ސަރުކާރަށް ބަޖެޓަށް ބޭނުންވާ ފައިސާ ހޯދަން ނުކުޅެދުމުން، އެކަމުގެ އަގު މުޅި ދިވެހި އިޤްތިސާދުން ދައްކަން ޖެހުމަކީ ދިވެހި ރައްޔިތުންނަށް ވެވޭ އަނިޔާއެއް ކަމުގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ފިނޭންސް މިނިސްޓްރީން ހުށަހެޅި 2.4 ބިލިއަން ރުފިޔާގެ ބޮންޑަކަށް ޕެންޝަން އޮފީހުން އިންވެސްޓު ކުރުމަށް ހިންގި މާލީ މުއާމަލާތާމެދު ކަންބޮޑުވުން ފާޅުކުރައްވައި، އެކްސްގައި ޝާހިދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި މުއާމާލާތުގެ ސަބަބުން ޕެންޝަން އޮފީހާމެދު ރައްޔިތުންގެ އިތުބާރު ވެއްޔާ މޮޑެވިއްޖެ ކަމަށާއި، ބަޖެޓަށް ފައިސާ ހޯދަން ސަރުކާރު ނުކުޅެދުމުން އެކަމުގެ އަގު މުޅި އިގްތިސޯދުން ދައްކަން ޖެހިގެން ނުވާނެ ކަމަށެވެ.
"މި ބޮޑު މުއާމަލާތުގެ މައުލޫމާތު ރައްޔިތުންނަށް ހާމަ ނުކުރުމުގެ ނަތީޖާ އެއްގެ ގޮތުން ޕެންޝަން އޮފީހާމެދު ރައްޔިތުންގެ އޮތް އިތުބާރު މިއަދު މި ދަނީ ވެއްޔާ މޮޑެވެމުން." ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ، ޕެންޝަން އޮފީސް މެދުވެރިކޮށް، މާލީ ސެކިއުރިޓީޒްގެ މުއާމަލާތެއްގެ ސިފަ ޖައްސައި, އޮޅުވާލައިގެން ފައިސާ ޗާޕުކުރުމަށް ޕެންޝަން އޮފީހުގެ ބޯޑުން ފާސްކުރުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި އެ ނިންމުމާއެކު ޕެންޝަން އޮފީހުގެ ބޯޑުގެ އިސްބޭފުޅުންތަކެއްވެސް ކަންބޮޑުވެވަޑައިގެން އިސްތިއުފާ ދެއްވިކަން ފާހަގަ ކުރެއްވިއެވެ.
"މި އެޅުއްވި ފިޔަވަޅަކީ ރާއްޖޭގެ އިޤްތިޞާދީ ހާލަތާ ނުބައްދަލު، ނޭދެވޭ އަސަރުކުރާނެ ނުރައްކާތެރި ފިޔަވަޅެއްކަން އެ އޮފީހުން އިސްތިއުފާ ދެއްވި ބޭފުޅުންނާއި މާހިރުންގެ ބަޔާންތަކުން އެނގޭއިރު، ޕެންޝަން އޮފީހުގެ ބޯޑާއި މެނޭޖްމަންޓުގެ މިނިވަންކަން ނަގާލައި، ގަދަފައި ވިއްދައި، ފައިސާ ޗާޕުކުރަން ޖެހެނީ ކީއްވެގެންތޯ" ޝާހިދު ސުވާލު ކުރައްވާފައިވެއެވެ .
ޝާހިދު ވިދާޅުވީ، މަރުކަޒީ ބޭންކާއި ޕެންޝަން އޮފީސް ފަދަ ޤާނޫނީ ބާރު ލިބިފައިވާ މިނިވަން މުއައްސަސާތަކުން މި ވަގުތު ޒިންމާދާރު ހަރުދަނާ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. ނަމަވެސް، މި ސަރުކާރު އައިފަހުން މިފަދަ މުއައްސަސާތަކުގެ މަސައްކަތް ހީނަރުވަމުން އަންނަ ކަމަށާއި، ރާއްޖެއަށް ހެޔޮ ވެރިކަމެއް މިއަދު ބޭނުންވެފައިވާ ކަމަށް ވިދާޅުވިއެވެ.




