އެންމެ ގޮނޑިއެއްވެސް ޕީއެންސީއަށް ދޭނެކަމެއް ނެތް، މެޖޯރިޓީ ދީފިއްޔާ ވާނީ ރައީސް އޮފީހުގެ ޑިޕާޓްމަންޓަކަށް: ޝާހިދު

އެންމެ ގޮނޑިއެއްވެސް ޕީއެންސީއަށް ދޭނެކަމެއް ނެތް، މެޖޯރިޓީ ދީފިއްޔާ ވާނީ ރައީސް އޮފީހުގެ ޑިޕާޓްމަންޓަކަށް: ޝާހިދު

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވެރިކަންކުރާ ޕީއެންސީއަށް އެންމެ ގޮނޑިއެއްވެސް ދިނުމުގެ ބޭނުމެއް ނެތް ކަމަށާއި، ޕީއެންސީއަށް މެޖޯރިޓީ ދީފިނަމަ، ބަދަލުވެގެން ދާނީ ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ޑިޕާޓްމަންޓަކަށް ކަމުގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ރޭ ކުރިއަށްދިޔަ ފުވައްމުލަކު ސިޓީ އާއި މާލެ ސިޓީ އެމްޑީޕީ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ، ޕީއެންސީއަށް ކައުންސިލް ތަކުން ގޮނޑިއެއް ދިނުމުގެ ބޭނުމެއްވެސް ނެތް ކަމަށެވެ. އަދި ޕީއެންސީއަށް ކައުންސިލްތަކުގެ މެޖޯރިޓީ ދީފިނަމަ، ލީކަލް ކައުންސިލް އިންތިޚާބުގެ މުޅި މަފްހޫމް ދިޔައީ ކަމަށެވެ.

"އެއްގޮތަކަށްވެސް އަޅުގަނޑުމެން މި ކައުންސިލްތައް މި ލޯކަލް ކައުންސިލް އިންތިޚާބުގައި އެންމެ ގޮނޑިއެއްވެސް ގޮނޑިއެއްވެސް ޕީއެންސީއަށް ދޭނެ ކަމެއް ނެތް. ދިނުމުގެ އެއްވެސް ބޭނުމެއްނެތް. ޕީއެންސީއަށް މެޖޯރިޓީ ލިބިއްޖެނަމަ ދެން އެ ބަދަލުވަނީ ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ޑިޕާޓްމަންޓަކަށް. ލޯކަލް ކައުންސިލްގެ މުޅި މަފްހޫމު ދިޔައީ. މިހާރު އެހެރީ އެޓޯލްސް އެޑްމިނިސްޓްރޭޝަން މިނިސްޓްރީ ހައްދަވާފަ." ޝާހިދު ވިދާޅުވިއެވެ.

ރޭ އެމްޑީީގެ ހަރުގޭގައި ކުރިއަށްދިޔަ ޖަލްސާގެ ތެރެއިން.

ޝާހިދު ވިދާޅުވީ، އެ މިނިސްޓްރީގެ ދަށުން މިހާރު ކައުންސިލްތައް ހިންގުމުގެ ތަރުތީބުތައް ކުރަމުންދާތާ ދެ އަހަރު ވެއްޖެ ކަމަށާއި، އަތޮޅު ކައުންސިލްތައް އުވާލީވެސް ޚަރަދު ކުޑަކުރަން ކަމަށް ސަރުކާރުން ބުނަމުންދާ ކަމަށެވެ.

"އެކަމަކު ޙަޤީޤީ ބޭނުމަކީ މިދަންނަވާ އެޓޯލްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންތައް އައްޔަނުކޮށްގެން އަތޮޅުތައް ހިންގުން. އެ ސަކަރާތެއް ޖަހަން އެއުޅެނީ. އެކަމަކަށް ފުރުޞަތުދޭނެ ކަމެއްނެތް. އަޅުގަނޑުމެން އެއްގޮތަކަށްވެސް ހަމަ އެއްގޮތަކަށްވެސް އެންމެ ގޮނޑިއެއްވެސް ޕީއެންސީއަށް ދިނުމުގެ ބޭނުމެއް ނެތް." ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ދިނުމުން މަޖިލީހަކީވެސް ރައީސް އޮފީހުގެ ޑިޕާޓްމަންޓަކަށް މިހާރު ހަދާފައިވާ ކަމަށެވެ.

"ޤާނޫނުއަސާސީގައި 75 ވަނަ މާއްދާގައި ބުނަނީ ވަރަށް ސާފުކޮށް ސަރުކާރުގެ މައްޗަށް ފާރަވެރިވުން އެއީ ރައްޔިތުންގެ މަޖިލިހުގެ ޒިންމާއެއް. އެ މިހާރު އަދާކުރަންޖެހޭ ވާޖިބެއް އެކަމަކު ޤާނޫނުއަސާސީގައި ސާފުކޮށް އެކަން ހަވާލުކޮށްފައި އޮވެމެ، މި ސަރުކާރުން ހެއްދެވި ގޮތަކީ ރައްޔިތުންގެ މަޖިލިހަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހިންގާ ޑިޕާޓްމަންޓަކަށް ބަދަލު ކޮށްލެއްވީ. އެއީ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވާ ގޮތަކަށް ނޫނިއްޔަކާ އަނގައަކުން ނުބުނެވޭ. ރައީސް ޖުމްހޫރިއްޔާ ވިދާޅުވާ ބަހެއް ނޫނިއްޔަކާ ނުއެއް އިއްވޭ. ރައީސްޖުމްހޫރިއްޔާގެ ޚިޔާލުފުޅަށް އިދިކޮޅަށް އެއްޗެއް ބުނާ މީހަކުވިއްޔާ ހުންނަނީ ބިރުވެރިކަމަކަށް ވައްޓާލެވިފައި." ޝާހިދު ވިދާޅުވިއެވެ.

ކައުންސިލް އިންތިޚާބުގެ ކެމްޕޭނުގައި އިއްޔެ މާލޭގައި އެމްޑީޕީ އިން ކުރިއަށް ގެންދިޔަ "ދޮރުން ދޮރަށް" ހަރަކާތުގެ ތެރެއިން

ޝާހިދު އިތުރަށް ވިދާޅުވި ގޮތުގައި މިހާރުވެސް ސަރުކާރަށް މެޖޯރިޓީ އޮތް ކައުންސިލްތައް ހުރިއިރު، އެއިން ރަށެއްގައި ތަރައްގީގެ އެއްވެސް ކަމެއް މިހާރުވެސް ނުހިނގައެވެ. ބަޔެއް ރަށްރަށުގެ ކައުންސިލްތަކުގެ މެޖޯރިޓީ ސަރުކާރަށް މިހާރުވެސް އޮތްއިރު، އޭގެތެރެއިން މާލެ ސިޓީ ކައުންސިލްގެ ވާހަކަ ފާހަގަ ކުރައްވައި ޝާހިދު ވިދާޅުވީ، މާލެ ސިޓީގައިވެސް އެންމެ ތިން ގޮނޑި ފިޔަވައި ދެން ހުރި ހުރިހާ ގޮނޑިއެއް މިހާރުވެސް ހުރީ ސަރުކާރަށް ކަމަށެވެ. އަދި މާލެ ސިޓީގެ ޖަލްސާތަކުގައި މިހާރުވެސް ރައީސުލްޖުމްހޫރިއްޔާ ހިތްހަމަނުޖެހޭ ކަމެއް އެޖެންޑާ ކޮށްފިނަމަ، "ރިމޯޓް ފިތާލެއްވީމާ" ޖަލްސާގެ ކޯރަމް ގެއްލުވާލައި، ޖަލްސާ ބޭއްވުން ހުއްޓުވާލާ ކަމަށް ވިދާޅުވިއެވެ.

" މާލޭ ސިޓީގައި ތިންގޮނޑި ފިޔަވައި ހުރިހާ ގޮނޑިއެއް މެޖޯރިޓީ، މާބޮޑުތަނުން މެޖޯރިޓީ އޮތީ ސަރުކާރުގައި. ކުރައްވާހާ ކަމެއް މިކުރައްވަނީ މޭޔަރު ގަދަ ހިތްވަރާއެކީގައި ކުރައްވަނީ. ކިރިޔާވެސް ސަރުކާރުން ރައީސުލްޖުމްހޫރިއްޔާ ހިތްޕުޅާ ނުވާ މައްސަލައެއް އެޖެންޑާ ކޮށްލެވުނަސް އެއްކަލަ ރިމޯޓް ފިތާލެއްވީމާ ކޯރަމް ހަމައެއްނުވޭ. ޖަލްސާ ބޭއްވިއަކަ ނުދޭ." ޝާހިދު ވިދާޅުވިއެވެ.

ކައުންސިލް އިންތިޚާބުގެ ކެމްޕޭނުގައި އިއްޔެ މާލޭގައި އެމްޑީޕީ އިން ކުރިއަށް ގެންދިޔަ "ދޮރުން ދޮރަށް" ހަރަކާތުގެ ތެރެއިން

ޝާހިދު ވިދާޅުވީ، ސަރުކާރަށް މެޖޯރިޓީ އޮތް ކައުންސިލްތައް ހުރި ރަށްރަށުގައިވެސް ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުގޮސް ހުއްޓިފައި ހުރީ ކައުންސިލުން ހުއްދަ ނުދީގެން ނޫން ކަމަށެވެ.

"އެއީކީ ކައުންސިލުން ހުއްދައެއް ނުދީގެން ނޫން. ސަރުކާރުން އެކަން ކުރުމުގެ ވައްޓަފާޅިއެއްވެސް ނެތީ. ކަންކުރާނެ ގޮތްވެސް ނޭނގެނީ. ހަމައެކަނި އެނގޭ ކަންތައް އެކުރައްވަނީ. އެއީ ވައްކަން ކުރުން، ކޮރަޕްޝަން. އެއީ އޮޅުވާލުން. އެކަން އެކަނި އެކުރައްވަނީ." ޝާހިދު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *