އެމެރިކާގެ ބިލިއަނަރު ޖެފްރީ އެޕްސްޓީންއާއެކު މާލީ އެއްވެސް މުއާމަލާތެއް ނުހިންގާ ކަމަށާއި އޭނާއާ ބައްދަލު ކުރެއްވިއިރު އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތައް ސާފުވެފައި ނުވާކަން އެނގިވަޑައިނުގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއިގެ މަޤާމުން މިއަދު އިސްތިއުފާ ދެއްވި ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު މިއަދު ވިދާޅުވެއްޖެއެވެ.
ބޮޑެތި ހުތުރު ކުށްތަކެއްގެ ތުހުމަތުގައި ޖަލަށް ލާފައިވަނިކޮށް އެޕްސްޓީން މަރުވީ އިސްރާއީލުގެ ޖާސޫސީ އެޖެންޓެއްގެ ގޮތުގައި ހަރަކާތްތެރި ވަމުން ދިޔައިރެވެ.
ޑރ. ވަހީދު މިއަދު އިސްތިއުފާ ދެއްވީ އެޕްސްޓީންއާއި މެއިލް މެދުވެރިކޮށް ދެއްކެވި ކަމަށް ބުނާ ވާހަކަފުޅުތަކެއް އާންމުވެފައިވާ ދަނޑިވަޅެއްގައެވެ. މަރުވި އިސްރާއީލުގެ ޖާސޫސީ އެޖެންޓެއް ކަމަށްވާ އެޕްސްޓީންއާ ގުޅުންތަކެއް ބޭއްވި ކަމަށް ބުނެ ވަހީދަށް ތުހުމަތުތަކެއް ކުރެވިފައިވެއެވެ.
އެ ކަންކަމާ ގުޅިގެން ވަހީދުގެ އޮފީހުން ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ އެޕްސްޓީންއާ އެ މަނިކުފާނު ބައްދަލުކުރެއްވީ ދެ ފަހަރެއްގެ މަތީން ކަމަށެވެ. އެ ބައްދަލު ކުރެވުން ތަކަކީ ރަސްމީ ހައިސިއްޔަތުން ބޭއްވި ބައްދަލުވުން ތަކެއް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ފުރަތަމަ ބައްދަލުވުމަކީ 2012 ވަނަ އަހަރުގެ ސެޕްޓެމްބަރު 23 ވަނަ ދުވަހު ރޭގަނޑުގެ ކެއުމެއްގައި ބޭއްވި ބައްދަލުވުމެއް ކަމަށާއި އެ ބައްދަލުވުމުގައި ސަރުކާރުގެ އިސްވެރިންވެސް ބައިވެރިވި ކަމަށް ވަހީދު ވިދާޅުވިއެވެ.
ދެވަނަ ފަހަރަށް އެޕްސްޓީންއާ ބައްދަލު ކުރެއްވީ އެ މަނިކުފާނުގެ ދަރިކަލުން ޖެފްރީ ސާލިމް ވަހީދާއެކު 2014 ވަނަ އަހަރުގެ މެއި 18 ވަނަ ދުވަހު ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
ޑރ. ވަހީދު ވިދާޅުވީ އެޕްސްޓީންއާއެކު ރަސްމީ ގޮތުންނާއި އެހެން ހައިސިއްޔަތަކުންވެސް މާލީ މުއާމަލާތެއް ހިންގާފައި ނުވާނެ ކަމަށެވެ.
އެޕްސްޓީންއާ ބައްދަލު ކުރެއްވިއިރު އޭނާގެ މައްޗަށް 2008 ވަނަ އަހަރު ކޮށްފައިވާ ތުހުމަތުގެ މައުލޫމާތު އެނގިވަޑައިނުގަންނަވާ ކަމަށާއި އެކަން އެނގިވަޑައިގެންފައި އޮތްނަމަ ފުރަތަމަ ބައްދަލުވުމަށްފަހު އިތުރު ބައްދަލުވުމަކާއި މުއާމަލާތެއް ނުހިންގެވީސް ކަމަށް ވިދާޅުވެފައިވެއެވެ.
އޭގެ އިތުރަށް އެޕްސްޓީންއާ ބައްދަލު ކުރެއްވީ އިގުތިޞާދީ މަޝްވަރާއަށް ރާއްޖޭން ވަރަށް ބޮޑަށް ބޭނުން ޖެހިފައިވާ ދަނޑިވަޅެއްގައި ކަމަށާއި އެ ކަމުގައި މަޝްވަރާ ހޯދުމަށް ލަފާ ދެއްވީ ނިއުޔޯކުގެ ނުފޫޒުގަދަ ބޭފުޅެއް ކަމަށް ވަހީދުގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ފާހަގަކުރެވޭ ގޮތުގައި އެޕްސްޓީންގެ ފައިލްތަކާއެކު އެމެރިކާގެ ކުރީގެ ބައެއް ރައީސުން ކަމަށްވާ ޖޯޖް ބުޝް، ބިލް ކްލިންޓަން ފަދަ ބޭފުޅުންނާއި ބިލް ގޭޓްސް ފަދަ އެމެރިކާގެ މަޝްހޫރު އެތައް މަހުޖަނަކުވެސް ވަނީ ބޭޒާރު ވެފައެވެ.
މީގެއިތުރުން ގަލްފުގެ ބައެއް އަރަބި ގައުމުތަކުގެ ބައެއް މަސްއޫލުވެރިންނާއި ނޯވޭގެ ކްރައުން ޕްރިންސެސް ފަދަ ޔޫރަޕްގެ ބައެއް ގައުމުތަކުގެ ޝާހީ އާއިލާތަކުގެ އިސް ބޭފުޅުންވެސް ވަނީ ބޭޒާރު ވެފައެވެ.




