ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން "ބިންވެރިޔާ" ސްކީމްގެ ދަށުން ގިރާވަރު ފަޅުން ދޫކުރި ގޯތިތަކުގެ ގުރު ނެގުން އަންނަ ހޮނިހިރު ދުވަހު ބާއްވަން ހައުސިންގ މިނިސްޓްރީން ނިންމައިފިއެވެ.
ހައުސިންގ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނެސްފައިވާތީ ގިރާވަރު ފަޅުން ގޯތި ލިބުނު މީހުންނަށް ދީފައިވާ ބިމުގެ ސަރަހައްދަށް ބަދަލު އައިސްފައި ވާތީ އަލުން އާ ލޮޓްތަކެއް މިހާރު ކަނޑައަޅާފައިވާ ކަމަށެވެ.
މިނިސްޓްރީން ބުނީ، ގިރާވަރުފަޅުން ގޯތި ލިބުނު ފަރާތްތަކަށް އާ ޕްލޮޓް އެލޮކޭޓް ކުރަން ނިންމައި އަލުން ގުރު ނެގުން ކުރިއަށްދާނީ އަންނަ ހޮނިހިރު ދުވަހު ހެނދުނު 9:30 ގައި ކަމަށެވެ. ގުރު ނެގުން ކުރިއަށްދާނީ ސޯޝަލް ސެންޓަރުގައެވެ.
ގިރާވަރު ފަޅުން ވަނީ ޖުމްލަ 4072 ގޯތި ދޭން ނިންމާފައެވެ. އެއީ 1250 އަކަފޫޓްގެ 2603 ގޯއްޗާއި، 1650 އަކަފޫޓްގެ 1214 ގޯއްޗާއި، 2050 އަކަފޫޓްގެ 254 ގޯތީގެ އިތުރުން 2450 އަކަފޫޓްގެ 1 ގޯއްޗެވެ.
މިނިސްޓްރީން ބުނީ ގުރު ނެގުމުގެ ކަންތަކުގައި ބައިވެރިވެވޭނީ ކޮންމެ ޕްލޮޓަކުންވެސް އެކަކަށް ކަމަށެވެ. ގޯތި ލިބުނު މީހާގެ ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އަންގައިދޭ ލިޔުމާއި، ގޯތީގެ ވެރިފަރާތުގެ އައިޑީ ކާޑުގެ ކޮޕީއަކާއި ބަދަލުގައި ހާޒިރުވާ މީހާގެ އައިޑީކާޑުގެ ކޮޕީއެއް ގެނައުމަށްވެސް މިނިސްޓްރީން ވަނީ އެދިފައެވެ.




