ސަލާމަތީ ސެޓްފިކެޓް ނެތި އެއަރބަސް އޭ320 މަރުކާގެ މަތިންދާ ބޯޓެއް ބޭނުން ކޮށްގެން ކޮމާޝަލް 8 ދަތުރުކުރުމާ ގުޅިގެން، އިންޑިއާގެ އޭވިއޭޝަން ރެގިއުލޭޓަރ އިން އެއަރ އިންޑިއާ ގާތްގަނޑަކަށް 110,350 އެމެރިކާ ޑޮލަރު (1 ކްރޯޑް އިންޑިއަން ރުޕީސް) އިން ޖޫރިމަނާ ކޮށްފިއެވެ.
ޑައިރެކްޓަރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ) އިން ޖޫރިމަނާ ކުރުމުގެ އިތުރުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، މި އިހުމާލުގެ ސަބަބުން އެ އެއަރލައިންގެ ސަލާމަތީ ކަންކަމާމެދު "އާންމުންގެ މެދުގައި އޮތް އިތުބާރު އިތުރަށް ގެއްލިފައިވާ" ކަމަށެވެ.
ޓާޓާ ގްރޫޕުން ހިންގާ މި އެއަރލައިނަށް މި ފިޔަވަޅު އަޅާފައިވަނީ، ހިންގުމުގައި ދިމާވެފައިވާ ގިނަ މައްސަލަތަކަކާ ގުޅިގެން އެ އެއަރލައިންގެ ސަލާމަތީ ސަގާފަތާމެދު ސުވާލު އުފެދިފައިވާ ދަނޑިވަޅެއްގައެވެ.
ޑީޖީސީއޭ އިން ނެރުނު ސިއްރު ރިޕޯޓަކާ ހަވާލާދީ ބުނެފައިވާ ގޮތުގައި، މި ގަވާއިދާ ޚިލާފު އަމަލު ހިންގާފައިވަނީ 2025 ނޮވެމްބަރު 24 އާއި 25 އާ ދެމެދުގައެވެ. މި މުއްދަތުގައި އެއަރ އިންޑިއާގެ އެއަރބަސް އޭ320 މަތިންދާ ބޯޓު ވަނީ ނިއު ދިއްލީ، ބެންގަލޫރު، މުމްބާއީ އަދި ހައިދަރުއާބާދަށް ދަތުރުތައް ކޮށްފައެވެ.
މި ދަތުރުތައް ކޮށްފައިވަނީ ސައްހަ "އެއަރވާދިނަސް ރިވިއު ސެޓްފިކެޓް" (އޭއާރުސީ) އެއް ނެތިއެވެ. މިއީ މަތިންދާ ބޯޓު ތަކުގެ ސަލާމަތީ ކަންކަމާއި މިންގަނޑުތައް ފުރިހަމތޯ ބެލުމަށްފަހު ރެގިއުލޭޓަރުން އަހަރަކު އެއްފަހަރު ދޫކުރާ މަޖުބޫރު ހުއްދައެކެވެ. ރިޕޯޓުތައް ބުނާގޮތުން ބޯޓުގެ އިންޖީނު ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން ދިޔައިރު މި ސެޓްފިކެޓްގެ މުއްދަތު ވަނީ ހަމަވެފައެވެ.
ނަމަވެސް، މިކަން ފާހަގަވުމުގެ ކުރިން ބޯޓު ވަނީ ޚިދުމަތަށް ނެރެ ގިނަ ދަތުރުތަކެއް ކޮށްފައެވެ. އެއަރ އިންޑިއާގެ ސީއީއޯ ކެމްޕްބެލް ވިލްސަންއަށް އަމާޒުކޮށް ނެރުނު އަމުރުގައި މި އިހުމާލުގެ ސީރިއަސްކަން ވަނީ ފާހަގަ ކޮށްފައެވެ. "މި އިހުމާލު ތަކުގެ ޒިންމާ އެއަރ އިންޑިއާގެ އެކައުންޓަބަލް މެނޭޖަރު ނަގަންޖެހޭނެ" ކަމަށާއި، މިފަދަ ހާދިސާތަކުގެ ސަބަބުން "ޖަމިއްޔާގެ ސަލާމަތީ ކަންކަމަށް ނޭދެވޭ އަސަރުކޮށްފައިވާ" ކަމަށް އެ އަމުރުގައި ބުނެފައިވެއެވެ.
މިކަމާ ގުޅިގެން އެއަރ އިންޑިއާއިން ކުރި އެތެރޭގެ ތަހުގީގުން ދައްކާގޮތުގައި، އެ އެއަރލައިންގެ އޮޕަރޭޝަންތަކުގައި "ނިޒާމީ ފެއިލިއަރތަކެއް" އެބަހުއްޓެވެ. މި ތަހުގީގުން ހާމަވިގޮތުގައި، މި އަށް ދަތުރުކުރި ޕައިލެޓުން ވަނީ ދަތުރު ފެށުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ސްޓޭންޑަޑް އޮޕަރޭޓިންގ ޕްރޮސީޖަރތަކަށް (އެސްއޯޕީ) އަމަލުކުރުމަށް އިހުމާލުވެފައެވެ. އެސްއޯޕީއަށް ރަނގަޅަށް އަމަލު ކުރިނަމަ ފުރމުގެ ކުރިން ސެޓްފިކެޓް ނެތްކަން އެނގުނީހެވެ.
ޑީޖީސީއޭއިން "އިތުރަށް" އިތުބާރު ގެއްލިފައިވާކަމަށް ބުނެފައި މިވަނީ އެއަރލައިނަށް އުނދަގޫ ދުވަސްވަރެއްގައެވެ. 2025 ޖޫން މަހު ބޯއިންގ ޑްރީމްލައިނަރެއް ނައްޓާލި ތަނާހެން ވެއްޓި 260 މީހުން މަރުވި ހިތާމަވެރި ހާދިސާއާ ގުޅިގެން އެއަރލައިންގެ ނަން ވަނީ ވަރަށް ބޮޑަށް ކިލަނބުވެފައެވެ.
އެ ހާދިސާއަށްފަހު ރެގިއުލޭޓަރުން ދަނީ އެއަރލައިންގެ ކަންކަން ވަރަށް ގާތުން ބަލަމުންނެވެ. އަދި އިމަޖެންސީ އިކުއިޕްމަންޓްތައް ޗެކްނުކޮށް ދަތުރުކުރުން ފަދަ އެހެނިހެން އޮޑިޓް މައްސަލަތަކާ ގުޅިގެން ވެސް މީގެ ކުރިން ވަނީ އިންޒާރު ދީފައެވެ.
ޖޫރިމަނާއާ ގުޅިގެން އެއަރ އިންޑިއާއިން ބުނީ ޑީޖީސީއޭގެ އަމުރު ލިބިފައިވާ ކަމަށާއި، މި މައްސަލަ ފާހަގަވުމާއެކު އެ އެއަރލައިނުން އަމިއްލައަށް ކަމާބެހޭ ފަރާތްތަކަށް ރިޕޯޓު ކޮށްފައިވާނެ ކަމަށެވެ.
"ފާހަގަ ކުރެވުނު ހުރިހާ މައްސަލަތަކެއް މިހާރު ވަނީ ރަނގަޅު ކުރެވި، އޮތޯރިޓީއާ ހިއްސާކުރެވިފައި،" އެއަރ އިންޑިއާގެ ތަރުޖަމާނު ވިދާޅުވިއެވެ. އަދި މި އިހުމާލުގައި ޝާމިލުވާ މުވައްޒަފުންނާމެދު ހަރުކަށި ފިޔަވަޅު އަޅާފައިވާކަމަށް ވެސް އެއަރލައިނުން ބުންޏެވެ.
ޖޫރިމަނާ ފައިސާ ދެއްކުމަށް އެއަރލައިނަށް ދީފައިވަނީ 30 ދުވަހުގެ މުއްދަތެކެވެ. ވިސްޓާރާ އެއަރލައިނާ އެއްކޮށްލުމުގެ މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި، މި ޖޫރިމަނާއަކީ ފަސިންޖަރުންގެ އިތުބާރު ހޯދުމަށްޓަކައި ގަވާއިދުތަކަށް ފުރިހަމައަށް ބޯލެނބުމުގެ މުހިންމުކަން ހަނދާންކޮށްދޭ ކަމެކެވެ.





