މާލީ ގޮތުން "ބަނަ ވިލާގަނޑެއް" ބޯމަތިވަމުން އެބަ އަންނަ ކަމަށާއި ސަރުކާރުން އަވަސް ފިޔަވަޅުތަކެއް ނާޅައިފިނަމަ، ރާއްޖޭގެ އިގްތިސޯދު ނުރައްކާތެރި ހިސާބަކަށް ދިއުމަކީ ގާތް ކަމެއް ކަމުގައި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެކްސްގައި މިއަދު ފައިސަލް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފެންނަމުން މިދަނީ ބަނަ ބޯވިލާގަނޑެއް ބޯމަތިވަމުން އަންނަ މަންޒަރު ކަމަށާއި، ސަރުކާރުން ރައްޔިތުންގެ ފައިސާ އިސްރާފުކުރުން ހުއްޓާލައި، އުފެއްދުންތެރިކަން އިތުރު ކުރުމަށް އާއްމު ރައްޔިތުންނާއި ވިޔަފާރިތަކަށް އެހީތެރިކަންދީ، މާލީ ދާއިރާގެ ތަޖުރިބާކ ާރުންގެ ލަފަޔާއި އިރުޝާދު ތަކަށް ތަބާވާންޖެހޭ ކަމަށެވެ.
"މާލީ ދާއިރާއަށް ދިމާވަމުންދާ ގޮންޖެހުން ތަކުން އަރައިގަތުމަށް ސަރުކާރުން އަވަސް ފިޔަވަޅުތަކަށް ނާޅައިފިނަމަ، މިއަދު ދުނިޔެއަށް ކުރިމަރިމަތިވަމުންދާ ހަލަބޮލި ކަމުގެ ތެރެެއިން، ރާއްޖޭގެ އިގްތިޞާދު ނުރައްކާތެތި ހިސާބަށް ދިއުމަކީ ވަރަށް ގާތްކަމެއް. މިކަމުން އަރައިގަތުމަށް ސަރުކާރުން ވީހާވެސް އަވަހަށް މަސައްކަތް ކުރުމަށް ގޮވާލަން." ފައިސަލް ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ، ރާއްޖޭގެ އިޤުތިޞާދު ރަނގަޅު ކުރުމަށާއި ދަރަނި މެނޭޖު ކުރުމަށް މާލީ އިދާރާތަކުންނާއި މާލީ ދާއިރާގެ ތަޖުރިބާކާރުން ދޭ ލަފަޔާ މަޝްވަރާއަށް ސަރުކާރުން އަމަލު ނުކުރާ ކަމަށެވެ.
"ނަތީޖާއަކީ، ރާއްޖޭގެ މާލީ ހާލަތު ގޯސްވެ ޒިންމާދާރު މަޤާމުތަކުގައި ތިއްބެވި ބޭފުޅުން އިސްތިއުފާ ދެއްވައި ގެއަށް ވަޑައިގެންނެވުން ނޫން ގޮތެއް ނެތި އެގޮތަށް ޢަމަލު ކުރެއްވުމަށް މަޖުބޫރުވުން. " ފައިސަލް ވިދާޅުވިއެވެ.
ފައިސަލްގެ ޕޯސްޓުގައި އިތުރަށް ވިދާޅުވި ގޮތުގައި، ޑޮލަރުގެ އަގު މައްޗަށް ދިޔުމާއި، އިންފްލޭޝަން މަތިވުމާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ބަނގުރޫޓުވެ، ބޮޑެތި ވިޔަފާރި ތަކަށްވެސް ގޮތްހުސްވާ ހިސާބަށް ދިޔުމަކީ އާއްމު ރައްޔިތުންގެ ދިރިއުޅުން ބިކަވެ ނިކަމެތި ވަމުންދާ ސަބަބެވެ.




