ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ރައްޔިތުންގެ މަޖިލީހުގައި އިއްވި ރިޔާސީ ބަޔާނަކީ ފާއިތުވީ ދެ އަހަރުވެސް އިއްވި ރިޔާސީ ބަޔާން ކަހަލަ އަވާމެންދުރެއް ކަމުގައި އެމްޑީީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިއަދު އިއްވި ރިޔާސީ ބަޔާނާބެހޭ ގޮތުން އެކްސްގައި ޝާހިދު މިއަދު ވިދާޅުވީ، ފާއިތުވީ ދެ އަހަރުވެސް އިއްވީ މިފަދަ ދެ ރިޔާސީ ބަޔާނެވެ. އަދި މިއަދު އިއްވި ރިޔާސީ ބަޔާން އޮތީ އިންތިޚާބެއް ބޯމަތިވެފަ އޮތުމުން ރައްޔިތުންނަށް ދެއްކެވި ނަނާ ހުވަފެނެއްގެ ގޮތުގައި ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
"ފާއިތުވެދިޔަ 2 އަހަރުގެ ރިޔާސީ ބަޔާނުގައި ވަޢުދު ވެވަޑައިގެންނެވި އެއްވެސް ކަމެއް ކުރެވިފައި ނެތްއިރު އެ ވަޢުދުތައް ވަޅުލައި ކަފުންކޮށްފައި، އިތުރު ދޮގުތަކެއް ރައްޔިތުންގެ ކުރިމަތީ ހާމަ ކުރެއްވުމަކީ ރައްޔިތުން އަގެއްނެތް ބަޔަކަށް ހެއްދެވުން" ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ، މިއަދުގެ ޙަޤީޤަތަކީ ފަތު އަޑުކިޔާފައި ތަކެތީގެ އަގު އުފުލެމުން ދިއުން ކަމަށާއި، ޑޮލަރުގެ އަގު އަތް ނުފޯރާފަށަށް އުފުލި، ވިޔަފާރިތައް އިނދަޖެހި، އިޤްތިޞާދު ފާލުން ނެއްޓި، މުޅި ޤައުމަށް ކުރިމަތިވެފައިވާ ގިލަންވެރިކަމަށް އެއްވެސް ހަލެއް ފެންނަން ނެތުން ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
"ރައްޔިތުންގެ އުދާސްތަކަށް ތަސައްލީއެއް ނުލިބުނު. ރިޔާސީ ބަޔާނުން ރައްޔިތުންގެ އުދާސްތަކަށް ތަސައްލީއެއް ލިބުމުގެ ބަދަލުގައި ލިބުނީ ނާއުއްމީދާއި މާޔޫސްކަން. ރިޔާސީބަޔާނަށް ދޮގުބަޔާނޭ ރައްޔިތުން ކިޔަން ފަށައިފި." ޝާހިދު ވިދާޅުވިއެވެ.




