ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން، ބްރައިޓް މައިންޑްސް ޓިއުޝަން ސެންޓަރުގެ ވެރިޔާ ހައްޔަރުކޮށްފައިވާއިރު، އޭނާ ދެ އަހަރު ވަންދެން އެ ކުއްޖާއަށް ޖިންސީ ގޯނާކުރި ކަމަށް ފުލުހުން މިއަދު ހާމަކޮށްފިއެވެ.
މި މައްސަލާގައި މިދިޔަ ބުދަ ދުވަހު ހައްޔަރުކޮށްފައިވަނީ ހުޅުމާލެ، ހައިރާތު، އުމުރުން 27 އަހަރުގެ އަލީ އަފްލަހެވެ. އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް 30 ދުވަހުގެ މުއްދަތެއް ދީފައެވެ.
ފުލުހުން މިއަދު މީޑިއާތަކަށް މައުލޫމާތު ދިން ގޮތުގައި، އަފްލަހުގެ މައްޗަށް ތުހުމަތު ކުރެވެނީ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ، ކުޑަކުއްޖެއްގެ އުމުރުން 14 އަހަރުން ފެށިގެން 16 އަހަރާ ދެމެދު ތަކުރާރުކޮށް އެ ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށެވެ.
"މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން،" ފުލުހުން ބުންޏެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، އަފްލަހު ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވެނީ ބްރައިޓް މައިންޑްސް ޓިއުޝަން ސެންޓަރަށް ކިޔަވަން ދިޔަ އަންހެން ކުއްޖަކަށެވެ. އަދި އޭނާ މިދިޔަ އަހަރުގެ ފަހުކޮޅު ރާއްޖެ ދޫކޮށް ގޮސްފައިވާ ކަމަށާއި، އެ ދުވަސްވަރު ބްރައިޓް މައިންޑްސް ޓިއުޝަން ސެންޓަރުގެ އޭނާގެ ހިއްސާ އާއިލާގެ ބަޔަކަށް ބަދަލުކޮށްފައިވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.
ފުލުހުން އަފްލަހު ހައްޔަރުކޮށްފައިވަނީ ބޭރުގައި އުޅުމަށްފަހު އެނބުރި ރާއްޖެ އައި ތަނުން އެއާޕޯޓުން ކަމަށް އެނގިފައިވެއެވެ.





