އިންތިޚާބުގައި 2،993 ކެންޑިޑޭޓުން ޝަރުތު ހަމަވޭ: އީސީ

އިންތިޚާބުގައި 2،993 ކެންޑިޑޭޓުން ޝަރުތު ހަމަވޭ: އީސީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ޖުމްލަ 2،993 ކެންޑިޑޭޓުން ވާދަކުރާނެކަން އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމު ކޮށްފައިވާ ތަފާސްހިސާބު ތަކަށް ބަލާއިރު، މި އިންތިހާބުތަކުގައި ވާދަކުރުމަށް ފުރުސަތު ހުޅުވާލި މުއްދަތުގެ ތެރޭގައި ޖުމްލަ 3،547 ފޯމު ހުށަހަޅާފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ ކައުންސިލް އިންތިހާބަށް ހުށަހެޅި 1،936 ފޯމާއި، އަންހެނުންގެ ކޮމިޓީތަކަށް ވާދަކުރަން ހުށަހެޅި 1،611 ފޯމެވެ. މި ފޯމުތަކުގެ ތެރެއިން ކޮމިޝަނުން ގަބޫލުކޮށްފައި ވަނީ 2،993 މީހެއްގެ ކެންޑިޑެސީއެވެ.

އެގޮތުން، ކައުންސިލް އިންތިހާބުގައި އެކި ރަށްރަށުން 1،610 ކެންޑިޑޭޓުން ވާދަކުރާއިރު، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ ތަކަށް 1،383 ކެންޑިޑޭޓުން ވާދަކުރާނެއެވެ. އީސީން ބުނީ، ޕޯޓަލް މެދުވެރިކޮށް ހުށަހެޅި ހުރިހާ ފޯމެއް މިހާރު ޕްރޮސެސްކޮށް، ފޯމު ހުށަހެޅި ފަރާތްތަކަށް ޖަވާބު ދީފައިވާ ކަމަށެވެ.

އީސީން ހާމަކުރި ގޮތުގައި ކެންޑިޑޭޓުންގެ އަދަދަށް ބަދަލެއް އައުން އެކަށީގެންވަނީ ހަމައެކަނި ދެ ހާލަތެއްގައެވެ. އެއީ ކެންޑިޑޭޓަކު އަމިއްލައަށް ނަން އަނބުރާ ގެންދިއުމުން ނުވަތަ ކޮމިޝަނުން ބަލައިނުގަތް ފޯމެއްގެ މައްސަލަ ކޯޓަށް ހުށަހަޅައި، އެ ފޯމު ބަލައިގަތުމަށް ކޯޓުން އަމުރު ކުރުމުންނެވެ.

ބައެއް ފަރާތްތަކުގެ ކެންޑިޑެސީ ބަލައިނުގަތް މައިގަނޑު ސަބަބުތަކުގެ ތެރޭގައި ކުށާއި ދަރަނީގެ ރެކޯޑު ފޯމު ފުރިހަމައަށް ހުށަހަޅާފައި ނެތުމާއި، ކަރެކްޝަނަލް ސަރވިސްގެ ރެކޯޑު ހުށަނޭޅުން ހިމެނެއެވެ.

އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ މި އިންތިހާބުގައި ރަށު ކައުންސިލް ތަކަށް 626 މެންބަރުން އަދި ސިޓީ ކައުންސިލްތަކަށް 52 މެންބަރުން އިންތިހާބު ކުރާނެއެވެ. އިންތިޚާބުގައި 294,937 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބިގެންވެއެވެ. އެއީ 144,527 އަންހެނުންނާއި 150,410 ފިރިހެނުންނަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *