ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ނަމުގައި ސަރުކާރުން ކުރިއަށްގެންދާ މަސައްކަތަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވެރިކަން ދާއިމީކޮށް، ޚުދުމުޚުތާރު ވެރިކަމެއް ގާއިމުކުރުމަށް ހިންގާ ބަޣާވާތެއް ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް މުއިއްޒު ޤާނޫނީ ހެދުން އަޅުވައިގެން ޤާނޫނުއަސާސީ ކަތިލުމަށް މިކުރައްވާ މަސައްކަތަކީ ވެރިކަމުގެ ބާރު ދާއިމީ ކުރުމަށްޓަކައި ދައުރު ދިގު ދައްމާލުމަށް އަޅުއްވާ ފުރަތަމަ ފިޔަވަޅު ކަމަށެވެ.
އަދި މި ފިޔަވަޅު ނިމޭ ހިސާބަކީ ދިގުދެމިގެންދާ ޚުދުމުޚުތާރު، އަނިޔާވެރި އަދި ބިރުވެރި ވެރިކަމެއް ފެށޭ ހިސާބު ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ރައްޔިތުންނާއި ވޯޓު ފޮށިދެކެ އިންތިހާއަށް ބިރުގަންނަ ކަމަށް ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ، ވަކިވަކިން ބާއްވާ ދެ އިންތިޚާބަކީ ރައްޔިތުންނަށް ދެ ފަހަރު މަތިން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ލިބޭ މުހިންމު ފުރުޞަތެއް ކަމަށެވެ.
ނަމަވެސް، ރައްޔިތުންގެ އަތުން ބާރުތައް ފޭރިގަނެ، ވޯޓުން ވެރިކަން ބަދަލު ކުރެވޭނެ މަގު ހަނިކުރުމަކީ އިޞްލާޙެއް ނޫން ކަމަށާއި، އެއީ އެންމެ މީހެއްގެ ވެރިކަން ދެމެހެއްޓުމަށް ހިންގާ ބަޣާވާތެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.
"މިއީ މަޖިލީހުގެ ތެރެއިން ރައްޔިތުންގެ ވެރިކަމަށް ފުރުޞަތު ނުދީ، މުއިއްޒު ވެރިކަމުގައި ދާއިމީކޮށް ބެހެއްޓުމަށް ހިންގާ ބަޣާވާތެއް،" ޝާހިދު ވިދާޅުވިއެވެ.
ޝާހިދު އިތުރަށް ވިދާޅުވީ، ޤާނޫނާއި ޤާނޫނުއަސާސީ ފުނޑުފުނޑުކޮށްލައިގެން ވެރިކަމުގައި ތާއަބަދު ހުންނެވޭނެ ކަމަށް ގަބޫލުކުރެއްވުމަކީ ރައީސް މުއިއްޒު ކުރައްވާ ކުށްހީއެއް ކަމަށެވެ. އަދި މިއީ ރައްޔިތުންގެ ޤައުމެއް ކަމަށާއި، ދިވެހި ރައްޔިތުން ނިކުމެ މިކަމާ ދެކޮޅަށް އިޙްތިޖާޖް ކުރާނެ ކަމުގެ އިންޒާރުވެސް ޝާހިދު ވަނީ ދެއްވާފައެވެ.
ސަރުކާރުން ޤާނޫނުއަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރަމުންދާއިރު، އިދިކޮޅު ފަރާތްތަކުން ދަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށް، އެއީ ޑިމޮކްރަސީގެ އުޞޫލުތަކާ ޚިލާފު ކަމެއް ކަމަށް ބުނަމުންނެވެ.





