މިދިޔަ ދިރާސީ އަހަރު މާލޭގެ ސްކޫލް ތަކުގައި ކިޔަވަމުންދިޔަ 800 އަށްވުރެގިނަ ދަރިވަރުން އާ އަހަރުގެ ކިޔެވުން ފެށެންވާއިރަށް ހުޅުމާލޭ ސްކޫލްތަކަށް ބަދަލުވެއްޖެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މާލޭގެ ސްކޫލް ތަކުން ހުޅުމާލޭ ސްކޫލް ތަކަށް ޖުމްލަ 836 ދަރިވަރަކު މިހާރު ބަދަލުވެފައިވާ ކަމަށެވެ. އަދި އަތޮޅު ތެރޭ ސްކޫލް ތަކުންވެސް 700 އަށްވުރެ ގިނަ ދަރިވަރުން ވަނީ ހުޅުމާލޭ ސްކޫލް ތަކަށް ބަދަލުވެފައެވެ.
ހުޅުމާލޭގައި މިހާރު ހިންގަމުންދާ ސްކޫލްތަކުގެ އިތުރުން ހުޅުމާލޭ ފޭސް ދޭއްގައި އަލަށް ހެދި ޝަހީދު އަލީ ސްކޫލްގައިވެސް ފެށޭ ދިރާސީ އަހަރު ކިޔަވައިދޭން މިނިސްޓްރީން ދަނީ ތައްޔާރު ވަމުންނެވެ. މި ސްކޫލްގައިވެސް ގްރޭޑް 1 ން 10 އަށް ކިޔަވައިދޭން ވަނީ ނިންމާފައެވެ.
އެޑިއުކޭޝަނުން މައުލޫމާތު ދިންގޮތުގައި އަތޮޅު ތެރޭގެ ސްކޫލް ތަކުން ޖުމްލަ 1530 ދަރިވަރަކު މިހާރު ވަނީ މާލެ ސިޓީގެ އެކި ސްކޫލްތަކަށް ބަދަލުވެފައެވެ.




