޝަރުޠު ހަމަވާނެ ކަމަށް ވުޒާރާއިން ވިދާޅުވެއެވެ.
މި ނިންމުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން، މާޒީގައި ބޯހިޔާވަހިކަން ކަށަވަރުވެ އެކަމަކު އޭގެ މަންފާ ނުލިބި ތިބި ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށް ނިންމެވި ނިންމެވުމެކެވެ. މިގޮތުން ލިޔުން ލިބި ފްލެޓް ނުލިބި ތިބި ފަރާތްތަކަށް ޚާއްޞަކޮށްފައިވާ ކެޓަގަރީން 500 ފްލެޓް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
ވެށިފަހި މާލެ މަޝްރޫޢަކީ 2010 ވަނަ އަހަރު މާލޭގެ ރަށްވެހިންނަށް އަމާޒުކޮށްގެން ހިންގި މަޝްރޫޢެކެވެ. އަދި ހިޔާ މަޝްރޫޢަކީ 2017 ވަނަ އަހަރުގެ ތެރޭގައި ކުރިއަށް ގެންދިޔަ ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫޢެކެވެ. މި ދެ މަޝްރޫޢުންވެސް ގިނަ ބަޔަކަށް ފްލެޓް ލިބޭނެކަމުގެ ލިޔުން ދޫކޮށްފައިވީ ނަމަވެސް، ފަހުން އައި ސަރުކާރުތަކުން އެކި ސަބަބުތަކާހުރެ އެ ފަރާތްތަކަށް ފްލެޓް ހަވާލުކޮށްފައެއް ނުވެއެވެ. 2020 ވަނަ އަހަރު ވެށިފަހި ސްކީމުގެ 160 އެއްހާ މީހުން މިކަމުގެ ޝަކުވާ ރަސްމީކޮށް ހުށަހަޅާފައިވާކަން ފާހަގަކުރެވެއެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ މި ސްކީމްގެ ދަށުން ފްލެޓަށް ކުރިމަތިލުމުގެ ފުރުޞަތު އަންނަ އޭޕްރިލް މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.





