އިލެކްޝަންސް ކޮމިޝަން ގެ ރައީސް މުހައްމަދު ޒާހިދު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި ބައްދަލު ކުރެއްވުމާބެހޭ ގޮތުން، ސުވާލު ކުރުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުން ހޫނު ވެއްޖެއެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމަކީ، ރައީސުލްޖުމްހޫރިއްޔާއަކު އިންތިހާބު ކުރަން ބާއްވާ ރިޔާސީ އިންތިހާބާއި، ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިހާބު ކުރަން ބާއްްވާ އިންތިހާބާއެކު، ދެ އިންތިހާބު އެއްކޮށްލަން ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ބެހޭގޮތުން އިލެކްޝަން ކޮމިޝަންގެ މެންބަރުންނާ ބައްދަލު ކުރުމެވެ.
މިއަދުގެ ބައްދަލުވުމުގައި ކޮމިޝަންގެ ރައީސްއާ ސުވާލު ކުރުމަށް މެންބަރުންނަށް ހުޅުވާލުމުން، އެންމެ ފުރަތަމަވެސް ސުވާލު ކުރެއްވީ އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމެވެ. އޭނާ ސުވާލު ކުރެއްވީ އިސީގެ ރައީސް ޒާހިދު، ރައީސް ޑރ. މުއިއްޒުއާއެކު ސިއްރު ބައްދަލުވުމެއް ބޭއްވި ކަމަށާއި، އެ ބައްދަލު ކުރެއްވުމުގައި ދެ އިންތިހާބު އެއްކޮށްލުމާބެހޭ ރެފަރެންޑަމްއާ ބެހޭގޮތުން ވާހަކަ ދެއްކެވި ކަމަށް މީޑިއާ ތަކުގައި ރިޕޯޓް ކޮށްފައި ވާއިރު އެއީ ތެދެއްްތޯ އޮޅުން ފިލުވައި ދިނުމަށެވެ.
ޒާހިދު ވިދާޅުވީ، ރައީސް މުއިއްޒުއާއެކު ބޭއްވެވީ ސިއްރު ބައްދަލުވުމެއް ނޫން ކަމަށެވެ އަދި އެ ބައްދަލުވުމުގައި އިންތިހާބާބެހޭ ވާހަކައެއް ނުދައްކަވާ ކަމަށެވެ. ނަމަވެސް ރާއްޖޭގެ ޑިމޮކްރިކް ނިޒާމު ހަރުދަނާކޮށް ކުރިއަށް ގެންދިއުމަކީ އީސީން ވަަރަށް ބޮޑު އަހައްމިއްޔަތު ކަމެއްދޭ ކަމަށްވާތީ، އެކަަން ކުރިއަށް ގެންދިއުމަށް ދައުލަތުން ދޭންޖެހޭ އެއްބާރުލުމާބެހޭ ގޮތުން ވާހަކަ ދެއްކެވުމަށް ރައީސް މުއިއްޒާ ބައްދަލު ކުރެއްވި ކަމަށް ވިދާޅުވިއެވެ.
މީކާއީލް އިތުރު ސުވާލު ކުރައްވަމުން ވިދާޅުވީ ބޮޑު އިންތިހާބަކާއި ރެފަރެންޑަމެއް ކުރިއަށް އޮއްވައި، ގާނޫނީ ގޮތުން އިލެކްޝަންސް ކޮމިޝަން ޖަވާބުދާރީ ވާންޖެހޭ ގޮތަށް އޮތް ރައްޔިތުންގެ މަޖިލީހާ ބައްދަލު ނުކޮށް، ސިޓީ ފޮނުވައިގެން ރައީސުލްޖުމްހޫރިއްޔާއާ ބައްދަލު ކުރުމަކީ މިނިވަން މުއައްސަސާއެއްގެ ގޮތުގައި އޮތް އިލެކްޝަންސް ކޮމިޝަނާމެދު ރައްޔިތުންގެ އިތުބާރު ގެއްލޭނެ ކަމެއް ކަަމަށެވެ.
އެ ހިސާބުން ޕީއެންސީގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ކޮމިޓީއާ ގުޅިވަޑައިގެންނެވިއެވެ. ކޮމިޓީ ބައްދަލުވުން ހޫނުވީ އެހިސާބުން، އިސީގެ ރައީސްއަށް މީކާއީލް ކުރެއްވި ސުވާލުތަކާ ގުޅިގެންނެވެ.
އެ ސުވާލުތަކާމެދު ހިތްމަޖެހިވަޑަަނުގެން ޝުޖާ ވިދާޅުވީ، އެ ފަދަ ސުވާލު ތަކަށް ކޮމިޓީގެ މުގައްރިރު ފުރުސަތު ދެއްވައިގެން ނުވާނެ ކަމަށެވެ. އަދި މެންބަރުންނަށް ސުވާލު ކުރުމުގެ ފުރުސަތު ދެއްވާއިރު އިހްލާސްތެރި ނިޔަން އެނގެންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
ކޮމިޓީގައި ބިލުގެ މަސައްކަތް ކުރިއަށް ދިޔައިރު ބައްދަލުވުމަށް ވަޑައިނުގެން މީޑިއާ ކުރިމަތީގައި ޗަރުކޭސް ކުޅުއްވަން ވަޑައިގަންވަނީކަމަށްވެސް މީކާއީލްއަށް ނިސްބަތްކޮށް އަޑު ގަދަކުރައްވައި ޝުޖާ ވިދާޅުވިއެވެ. އެހިސާބުން ޒުވާބު ގަދަވެ، ޝުޖާ ހައްދަވަނީ ދޮގުކަމަށް ތަކުރާރުކޮށް މީކާއީލް ވިދާޅުވަމުން ގެންދެވިއެވެ




