ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ ނަފާ ސީދާގޮތެއްގައި ދިވެހި ކޮންމެ ރައްޔިތެއްގެ ޖީބަށް ވަންނާނެ ގޮތް ހެދުމަށްޓަކައި، ކޮންމެ ރައްޔިތެއްގެ ބޭންކު އެކައުންޓަށް އަހަރަކު މަދުވެގެން 400 ޑޮލަރު ޖަމާކޮށްދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިކަން އިއުލާނު ކުރެއްވީ ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ގޮތުން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
ރައީސް ވިދާޅުވީ ރާއްޖޭގައި ފަތުރުވެރިކަން ފެށުނުތާ 54 އަހަރު ވެފައިވާއިރު، މި ސިނާއަތުން ލިބޭ ނަފާ ރައްޔިތުންގެ ޖީބަށް ސީދާގޮތެއްގައި ވަންނާނެ މަގެއް މިހާތަނަށް އެއްވެސް ސަރުކާރަކުން ފަހިކޮށްދީފައި ނުވާކަމަށެވެ. ފަތުރުވެރިކަމަކީ ރާއްޖޭގެ ގުދުރަތީ ވަސީލަތްތައް އެންމެ ބޮޑަށް ބޭނުންކުރާ ސިނާއަތް ކަމަށްވާއިރު، އެ ވަސީލަތްތަކުގެ ހަގީގީ މިލްކުވެރިންނަކީ ރައްޔިތުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މި މަޝްރޫއުގެ ދަށުން ސަރުކާރުގެ ކުންފުންޏެއް މެދުވެރިކޮށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި 10 ރިސޯޓެއް ތަރައްގީ ކުރުމަށް ނިންމާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ދިވެހި އައިޑީކާޑު އޮތް ކޮންމެ ރައްޔިތަކީ މި ރިސޯޓު ތަކުގެ ހިއްސާދާރަކަށް ވާނެކަން ވަކި ގާނޫނަކުން ކަނޑައަޅާނެ ކަމަށެވެ. އަދި އެއްވެސް ރައްޔިތަކު ބާކީނުކޮށް މި ރިސޯޓު ތަކުން ލިބޭ އާމްދަނީގެ ބައެއް، ރާއްޖޭގެ ކޮންމެ ރައްޔިތެއްގެ ބޭންކު އެކައުންޓަށް އަހަރަކު 1 ފަހަރު ބޭރު ފައިސާއިން ޖަމާކޮށްދޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ސަރުކާރުގެ އަންދާޒާއަކީ މި މަޝްރޫއުގެ ދަށުން 2030 ވަނަ އަހަރުން ފެށިގެން ރައްޔިތުންގެ އެކައުންޓަށް މި ފައިސާ ޖަމާކުރަން ފެށުން ކަމަށް ރައީސް ވިދާޅުވިއެވެ.




