ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުންގެ މޫނުމަތިން މާޔޫސް ކަމެއް ނުފެންނާނެ ކަމަށާއި، އެކަމުގެ ސަބަބަކީ ބާރުގެ ބޭނުން ނަހަމަގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ނުކުރެއްވުން ކަމުގައި އިގްތިސޯދާބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ކައުންސިލް އިންތިޚާބަށް މެދުހެންވޭރު ދާއިރާގެ ކެމްޕޭން އޮފީސް ހުޅުވަން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ، ޕީއެންސީއަށް މަޖިލީހުގެ ސުޕަމެޖޯރިޓީ ލިބިފައިވިޔަސް، ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހުގެ ބާރު "މިސްޔޫސް" ނުކުރައްވާ ކަމަށެވެ. އަދި ރައީސްގެ ރައްޔިތުން ކުރި އިތުބާރާ އެއްވަރަށް ރައީސްގެ ވައުދުތައް ފުއްދެމުންދާ މަންޒަރު މަޖިލީހުގެ ތެރެއިންވެސް ފެންނަމުންދާ ކަމަށެވެ.
ސައީދު ވިދާޅުވީ، މަޖިލީހުގެ ސުޕަމެޖޯރިޓީ ޕީއެންސީއަށް ލިބުމުން ރައީސް އަމަލު ކުރައްވަމުން ގެންދެވި ގޮތް ފެނިފައިވާ ކަމަށެވެ.
"މިވީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބަލައިލާއިރުގަ، އެއްވެސް ކަހަލަ މިސްޔޫސް ކުރުމެއް ޕަވާ މިސްޔޫސް ކުރުމެއް ނެތްކަން އެނގޭނެ އިންސާފަށް ވިސްނާ ކޮންމެ ބޭފުޅަކަށް. ކޮންމެ ގާނޫނެއް، ކޮންމެ މަސައްކަތެއް ކުރައްވާފައި ހުރީ ރާއްޖޭގެ ސުލްހަ މަސްލަހަތު ގާއިމު ކުރަންކަން." ސައީދު ވިދާޅުވިއެވެ.





