ރިޔާސީ އިންތިޚާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލައިގެން ބޭއްވުމާބެހޭ ގޮތުން، ސިޔާސީ ޕާޓީތަކާއެކު ބާއްވާ މަޝްވަރާ ކުރަން، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުން މިހާރު ކުރިއަށްދާ ގޮތުން ހިތްހަމަނުޖެހި، ބައްދަލުވުން ދޫކޮށް އެމްޑީޕީން ހިނގައްޖެއެވެ.
މިއަދު އޮތް ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދައްކަން އެންމެ ފުރަތަމަ ފުރުސަތު ދިނީ ވެރިކަންކުރާ ޕީއެންސީއަށެވެ. އެ ޕާޓީގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވި، ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، ދެ އިންތިހާބު އެއްކޮށްލުމަކީ ރައްޔިތުން ވަރަށްބޮޑަށް ބޭނުންވާނެ ކަމެއް ކަމަށެވެ. އަދި ޕީއެންސީގެ ވިސްނުމާއި ރައީސް މުއިއްޒުގެ ވިސްނުންފުޅަކީ، ހަރަދު ކުޑަކުރުމާއި އިގްތިސާދު ކުރުމުގައި ގައުމުގެ ހާލަތަށް ވިސްނާއިރު ރައްޔިތުންގެ ބައިވެރިވުންއިތުރު ކުރުން ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.
އެމްޑީޕީގެ ފަރާތުން ވާހަކަ ދެއްކެވި، އެ ޕާޓީގެ ނައިބު ރައީސް އަދި ތުޅާދޫ ދާއިރާގެ ކުރީގެ މެންބަރު ހިސާން ހުސެއިން ވިދާޅުވީ، ގާނޫނުއަސާސީއަށް މިހާބޮޑު އިސްލާހެއް އަވަސް އަރުވާލައިގެން ގެންނަނީ ކީއްވެގެން ކަމެއް ނުވިސްނޭ ކަމަށެވެ.
"މަޖިލިސް ރިސެސްގަ އޮއްވައި ކުއްލިއަކަށް މިގޮތަށް އެއްވެލައިގެން ގާނޫނުއަސާސީއަށް މިކަހަލަ ބޮޑު، އަދި މުޅި ރައްޔިތުންނާއި މުޅި ގައުމުގެ ވެރިކަމުގެ ނިޒާމާ ގުޅިފައިވާ ކަމަކަށް ބަދަލުގެންނަން މަޝްވަރާކޮށް، ލޯކަލް ކައުންސިލްގެ އިންތިހާބުގެ ތެރެއަށް މި ރެފަރެންޑަމް ލައިގެން ކުރިއަށް ގެންދަންޖެހޭ ސަބަބެއް އޮތް ކަމަކަށް ގަބޫލެއް ނުކުރެވޭ." ހިސާން ވިދާޅުވިއެވެ.
ދެ އިންތިޚާބު އެއްކޮށްލުމަކީ ރައްޔިތުން ބޭނުންވާ ގޮތް ކަމަށް މިނިސްޓަރު ޝަރީފު ވިދާޅުވި ވިދާޅުވުމަށް ރައްދު ދެއްވައި ހިސާން ވިދާޅުވީ، އެއީ ރައްޔިތުން ބޭނުންވާ ކަމެއްކަމަށް އެ ކޮމިޓީގައި ތިބެގެން ނުނިންމޭނެ ކަމަށެވެ.
" ގާނޫނުއަސާސީ ބުނަނީ އަޅުގަނޑުމެން ގޮސް ރައްޔިތުން ގާތު އަހަން އެބަޖެހެއޭ. މިއީ ރައްޔިތުން ބޭނުންވާ ގޮތްތޯ، އެ ފުރުސަތު ރައްޔިތުންނަށް ލިބިދޭން މި ޖެހެނީ މި އިސްލާހާގުޅޭ ފުރިހަމަ މައުލޫމާތު ރައްޔިތުންނަށް އަރުވާފަ، އެހެންވީމާ އަޅުގަނޑުމެން ގަބޫލު ކުރާ ގޮތުގައި މި ގޮތަށް އަވަސް އަރުވާލައިގެން، ކުރު ގަޅުވާލައިގެން ގާނޫނުއަސާސީ އިސްލާހު ކުރުމަކީ އަދި ޚާއްސަކޮށްް ގާނޫނުއަސާސީގެ 262 މާއްދާގެ (ށ) ގައި މި ބުނާ ޒާތުގެ ކަންތައްތައް އިސްލާހު ކުރުމަކީ އެއްގޮތަކަށްވެސް ކުރެވިގެންވާނެ ކަމެއްނޫން،" ހިސާން ވިދާޅުވިއެވެ.
ހިސާން ވިދާޅުވީ، އެކަމުގައި ސިޔާސީ ޕާޓީތަކާއެކު ވާހަކަ ދައްކަން މަޖިލީހުން ނިންމި ނިންމުން ރަނގަޅު ކަމަށެވެ. ނަމަވެސް އެމްޑީޕީއަކީ ހަމައެކަނި ޕާޓީގެ ލީޑަރު ގޮތް ނިންމާ ޕާޓީއެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
" އަޅުގަނޑުމެނަށް އިއްޔެނޫން އިހައްދުވަހު މި ފޮނުވަނީ ނުރަސްމީ ގަޑީގަ ސިޓީ، މިކަމާބެހޭގޮތުން މަޝްވަރާ ކުރަން އަންނަން، އެމްޑީޕީއަކީ ޕާޓީގެ ލީޑަރު ގިނިކަންޏާ ގޮތް ނިންމާ ޕާޓީއެއް ނޫން،" ހިސާން ވިދާޅުވިއެވެ.
ހިސާން ވިދާޅުވީ، އެމްޑީޕީއަކީ ޕާޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކޮށް، މެންބަރުންގެ ޚިޔާލުވެސް ހޯދައިގެން ގޮތް ނިންމާ ޕާޓީއެއް ކަމަށާއި، ގައުމީ މަސްލަހަތާ ގުޅޭ ބޮޑެތި ކަންކަމުގައި ރަށު ހިންގާ ކޮމިޓީތަކާއި ގައުމީ މަޖިލީހުގައިވެސް މަޝްވަރާ ކުރަންޖެހޭ ކަމަށެވެ.
އެހެންކަމުން މިހާރު ކަންކުރި ގޮތުން ޕާޓީތަކާ މަޝްވަރާކޮށް ގޮތް ނިންމުމުގެ ފުރުސަތުވެސް އަދި ރަނގަޅު މައުލޫމާތު ލިބިގެން އެކަމަށް ގޮތް ނިންމުމުގެ ފުރުސަތު ރައްޔިތުންނަށް ނުލިބޭކަމަށް ވިދާޅުވެ، އަދި ބިލްގެ މި ޕްރޮސެސްގައި ބައިވެރިވުމަށް އުޒުވެރިވާކަމަށް ވިދާޅުވެ ބައްދަލުވުން ދޫ ކުރައްވައި ހިސާނު ވަޑައިގެންނެވިއެވެ.
ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ)ގައި ބުނަނީ ގާނޫނުއަސާސީގެ އަންނަނިވި މާއްދާތަކަށް އިސްލާޙު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ އެއްވެސް ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރަވާނީ އެއިސްލާޙެއް ގެނައުމަށް ރައްޔިތުން ރުހޭތޯ ބެލުމަށް ނަގާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓެއްގައި، ވޯޓުދިން މީހުންގެ އަޣުލަބިއްޔަތު ލިބިއްޖެ ނަމަ ކަމަށެވެ. އަދި އާންމު ވޯޓުގައި ވޯޓު ދިން މީހުންގެ އަޣުލަބިއްޔަތު ނުލިބިއްޖެ ނަމަ، އެ ބިލެއް ބާތިލްވާނެ ކަމަށްވެސް ބުނެފައިވެއެވެ.




