ކައުންސިލް އިންތިޚާބާއެކު، ދެ އިންތިޚާބު އެއްކޮށްލުމުގެ ރެފަރެންޑަމް ބާއްވާނަމަ އިތުރު 20 މިލިޔަން ބޭނުންވޭ

ކައުންސިލް އިންތިޚާބާއެކު، ދެ އިންތިޚާބު އެއްކޮށްލުމުގެ ރެފަރެންޑަމް ބާއްވާނަމަ އިތުރު 20 މިލިޔަން ބޭނުންވޭ

އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ ތަކުގެ އިންތިހާބާއެކު، (ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު) އެއްކޮށްލަން ފެނޭތޯ ބެލުމުގެ ވޯޓު ނަގާނަމަ، އިތުރު 20 މިލިއަން ރުފިޔާ ބޭނުންވާ ކަމަށް އިލެކްޝަންސް ކޮމިޝަން ގެ ރައީސް މުހައްމަދު ޒާހިދު ދެންމެ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާއަކު އިންތިހާބު ކުރަން ބާއްވާ ރިޔާސީ އިންތިހާބާއެކު، ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު، އެއްކޮށް ބާއްވަން ގާނޫނު އަސީސާއަށް އިސްލާހު ގެންނަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ވަނީ ބިލެއް ހުށަހަޅައިފައެވެ.

ނަމަވެސް އެ ބިލުން ގާނޫނުއަސާސީއަށް އިސްލާހު ގެނެސް އަމަލު ކުރެވޭނީ، ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާ ބިލް ތަސްދީގު ކުރެއްވުމުގެ ކުރިން އެކަމާމެދު ރައްޔިތުން ދެކޭގޮތެއް ބެލުމަށް ނަގާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ރެފަރެންޑަމަކަށް ފަހުގައެވެ.

ހަމަ އެއާއެކު ކައުންސިލް އިންތިހާބު ތަކާއި ޑަބްލިއުޑީސީގެ އިންތިހާބުތަކާއެކު އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު، ދެ އިންތިހާބު އެއްކޮށްލަން ބޭނުންވާ ރެފަރެންޑަމް ވޯޓު ނަގަން ތާއީދު ކުރައްވާ ކަމަށް ޕީއެންސީގެ މެދުހެންވޭރު ދާއިރާގެ ކެމްޕެއިން އޮފީސް ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ޕީއެންސީގެ ކެމްޕެއިން މެނޭޖަރުގެ ގޮތުގައިވެސް ހުންނެވި އިބްރާހީމް ފަލާހު ވަނީ ވިދާޅުވެފައެވެ.

ދެ އިންތިހާބު ބާއްވާ ބިލް ދިރާސާ ކުރުމަށް މިއަދު ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން އީސީގެ ރައީސް ޒާހިދު ވިދާޅުވީ، ކައުންސިލް އިންތިހާބު ތަކާއި ޑަބްލިއުޑީސީ އިންތިހާބު ތަކާއެކު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ނަގާ ވާހަކަ ބައެއް މެންބަރުންނާއި، މީޑިއާ ތަކުން ހާމަ ކުރަމުން އަންނަ ކަމަށެވެ. އެހެން ވެއްޖެނަމަ، އިތުރު 20 މިލިޔަން ރުފިޔާ ބޭނުންވާ ކަަމަށް ޒާހިދު ވިދާޅުވިއެވެ.

އެއީ ވޯޓަށް ބޭނުންވާ އިތުރު ކަރުދާސް ޗާޕް ކުރުމަށާއި، ކައުންސިލްތަކާއި ޑަބްލިއުޑީސީ އިންތިހާބު ތަކަށް ބޭނުންވާ ވޯޓު ފޮށިތައް މިހާރު ރަށްރަށަށް ފޮނުވާފައިވާއިރު، ހިޔާލު ހޯދުމުގެ ވޯޓަށް ބޭނުންވާ އިތުރު ވޯޓު ފޮށިތައް އަލުން ތަންތަނަށް ފޮނުވުމަށާއި، އޮޮފިޝަލުން އިތުރަށް ނެގުމަށް ކަމަށްވެސް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *