މެދުއިރުމަތީގެ ނުތަނަވަސް ސިޔާސީ މަސްރަހުގައި، އީރާނާ ދެކޮޅަށް އަސްކަރީ ހަރަކާތެއް ފަށައިފިނަމަ ވެދާނެ ގޮތަކާ މެދު ކުރެވޭ ސުވާލަކީ އެންމެ ބޮޑު ބިރުވެރިކަމެއް އޮތް ސުވާލެވެ. މި ބަހުސަކީ މިހާރު ހަމައެކަނި ތިއަރީއެއް ނޫނެވެ. އިސްރާއީލާއި އެމެރިކާއާ އެއްކޮޅުން، އަދި ތެހެރާނުން އަނެއްކޮޅުން އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން، މުޅި ސަރަހައްދު މިވަނީ ސްޓްރެޓީޖިކް ގޮތުން ނާޒުކު ފައްތަރެއްގައެވެ. އަސްކަރީ މާހިރުންނާއި، ޑިޕްލޮމޭޓުންނާއި، ހަކަތައިގެ ބާޒާރުތަކާއި، ދުނިޔޭގެ ބާރުތަކުން މިކަމަށް ފާރަވެރިވަމުންދަނީ، އީރާނަށް ދެވޭ އެއްވެސް ހަމަލާއެއް ހަމައެކަނި އެ ގައުމުގެ ބޯޑަރުގެ ތެރޭގައި ނޯންނާނެކަން އެނގޭތީއެވެ.
އީރާނަކީ ހަމައެކަނި ސަރަހައްދީ ގައުމެއް ނޫނެވެ. އެ ގައުމު އޮތީ ދުނިޔޭގެ ކަނޑުގެ ދަތުރުފަތުރުގެ އެންމެ މުހިންމު އެއް ސަރަހައްދު ކަމަށްވާ "ސްޓްރެއިޓް އޮފް ހޯރްމުޒް" ގައެވެ. މިއީ ދުނިޔޭގައި ބޭނުންކުރާ ތެލުގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ މަގެވެ. މީގެ އިތުރުން، އީރާނަކީ މެދުއިރުމަތީގައި އެންމެ ކުރިއަރާފައިވާ މިސައިލް އާސަނަލް އޮތް އެއް ގައުމެވެ. އެ ގައުމުގެ ނިއުކްލިއާ ޕްރޮގްރާމަކީ މަދަނީ ބޭނުމަށް ކުރިއަށްގެންދާ ކަމެއް ކަމަށް ބުނި ނަމަވެސް، ހުޅަނގުގެ ބާރުތަކުން އަބަދުވެސް އެކަމަށް ބަލަނީ ޝައްކުގެ ނަޒަރަކުންނެވެ.
ނަމަވެސް، އީރާނުގެ ބާރަކީ ހަމައެކަނި އެ ގައުމުގެ އަސްކަރީ ސާމާނެއް ނޫނެވެ.
ވޭތުވެދިޔަ އެތައް އަހަރެއްގެ ތެރޭގައި، އީރާނުން ވަނީ އިރާގުން ފެށިގެން ލުބުނާނާ ހަމައަށް ސަރަހައްދީ ގުޅުންތަކެއް ގާއިމުކޮށް، އެ ގައުމުގެ މަސްލަހަތު ހިމާޔަތްކުރާނެ ހަތިޔާރު އެޅި ޖަމާއަތްތަކުގެ ނެޓްވޯކެއް ބިނާކޮށްފައެވެ. މީގެ ތެރެއިން އެންމެ ބާރުގަދަ އެއް ޖަމާއަތަކީ ހިޒްބުالله އެވެ. އެ ޖަމާއަތުގެ ހަތިޔާރާއި ހަނގުރާމައިގެ ތަޖުރިބާއަކީ އިސްރާއީލުން އީރާނަށް ހަމަލާއެއް ދިނުމަށް ފަސްޖެހޭ އެންމެ ބޮޑު އެއް ސަބަބެވެ.
ކުރުކޮށް ބުނާނަމަ، ޖިއޮގްރަފީ ގޮތުންނާއި ސްޓްރެޓީޖިކް ގޮތުން އީރާނަކީ އެކަހެރިކޮށްލެވޭނެ ގައުމެއް ނޫނެވެ. އެ ގައުމަށް އަސްކަރީ ހަމަލާއެއް ދިނުމަށް ކުރާ ކޮންމެ މަސައްކަތަކީ މުޅި ސަރަހައްދު ބޮޑު ހަނގުރާމައެއްގެ ތެރެއަށް ވައްޓާލުމުގެ ނުރައްކާ އޮތް ކަމެކެވެ.
އިސްރާއީލުން ދެކޭގޮތުގައި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމަކީ އެ ގައުމުގެ ދެމިއޮތުމަށް އޮތް ނުރައްކަލެކެވެ. އިސްރާއީލުގެ ވެރިން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ، އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް އެއްވެސް ހާލެއްގައި ފުރުސަތު ނުދޭނެ ކަމަށެވެ. ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން ވަނީ، އީރާނާ ދެކޮޅަށް ވަރުގަދަ ފިޔަވަޅެއް އެޅުމަށް ލިބޭ "ފުރުސަތުގެ ކުޑަދޮރު" ބަންދުވުމުގެ ކުރިން އަމަލީ ގޮތުން ކަމެއް ކުރަންޖެހޭ ކަމުގެ އިޝާރާތްތައް ދީފައެވެ. އެހެންނަމަވެސް، އިސްރާއީލަށް އޮތް ގޮންޖެހުންތައް ވަރަށް ގިނައެވެ.
ވައިގެ މަގުން ދޭ ކުޑަ ހަމަލާއަކުން އީރާނުގެ ނިއުކްލިއާ މަސައްކަތްތައް މަޑުޖައްސާލެވިދާނެއެވެ. ނަމަވެސް، އެ ގައުމުގެ ސައިންޓިފިކް ގާބިލުކަމާއި އުފެއްދުންތެރިކަމުގެ އިލްމެއް ފޮހެލައެއް ނުލެވޭނެއެވެ. އަދި އެއަށްވުރެ ބޮޑު ނުރައްކަލަކީ، އެފަދަ ހަމަލާއަކާ ގުޅިގެން އީރާނާއި އެ ގައުމުގެ ބައިވެރިން އެކި ފަރާތްތަކުން އެއްފަހަރާ މިސައިލާއި ޑްރޯން ހަމަލާތައް ދޭން ފެށުމެވެ. އިސްރާއީލުގެ އަސްކަރީ ބާރުގަދަ ނަމަވެސް، އީރާނުގެ ބޮޑު ސަރަހައްދާއި އެ ގައުމުން ބޭނުންކުރާ ނުރަސްމީ ހަނގުރާމައިގެ އުކުޅުތަކަކީ އިސްރާއީލަށް އޮތް ބޮޑު ބިރެކެވެ.
އެމެރިކާ މިހާރު އޮތީ ބާރުގެ ބޭނުންކޮށްގެން ބިރުދެއްކުމާއި، ޚާރިޖީ މުއާމަލާތްތަކުގެ މެދުގައި ހަމަހަމަކަމެއް ގާއިމުކުރަން ޖެހިފައިވާ ނާޒުކު ފައްތަރެއްގައެވެ. އެއްކޮޅުން ވޮޝިންގޓަނުން ދަނީ ދަތިކުރުމުގެ ފިޔަވަޅުތަކާއި އަސްކަރީ ފިއްތުންތައް ކުރިމަތިކުރަމުންނެވެ. އަދި ސަރަހައްދީ ގޮތުން އެމެރިކާގެ އަސްކަރީ ބާރު ވަރުގަދަކޮށް، ކޮންމެ ވަގުތަކުވެސް ކުރިމަތިލުމަކަށް ތައްޔާރަށް އޮތްކަމުގެ ސިގްނަލް ދެމުންނެވެ. އަނެއްކޮޅުން، އޮމާން މެދުވެރިވެގެން ޖެނީވާ ފަދަ ތަންތަނުގައި މަޝްވަރާތައް ބާއްވައި، ހައްލެއް ހޯދުމަށް ޚާރިޖީ ދޮރުތައްވެސް ވަނީ ހުޅުވާލާފައެވެ.
އެމެރިކާގެ ސިޔާސަތު ކަނޑައަޅާ ފަރާތްތަކަށް ހިތްދަތި ހަގީގަތެއް އެނގެއެވެ. އެއީ އީރާނާއެކު ފުރިހަމަ ހަނގުރާމައަކަށް ގޮސްފިނަމަ، އެއީ މީގެ ކުރިން މެދުއިރުމަތީގައި ފެނުނު ހަނގުރާމަތަކާ މުޅިން ތަފާތު ކަމަކަށް ވާނެ ކަމެވެ. ގަލްފު ސަރަހައްދުގައި ތިބި އެމެރިކާގެ ސިފައިންނަކީ އީރާނުގެ ފަސޭހަ އަމާޒުފަތްތަކަކަށް ވެގެންދާނެއެވެ. ސަރަހައްދީ ބައިވެރިން މި ހަނގުރާމައިގެ ތެރެއަށް ދަމައިގަނެވި، ތެލުގެ ބާޒާރަށް ބޮޑެތި ލޮޅުންތަކެއް އަރާނެއެވެ. އަދި މީގެ ސިޔާސީ ނޭދެވޭ އަސަރު އެމެރިކާގެ ދާޚިލީ މަސްރަހަށްވެސް ކުރާނެއެވެ.
ވޮޝިންގޓަނުގެ ކުރިމަތީގައި އޮތް ސުވާލަކީ ހަމައެކަނި އީރާނަށް ހަމަލާދެވިދާނެތޯ ނުވަތަ ނޫންތޯއެއް ނޫނެވެ. ނަމަވެސް އެ ހަމަލާއަށްފަހު ނުކުންނާނެ ނަތީޖާތައް ކޮންޓްރޯލް ކުރެވިދާނެތޯ އޮތް ސުވާލެވެ.
އަސްކަރީ ކުރިމަތިލުމެއް ފަށައިފިނަމަ، ކަންކަން ގޯހުން ގޯހަށް ދިޔުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އީރާނުން ތަކުރާރުކޮށް ދެމުންދާ އިންޒާރަކީ، ހޯރްމުޒް ކަނޑުއޮޅިން ކުރާ ދަތުރުފަތުރުތަކަށް ހުރަސްއަޅާނެ ކަމުގެ އިންޒާރެވެ. އެ ކަނޑުއޮޅި ބަންދުކޮށްފާނެ ކަމުގެ ބިރު އޮތުމަކީވެސް ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގު އިންތިހާއަށް އުފުލިގެންދާނެ ކަމެކެވެ. ހަނގުރާމައިގެ މައިދާނާ އެތައް ހާސް މޭލެއް ދުރުގައި އޮތް ޔޫރަޕާއި އޭޝިއާގެ އިގްތިސާދުތަކަށްވެސް މަދު ދުވަސްކޮޅެއްގެ ތެރޭގައި މީގެ ނޭދެވޭ އަސަރު ކުރާނެއެވެ.
އަވަށްޓެރި ގައުމުތަކަށް، ޚާއްސަކޮށް ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީ.ސީ.ސީ) ގެ މެންބަރު ގައުމުތަކަށް ސަލާމަތީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ. އެ ގައުމުތަކުގެ ބަނދަރުތަކާއި، ތެޔޮ އުފައްދާ މަރުކަޒުތަކާއި، ފެން ސާފުކުރާ ނިޒާމުތަކަކީ އީރާނުގެ މިސައިލްތަކުގެ ރޭންޖުގެ ތެރޭގައި ހުރި ތަންތަނެވެ.
މި މައްސަލައަކީ ހަމައެކަނި ސަރަހައްދީ ކަމެއް ނޫނެވެ. ޗައިނާ އާއި ރަޝިޔާއިން ގެންގުޅެނީ ތެހެރާނާ އެކު އޮތް އިގްތިސާދީ އަދި ސްޓެރެޖެޓީކް ގުޅުންތަކެކެވެ. މި ދެ ގައުމުން ސީދާ ކުރިމަތިލުމަކަށް ބޭނުން ނުވި ނަމަވެސް، އެ ގައުމުތަކުން އީރާނަށް ދޭ ޚާރިޖީ އެހީތެރިކަމާއި އިގްތިސާދީ ގުޅުމުގެ ސަބަބުން އެމެރިކާގެ ރޭވުންތަކަށް ހުރަސްތަކެއް އެޅެއެވެ. ސަރަހައްދީ ހަނގުރާމައެއް ފެށިއްޖެނަމަ، އެއީ ދުނިޔޭގެ ބޮޑެތި ބާރުތަކުގެ މެދުގައި އޮތް ވާދަވެރިކަމުގެ ތެރެއަށް ވަދެ، ބައިނަލްއަގުވާމީ ބޮޑު ކްރައިސިސް އަކަށް ބަދަލުވުމުގެ ބިރު އެބައޮތެވެ.
އީރާނަށް ކުރިމަތިވެފައިވާ އުނދަގޫ ހާލަތެކެވެ. މަޝްވަރާތަކުގައި މާބޮޑަށް ދޫދީފިނަމަ، ދާޚިލީ ގޮތުން ސަރުކާރު ބަލިކަށިވެ، ގައުމުގެ ހައިބަތު ގެއްލިދާނެ ކަމުގެ ބިރު އެބައޮތެވެ. އަދި މުޅިން ދެކޮޅު ހަދައިފިނަމަ، ދަތިކުރުމުގެ ފިޔަވަޅުތަކާއި، އެކަހެރިވުމާއި، އަސްކަރީ ކުރިމަތިލުމަކަށް ދާންޖެހިދާނެއެވެ. ތެހެރާނުގެ ވެރިންނަށް ޖެހިފައިވަނީ އިގްތިސާދީ ގޮތުން ސަލާމަތްވުމާއި، ގައުމުގެ މިނިވަންކަމާއި އިސްތިގްލާލް ހިމާޔަތްކުރުމާ ދެމެދު ގޮތެއް ނިންމާށެވެ. އެމީހުންނަށް ކިހާ ވަރެއްގެ ފިއްތުންތަކެއް ބަރުދާސްތު ކުރެވޭނެތޯ އާއި، ބާރުގެ ބޭނުންކޮށްފިނަމަ ރައްދު ދޭނީ ކިހާ މިންވަރަކަށްތޯ ވަނީ ކިރާލަން ޖެހިފައެވެ. މިއީ ފަސޭހަ ނިންމުންތަކެއް ނޫނެވެ.
އަސްކަރީ ތަޖުރިބާކާރުން ގިނައިން ވާހަކަދައްކަނީ ވަކި އަމާޒުތަކަކަށް ދޭ "ޕްރެސިޝަން" ހަމަލާތަކާ ބެހޭގޮތުންނެވެ. ނަމަވެސް ތާރީޚުން ފެންނަން އޮތީ ހަނގުރާމަތަކަކީ ރޭވިފައިވާ ގޮތަށް ކުރިއަށްދާ ކަމެއް ނޫން ކަމެވެ. އީރާނަށްދޭ ހަމަލާއަކީ ހަމައެކަނި އެ ގައުމުގެ ނިއުކްލިއާ މަރުކަޒުތަކަށް ނުވަތަ މިސައިލް ގުދަންތަކަށް ދޭ ހަމަލާއަކަށް ނުވާނެއެވެ. އެއީ ގައުމުތަކުގެ މެދުގައި އޮތް ގުޅުންތައް އިމްތިހާނުކޮށް، ތެލުގެ ބާޒާރު ބަދަލުކޮށްލާނެ ކަމެކެވެ.
"ކާމިޔާބު" އޮޕަރޭޝަނެއްގެ ގޮތުގައި ބެލެވޭ ހަމަލާއެއްގެ ސަބަބުންވެސް، ހަރުކަށި ފިކުރުތައް ވަރުގަދަވެ، ނިއުކްލިއާ ހަތިޔާރު ހޯދުމުގެ ޝައުގުވެރިކަން އިތުރުވެ، ކުރިއަށް އޮތް އެތައް އަހަރަކަށް ދެމިގެންދާނެ ދުޝްމަންކަމެއް އުފެދިގެންދާނެއެވެ.
އީރާނާ ގުޅޭގޮތުން ކުރިމަތިވެފައިވާ އެންމެ ބޮޑު ސުވާލަކީ، ހަމަލާއެއް ދިނުމުގެ ގާބިލުކަން ހުރިތޯ ނުވަތަ ނެތްތޯ ކުރެވޭ ސުވާލެއް ނޫނެވެ. އިސްރާއީލާއި އެމެރިކާއަކީ ހަމަލާ ދިނުމުގެ އަސްކަރީ ބާރުވެރިކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ލިބިފައިވާ ދެ ގައުމެވެ. އަސްލު މައްސަލައަކީ އެފަދަ ހަމަލާއަކަށް ފަހު ކުރިމަތިވެދާނެ ނަތީޖާތަކެވެ. ދެވޭ ހަމަލާއެއްގެ ސަބަބުން ދިގުމުއްދަތުގެ ރައްކާތެރިކަމެއް ހަގީގަތުގައި ވެސް ކަށަވަރުވާނެ ހެއްޔެވެ. ނުވަތަ އެއީ އެއްވެސް ފަރާތަކަށް ކޮންޓްރޯލް ނުކުރެވޭނެ ފަދަ ބޮޑު ހަމަނުޖެހުމެއްގެ ފެށުން ކަމުގައި ވެދާނެ ހެއްޔެވެ.
ޒަމާނުއްސުރެ ހަނގުރާމަތަކާއި ހަމަނުޖެހުންތަކުން ބުރަވެފައިވާ މި ސަރަހައްދުގައި، ކުރިމަތިލުމަކަށް ދިއުމާއި މަސްލަހަތު ހިފެހެއްޓުމަކީ ފަސޭހަ ނިންމުމެއް ނޫނެވެ. މިއީ ވަރަށް ބޮޑަށް ވިސްނައި، ސްޓްރެޓީޖިކް ގޮތުންނާއި، ބަދަލުވަމުންދާ ހާލަތްތަކަށް ބަލައިގެން ނިންމަންޖެހޭ، ލަފާކުރަން ދަތި ކަންތައްތަކެއް އެކުލެވިގެންވާ ކަމެކެވެ. ސިޔާސީ މަޝްވަރާތަކާއި، އަސްކަރީ ތައްޔާރީތަކާއި، ބަހުގެ ހަމަލާތައް ބަދަލުވަމުންދާއިރު، މުޅި ދުނިޔެ މިވަގުތު އޮތީ ފާރަވެރިވެގެންނެވެ. އެއީ ހެދޭ ކުޑަކުޑަ ގޯސް ހިސާބަކުން ވެސް، މިހާރު އޮތް ނުތަނަވަސްކަން މުޅި ދުނިޔޭގެ މިސްރާބު ބަދަލުކޮށްލާފަދަ ބޮޑު ހަނގުރާމައަކަށް ބަދަލުވެދާނެކަން އެނގޭތީއެވެ. މީގެ ނުރައްކާ ހަމައެކަނި ތެހެރާނަކަށް ނޫނެވެ. މީގެ އަސަރު މުޅި ދުނިޔޭގެ ހަމަޖެހުމާއި ސަލާމަތުގެ ބިންގަލާ ހަމައަށް ފޯރާނެއެވެ.





