ޕެންޝަން އޮފީސް ބޯޑުގެ ޗެއާާޕާސަންގެ މަގާމުން އީނާޒް އިސްތިއުފާ ދެއްވައިފި

ޕެންޝަން އޮފީސް ބޯޑުގެ ޗެއާާޕާސަންގެ މަގާމުން އީނާޒް އިސްތިއުފާ ދެއްވައިފި

ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަން ޑރ. އަޙްމަދު އީނާޒް މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

މީގެކުރިން ފިނޭންސް މިނިސްޓަރުކަންވެސް ކުރެއްވި އީނާޒް، ޕެންޝަން އޮފީހުގެ ޗެއާާޕާސަން ކަމުގެ މަގާމުން މިއަދު އިސްތިއުފާ ދެއްވުމަށްފަހު، އެކްސްގައި މިއަދު އީނާޒް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދައުލަތުގެ މާލީ ހާލަތު ކަންބޮޑުވާ މިންވަރަކަށް ދަށަށް ދަނިކޮށް، ސަރުކާރުން ހުށަހަޅާފައިވާ 2.4 ބިލިއަން ބޮންޑުގެ މައްސަލައިގައި ކުރެއްވި ގިނަ މަޝްވަރާ ތަކުން ދެމެހެއްޓެނިވި ހައްލެއް ހޯދުނުކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ.

އީނާޒް ވިދާޅުވީ، އެމްއެމްއޭ މެދުވެރިކޮށް މި މުއާމަލާތަށް ފައިސާ ހޯދުމަކީ އިގްތިސާދަށް މިހާލަތުގައި ގެއްލުން ބޮޑު ނިންމުމެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

"އަޅުގަނޑުގެ ދުއާއަކީ ދައުލަތުގެ މާލީކަންކަން މިއަދަށްވުރެ ހަރުދަނާވެ ދުރު ވިސްނުމުގެ ސިޔާސަތުތަކަކުން އިސްލާހުވެގެން ދިއުން. ދަރަނީގެ އަނދަވަޅުން ދިވެހިރާއްޖޭގެ އިގްތިސާދު އަރައިގަނެ، ރާއްޖެ ދެމެހެއްޓެނިވި އުފެއްދުންތެރި ތަރައްގީގެ މަގަކަށް ރުޖޫއަވުން." އީނާޒް ވިދާޅުވިއެވެ.

ޕެންޝަން އޮފީސް މެދުވެރިކޮށް ސަރުކާރުން ނަގަން މަސައްކަތް ކުރާ, 2.4 ބިލިއަން ރުފިޔާގެ ބޮންޑުގެ މައްސަލައިގައި, މިދިޔަ އޮކްޓޯބަރު މަހު ޕެންޝަން އޮފީހުގެ ބޯޑުން ވަނީ އެމްއެމްއޭއާއެކު ފައިސާގެ މުއާމަލާތެއް ކުރަން ފާސްކޮށްފައެވެ.

މި މައްސަލައިގައި ބޯޑުގެ ޗެއާޕާސަން ކަމުން މިއަދު އީނާޒް އިސްތިއުފާ ދެއްވިއިރު، މީގެކުރިންވެސް ހަމަ މި މައްސަލައިގައި އެ ބޯޑުގެ ބަޔެއް މެމްބަރުން ވަނީ އިސްތިއުފާ ދެއްވާފައެވެ.

ޕެންޝަން އޮފީހުގެ ބޯޑުގައި އަމިއްލަ ވިޔަފާރިތައް ތަމުސީލުކުރާ މެންބަރެއްގެ ގޮތުގައި ހުންނެވި ސަރުވަޝް އާދަމް އާއި ޕެންޝަން އޮފީހުގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ)ގެ މަގާމުގައި ހުންނެވި ހައްވާ ފަޖުވާ ވެސް ވަނީ މިދިޔަ އަހަރު އިސްތިއުފާ ދެއްވައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *