ޕެންޝަން އޮފީހުގެ ވެރިން މަގާމުން ވަކިވުމުން އެނގެނީ ފަންނީ މާހިރުންގެ ލަފާ ސަރުކާރުން އަޑު ނާހާކަން: ޝާހިދު

ޕެންޝަން އޮފީހުގެ ވެރިން މަގާމުން ވަކިވުމުން އެނގެނީ ފަންނީ މާހިރުންގެ ލަފާ ސަރުކާރުން އަޑު ނާހާކަން: ޝާހިދު

ޕެންޝަން އޮފީހުގެ ވެރިން މަގާމުތަކުން އިސްތިއުފާ ދެއްވަމުން ގެންދިއުމުން ހާމަވެގެން ދަނީ، ފަންނީ މާހިރުންގެ ލަފައާއި އިރުޝާދު މި ސަރުކާރުން އަޑު ނާހާކަން ކަމުގައި އެމްޑީީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޕެންޝަން އޮފީހުގެ އިސް ދެވެރިޔަކު މިދިޔަ އަހަރުވެސް އިސްތިއުފާ ދެއްވާފައި ވަނިކޮށް، ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަން ކަމުން ޑރ. އަޙްމަދު އީނާޒް މިއަދު އިސްތިއުފާ ދެއްވުމުން އެކަމަށް އިޝާރާތް ކުރައްވައި އެކްސްގައި ޝާހިދު ވިދާޅުވީ، މިފަދަ ކަންކަމުން އަންގައިދެނީ މި ސަރުކާރުގައި ތަޖުރިބާއެއްވެސް އަދި ގާބިލުކަމެއްވެސް ނެތްކަން ކަމަށެވެ. އަދި ފަންނީ މާހިރުންގެ ލަފައަށް ސަރުކާރުން ބެލުމެއް ނެތް ކަމެވެ.

ޝާހިދު މިފަދައިން ވިދާޅުވިއިރު، ފިނޭންސް މިނިސްޓަރުކަންވެސް ކުރެއްވި އީނާޒް، ޕެންޝަން އޮފީހުގެ ޗެއާާޕާސަން ކަމުގެ މަގާމުން މިއަދު އިސްތިއުފާ ދެއްވުމަށްފަހު، އެކްސްގައި މިއަދު ވިދާޅުވީ، ދައުލަތުގެ މާލީ ހާލަތު ކަންބޮޑުވާ މިންވަރަކަށް ދަށަށް ދަނިކޮށް، ސަރުކާރުން ހުށަހަޅާފައިވާ 2.4 ބިލިއަން ބޮންޑުގެ މައްސަލައިގައި ކުރެއްވި ގިނަ މަޝްވަރާ ތަކުން ދެމެހެއްޓެނިވި ހައްލެއް ހޯދުނުކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ.

އީނާޒް ވިދާޅުވީ، އެމްއެމްއޭ މެދުވެރިކޮށް މި މުއާމަލާތަށް ފައިސާ ހޯދުމަކީ އިގްތިސާދަށް މިހާލަތުގައި ގެއްލުން ބޮޑު ނިންމުމެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ޕެންޝަން އޮފީސް މެދުވެރިކޮށް ސަރުކާރުން ނަގަން މަސައްކަތް ކުރާ, 2.4 ބިލިއަން ރުފިޔާގެ ބޮންޑުގެ މައްސަލައިގައި, މިދިޔަ އޮކްޓޯބަރު މަހު ޕެންޝަން އޮފީހުގެ ބޯޑުން ވަނީ އެމްއެމްއޭއާއެކު ފައިސާގެ މުއާމަލާތެއް ކުރަން ފާސްކޮށްފައެވެ.

މި މައްސަލައިގައި ބޯޑުގެ ޗެއާޕާސަން ކަމުން މިއަދު އީނާޒް އިސްތިއުފާ ދެއްވިއިރު، މީގެކުރިންވެސް ހަމަ މި މައްސަލައިގައި އެ ބޯޑުގެ ބަޔެއް މެމްބަރުން ވަނީ އިސްތިއުފާ ދެއްވާފައެވެ.

ޕެންޝަން އޮފީހުގެ ބޯޑުގައި އަމިއްލަ ވިޔަފާރިތައް ތަމުސީލުކުރާ މެންބަރެއްގެ ގޮތުގައި ހުންނެވި ސަރުވަޝް އާދަމް އާއި ޕެންޝަން އޮފީހުގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ)ގެ މަގާމުގައި ހުންނެވި ހައްވާ ފަޖުވާ ވެސް ވަނީ މިދިޔަ އަހަރު އިސްތިއުފާ ދެއްވައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *