ގޯއްޗާއި ފުލެޓަށް އެދި 1600 އަށް ވުރެއް ގިނަ މީހުން ކުރިމަތިލައިފި

ގޯއްޗާއި ފުލެޓަށް އެދި 1600 އަށް ވުރެއް ގިނަ މީހުން ކުރިމަތިލައިފި

ބޯހިޔާވަހިކަމުގެ ސްކީމަށް އެދި މިހާތަނަށް 1600އަށްވުރެ ގިނަ މީހުން ފޯމު ހުށަހަޅާފައިވާ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލީ މިމަހުގެ 18 ވަނަ ދުވަހުއެވެ. މި ސްކީމްގެ ދަށުން ގޯއްޗަށް އެދި ހުށަހެޅޭނީ އަންނަ މާރިޗު މަހުގެ 4ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ފްލެޓަށް އެދި ހުށަހެޅޭނީ އެޕްރީލް މަހުގެ 17ވަނަ ދުވަހުގެ ނިޔަލަށެވެ.

"ބޯހިޔާވަހިކަން އެންމެނަށް" ސަރުކާރުގެ ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމުގެ ފުރަތަމަ ސްކީމް އިޢުލާނު ކުރީ، މިދިޔަ ނޮވެންބަރު މަހުގެ 16ވަނަ ދުވަހުއެވެ. މި ސްކީމުގައި ގޯތި އަދި ފްލެޓް ދޫކުރުމުގެ އުސޫލުވެސް ވަނީ ޢާއްމުކޮށްފައެވެ.

އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ހިއްސާކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު "ޢާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގެ ދަށުން ދޫކުރާ ބިމާއި ފުލެޓަށް އެދި މިހާތަނަށް 1616 އެޕްލިކޭޝަން ވަނީ ހުށަހަޅާފައިއެވެ. މީގެ ތެރޭގައި ހިމެނެނީ ފްލެޓަށް އެދި ހުށަހެޅި 1160 އެޕްލިކޭޝަންއާއި އަދި ގޯޗަށް އެދި ހުށައެޅި 456 އެޕްލިކޭޝަން ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

މީގެ އިތުރުން މިހާތަނަށް 7605 މީހުން ޑްރާފްޓް ސްޓޭޖުގައި ފޯމު ފުރިހަމަ ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ

 

މި ސްކީމުގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދުންނާއި ރަސްމާލެ ހިމެނޭހެން 15,000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މާލެ ސަރަޙައްދުން 7,900 ފްލެޓް ދޫކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ. މީގެ އިތުރުން، ފްލެޓް ދޫކުރުމުގައި މާލޭގެ ރަށްވެހިންނަށް 4,000 ފްލެޓް، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1,500 ފްލެޓް އަދި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކަށް 2,400 ފްލެޓް ވަނީ ކަނޑައަޅާފައެވެ.

ގޯތި ދޫކުރުމުގެ ތެރޭގައި މާލޭގެ ރަށްވެހިންނަށް 10,000 ގޯތި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 3,000 ގޯތި، އަދި މައިމުޅަވެފައިވާ މީހުންނަށް 500 ގޯތި ހިމެނެއެވެ. މީގެ އިތުރުން މާލޭގެ ހަނި ގޯޅިތަކުގައި ހުރި ގޯތިތަކާއި ލާޖައްސައިގެން ގޯތި ބަދަލުކުރާ ފަރާތްތަކަށް 1,500 ގޯތި ވަނީ ޚާއްޞަކޮށްފައެވެ. އަދި ކުރީގެ ސްކީމަކުން 1 ނުވަތަ 2 ކޮޓަރީގެ ފްލެޓް ލިބިފައިވާ މީހުންގެ ތެރެއިން ދަރިން ތިބި މިންވަރަށް ބަލައި، ވަކި ޝަރުތުތަކަކާއެކު 3 ކޮޓަރީގެ ފްލެޓަށް އެދި ހުށައެޅުމުގެ ފުރުޞަތު މިސްކީމުގެ ދަށުން ލިބިގެންދާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *