ދެ އިންތިހާބު އެއްކޮށްލާ ބިލް ކޮމިޓީން ފާސްކޮށް، މަޖިލިސް ތަޅުމަށް

ދެ އިންތިހާބު އެއްކޮށްލާ ބިލް ކޮމިޓީން ފާސްކޮށް، މަޖިލިސް ތަޅުމަށް

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބާއްވާ ގޮތަށް ގާނޫނުއަސާސާސީ އިސްލާހު ކުރުމަށް ހުށަހެޅި ބިލް ރައްޔިތުންގެ މަޖިލީހުގެ މިނިިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށް މަޖިލިސް ތަޅުމަށް މިއަދު ފޮނުވައިފިއެވެ.

މަޖިލިސް  ޗުއްޓީގައި އޮއްވައި މިދިޔަ މަހުގެ ފަސްވަނަ ދުވަހު ދައުރުން ބޭއްވި މަޖިލިސް ޖަލްސާގައި އެ ބިލް މަޖިލީހަށް ހުށަހެޅުއްވީ ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހެވެ.

ހަމަ އެދުވަހު މަޖިލީހުގައި ތިއްބެވި ޕީއެންސީ މެންބަރުން ވޯޓު ދެއްވައިގެން ބިލް ފާސްކޮށް އިތުރަށް ދިރާސާ ކުރުމަށް ބލް ކޮމިޓީއަށް ފޮނުވިއެވެ.

އެ ޖަލްސާގައި ތިއްބެވި އިދިކޮޅު އެމްޑީޕީ މެންބަރުން ވޯޓު ދެއްވީ ބިލް ބަލައި ނުގަތުމަށެވެ.

މިއަދު ކޮމިޓީން ބޭއްވި ފަސް ވަރަކަށް މިނިސްޓްގެ ބައްދަލުވުމުގައި، ވަނީ އިތުރު ބަދަލެއް ނުގެނެސް ބިލް އޮތްގޮތަށް ފާސް ކުރުމަށް ފެންނަ ކަމަށް ކޮމިޓީން ފާސްކޮށްފައެވެ. އެހެންކަމުން އެ ބިލް މަޖިލީހުން ފާސް ކުރަން މަޖިލިސް ތަޅުމަށް ވަނީ ފޮނުވައިފައެވެ.

މި ބިލުގައި ވާގޮތުން ދެން މަޖިލިސް އިންތިހާބު ބާއްވާނީ، ގާނޫނުއަސާސީގެ 110 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ބާއްވާ އިންތިހާބާއެކު ގައެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އުމުރަކީ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ފަސް އަހަރު ދުވަސް ކަމަށާއި އެ މުއްދަތު ހަމަވުމުން މަޖިލިސް އުވުނީ ކަމަށް ކަނޑަަޅަން ވެސް ވަނީ ބިލްގައިވަނީ ހިމަނައިފައެވެ.

އެގޮތުން މިހާރު އޮތް ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވެގެން މަޖިލިސް އުވާލުމާއެކު، އަލަށް އިންތިހާބު ކުރާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަން ވާނީ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު ކަމަށް ކަނޑައަޅަން ވެސް ހިމަނާފައިވެއެވެ.

މި ބިލް މަޖިލީހުން ފާސްކޮށްފިނަމަ މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު  2028 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ އެއްވަަނަ ދުވަހަށް ހަމަވާނެއެވެ.

މިހާރު ގާނޫނު އަސާސީގައި އޮންނަ ގޮތުން މިހާރު އޮތް މަޖިލީހުގެ އުމުރު ހަމަވާނީ 2029 ވަނަ އަހަރުއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *