މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ސީއީއޯ ސުޖާތާ ހަލީމް މިއަދު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެކަމަށް ތައުރީފު ކުރައްވައިފި އެވެ.
ސުޖާތާ މަގާމުން އިސްތިއުފާ ދެއްވާފައިވަނީ ދައުލަތުގެ ބޮންޑުގައި ޕެންޝަން ފަންޑުން 2.5 ބިލިއަން ރުފިޔާ އިންވެސްޓްކުރުމަށް ނިންމި ނިންމުމާ މެދު ހިތްހަމަނުޖެހުން ފާޅުކުރެއްވުމަށްފަހުގައެވެ.
ޝަހީދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސުޖާތާގެ މި ނިންމުމަކީ އޭނާގެ ނަޒާހަތްތެރިކަން ހާމަވެގެންދިޔަ ހިތްވަރުގަދަ ނިންމުމެއް ކަމަށެވެ.
ޝާހިދު ފާހަގަކުރެއްވި ގޮތުގައި، އާންމުންގެ އިތުބާރާއި ޒިންމާދާރުކަން އިސްކުރައްވައި، އަމިއްލަ އުސޫލުތަކުގައި ސާބިތުވެ ހުންނެވި ކަމަށްޓަކައި ސުޖާތާއަށް ސާބަސް ދޭންޖެހެއެވެ. ޕެންޝަން ފަންޑަކީ ރައްޔިތުންގެ މުސްތަގުބަލާ ގުޅިފައިވާ އަމާނާތަކަށް ވާއިރު، އެ ފަންޑުގެ ރައްކާތެރިކަމަށްޓަކައި ސުޖާތާ ދެއްކެވި ނަމޫނާއަށް ޝާހިދު ވަނީ އިހުތިރާމް އަދާކުރައްވާފައެވެ.
މީގެއިތުރުން، މިހާރުގެ ސަރުކާރަށް ފަންނީ ލަފަޔާއި، ތަޖުރިބާކާރުންގެ އެހީތެރިކަމާއި، އިޚްލާޞްތެރި މަސައްކަތްތެރިން އެންމެ ބޮޑަށް ބޭނުންވެފައިވާ މި ދަނޑިވަޅުގައި، މިފަދަ ފަންނީ ބޭފުޅުންތަކެއް އިސްތިއުފާ ދެއްވަމުން ދިއުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ގިނަ އަދަދެއްގެ ފަންނީ ބޭފުޅުން ސަރުކާރުގެ މަގާމުތަކުން ވަކިވަމުން ދިއުމަކީ މިހާރުގެ ސަރުކާރުގެ ހިންގުމާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށެވެ.
ސުޖާތާ ހަލީމް އިސްތިއުފާ ދެއްވާފައި މިވަނީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިގްތިސާދީ ދަތިތަކުން އަރައިގަތުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ. ޕެންޝަން ފަންޑުން ބޮޑު އަދަދެއް އިންވެސްޓްކުރަން ނިންމުމަކީ އާންމުންގެ މެދުގައިވެސް ކަންބޮޑުވުން އުފެދިފައިވާ މައުޟޫއެކެވެ.




