މިއަދު ހެނދުނު ބާއްވަން އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ޖަލްސާ މަދަމާއަށް ފަސްކޮށްފިއެވެ.
މިއަދު ބާއްވަން އޮތް ޖަލްސާއަކީ މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން ރައީސްގެ ރިޔާސީ ބަޔާން އިއްވަވަން، މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާއަށް ފަހު ބާއްވަން ނިންމި މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ދެވަނަ ޖަލްސާއެވެ. ނަމަވެސް މިއަދު ބާއްވަން އޮތް ޖަލްސާގެ އެޖެންޑާ މަޖިލިސް އިދާރާއީން އާއްމު ކުރީވެސް އިއްޔެ އިރު އޮއްސުނު ފަހުންނެވެ.
އެއަށްފަހު މިއަދުގެ ޖަލްސާ މާދަމާއަށް ފަސްކޮށްފައިވާ ކަމަށް ބުނެ ރޭ 11:15 އެހާކަންހާއިރު ވަނީ މެންބަރުންނަށް އަންގާފައެވެ. ނަމަވެސް މިއަދުގެ ޖަލްސާ ފަސްކުރި ސަބަބެއް މަޖިލިސް އިދާރާއިން ބުނެފައެއް ނުވެއެވެ. މިއަދު ބާއްވަން އޮތް ޖަލްސާއަށް އެންމެ ފުރަތަމަ ކަމަކަށް އެޖެންޑާ ކޮށްފައި އޮތީ، އިލެކްޝަން ކޮމިޝަނަށް މެންބަރަކު އައްޔަން ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުވާފައިވާ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާބެހޭ ދާއިމީ ކޮމިޓީއަށް ފޮނުވުމެވެ.
އެއަށްފަހު އޮތީ ރިޕަބްލިކް އޮފް ސާބިޔާއަށާއި މޯލްޓާއަށް ރާއްޖޭން ކަނޑައަޅާ ނޮން ރެސިިޑެންޑް ސަފީރު ހަމަޖެއްސުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާފައިވާ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް މައްސަލައާގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުމެވެ.
އެއަށްފަހު އޮތީ ސަރުކާރުގެ ފަރާތުން ކުޅުދުއްފުށީ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ފަރުހަތު މުހައްމަދު މަޖިލީހަށް ހުށަހަޅުއްވާ ވަތަނީ ޚީދުމަތުގެ ބިލުގެ ތައާރަފް ކުރުމެވެ.




