ތަރައްގީއާ ކުރިއެރުން ގެނެސްދެވޭނީ ހަމައެކަނި ޖޭޕީ ކެނޑިޑޭޓުންނަށް: ގާސިމް

ތަރައްގީއާ ކުރިއެރުން ގެނެސްދެވޭނީ ހަމައެކަނި ޖޭޕީ ކެނޑިޑޭޓުންނަށް: ގާސިމް

މާމިގިއްޔާއި ފެންފުށީ ދާއިރާއަށް ތަރައްގީއާ ކުރިއެރުން ގެނެސްދެވޭނީ ހަމައެކަނި ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓުންނަށް ކަމަށާއި އެ ޕާޓީގެ ކެނޑިޑޭޓުންނާ ވާދަކުރެވޭ އެހެން ކެނޑިޑޭޓެއް ނެތް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ގާސިމް މިހެން ވިދާޅުވީ ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން މާމިގިއްޔާއި ފެންފުށީ ކައުންސިލަށް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް ވާދަކުރައްވާ ކެނޑިޑޭޓުން ތައާރަފްކުރުމާއި ކެމްޕެއިން ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ގާސިމް ވިދާޅުވީ ވޭތުވެދިޔަ 40 ވަރަކަށް އަހަރުދުވަހުގެ މުއްދަތުގައި ރާއްޖެއަށް ކުރިއެރުން ހޯދުމަށްޓަކައި، ރައްޔިތުންގެ ތަރައްގީއާ ދުޅަހެޔޮކަން ހޯދުމަށްޓަކައި ޑިމޮކްރެޓިކް ހަޔާތެއް ގާއިމުކޮށް، އިގްތިސާދީ ގޮތުން ހަމަޖެހުން ގެނައުމަށްޓަކައި ތަފާތު ދާއިރާތަކުން އެކި ހިޔާލު ސަރުކާރަށް ހުށަހަޅައިގެން އިންތިޒާމު ގާއިމުކުރުމަށްޓަކައި ކުރި މަސައްކަތަކީ، މިހާތަނަށް ކުރެވުނު އެންމެ މުހިންމު މަސައްކަތެވެ.

ކައުންސިލް އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ ކެނޑިޑޭޓުންނަށް މަރުހަބާ ދަންނަވަމުން ގާސިމް ވިދާޅުވީ ފެންފުށީ އާއި މާމިގިލީ ކައުންސިލުގެ މެޖޯރިޓީ އަބަދުވެސް އެ ޕާޓީއަށް ލިބެމުން އަންނަ ކަމަށެވެ. އެހެންކަމުން އެ ދެރަށުގެ ރައްޔިތުންނަށް ގާސިމް ވަނީ ހާއްސަ ޝުކުރެއް ދަންނަވާފައެވެ. އަދި ކުރިޔަށް އޮތް ކައުންސިލް އިންތިހާބުގައިވެސް ޖޭޕީގެ ކެނޑިޑޭޓުންނަށް ވޯޓުދީ އެ ދެރަށަށް ތަރައްގީ ގެނައުމަށް ރައްޔިތުންގެ އެހީ މިފަހަރުވެސް ބޭނުންވާ ކަމަށް ގާސިމް ވިދާޅުވިއެވެ.

"އަޅުގަނޑު ދަންނަވަން އޮތީ ހަމަގައިމުވެސް މިއަދަކު މާމިގިލީ ދާއިރާއަށް ކުރިމަތިލާފައި ތިބި އެހެން މެންބަރުތަކެއް ތިބި ކަމުގައިވިޔަސް ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓުންނަށްވުރެ ބޮޑު ތަރައްގީއެއް، ކުރިއެރުމެއް ދާއިރާއަށް ގެނެސްދެވޭނެ އެއްވެސް ކެނޑިޑޭޓުންނެއް ނެތޭ ކުރިމަތާލަފައެއް. އެހެންކަމަށްވަންޏާ އެބޭފުޅުންނަށް އެންމެ ހައްގުކަން ބޮޑީ މާމިގިލީ ލޮބުވެތި ރައްޔިތުންނާއި ފެންފުށީ ރައްޔިތުންނަށް އެންމެ ހައްގުކަން ބޮޑީ ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓުންނަށް ވޯޓު ދެއްވައިގެން އެމީހުން ކައުންސިލަށް ގެނެސްދެއްވުން." ގާސިމް ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓުންނަށް ވޯޓުދީ ޖޭޕީ ކައުންސިލެއް އެ ދެރަށުގައިވެސް ގާއިމުކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ. އަދި ވަކިވަކިން ކެމްޕެއިން ޖައްސައި ހަމައެކަނި އެ ކެނޑިޑޭޓެއްގެ ނަންބަރުގައި ހެޔޮ ފާހަގައެއް ލާން ރައްޔިތުން ގާތު ބުނުމަކީ، އޭގެ ސަބަބުން އެއްބާރުލުން ގެއްލި އެއްބައިވަންތަކަން ގެއްލިގެންދާނެ ކަމެއްކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވީ ތިން ދަނޑިކޮޅު އެއްކޮށް ބިންދާލަން އުޅުނަސް އެކަން ނުވާނެ ކަމަށާއި ވަކިވެއްޖެ ނަމަ ބިންދާލަން ފަސޭހަވާނެ ކަމަށެވެ.

"އެ ނަމޫނާއަކަށް ނަންގަވައިގެން ތިބޭފުޅުން މަސައްކަތްކޮށްފިއްޔާ އަޅުގަނޑަށް ކަށަވަރު އަޅުގަނޑުމެން އެންމެން ކައުންސިލް އިންތިހާބު ނަގާނަން. އަޅުގަނޑުގެ އާދޭހަކީ، އަޅުގަނޑުގެ ދެންނެވުމަކީ ތިބޭފުޅުން ބުއްދި ފަސްކޮށްނުލައްވާ ބުއްދި އިސްކޮށްގެން މި ދެންނެވި ގޮތަށް އެކަންތައް ކޮށްދެއްވާ ނިންމާނެ ކަމަށް." ގާސިމް ވިދާޅުވިއެވެ.

އެ މިސާލުން އިބްރަތެއް ހާސިލުކޮށް ޖޭޕީގެ ހުރިހާ ކެނޑިޑޭޓުން އެއްބައިވަންތަކަމާއެކު ކެމްޕެއިން ކުރިޔަށް ގެންދިޔުމަށް ގާސިމް ވަނީ އިލްތިމާސްކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *