ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ތެރޭގައި އިސްލާމީ ތަރުބިއްޔަތާއި ދިވެހިބަހަކީ ގައުމިއްޔަތުގެ ދެ ތަނބެވެ. ނަމަވެސް، ފަހަކަށް އައިސް ބައެއް ފަރާތްތަކުން އިސްލާމް މާއްދާ އިނގިރޭސިބަހުން ކިޔަވައިދިނުމަށް ގޮވާލަމުންދާ އަޑުތަކަކީ ދިވެހި އުންމަތުގެ ދީނީ އަދި ބަހަވީ ބިންގަލަށް ލޮޅުން އަރުވާލާ ފަދަ ނުރައްކާތެރި ވިސްނުމެކެވެ. އިސްލާމް މާއްދާ އިނގިރޭސިބަހަށް ބަދަލުކުރުމަކީ ތަޢުލީމީ މައްސަލަތަކަށް އޮތް ހައްލެއް ނޫނެވެ. އޭގެ ބަދަލުގައި، އެއީ އަމިއްލަވަންތަކަމާއި ދީނީ ވިސްނުން ކުދިންގެ ހިތްތަކުން ބޭރުކޮށްލުމަށް ހުޅުވޭ ދޮރެކެވެ.
އިސްލާމްދީނާއި ދިވެހިބަހާ ދެމެދު އޮތީ ނުހަނު ވަރުގަދަ ގުޅުމެކެވެ. ދިވެހިންގެ ދީނީ މަފްހޫމްތަކާއި، އަޅުކަންތަކުގެ އިބާރާތްތަކާއި، ރިވާޔަތްތައް އަށަގެންފައިވަނީ ދިވެހިބަހުގެ ފޭރާމުގެ ތެރޭގައެވެ. މާދަރީބަހުން ދީން އުނގެނުމަކީ އެ ދީނެއްގެ ފުންމިނާއި މާނަ ހިތުގެ އަޑިއަށް ވާސިލުވުމަށް އޮތް އެންމެ ފަސޭހަ މަގެވެ. އިނގިރޭސިބަހުން މި މާއްދާ ކިޔަވައިދޭން ފެށުމުން، ދީނީ މުހިންމު ފަހުމްތަކާއި ލަފްޒުތަކުގެ އަސްލު މާނަ ގެއްލި، ކުދިންގެ ހިތްތަކުގައި ދީނަށް އޮންނަ ލޯތްބާއި ގާތްކަން ކުޑަވެގެންދާނެއެވެ. ބޭރު ބަހަކުން ދީން އުނގެނުމަކީ ދީނަކީ ހަމައެކަނި 'އެކަޑެމިކް' މާއްދާއެއްގެ ގޮތުގައި ދެކެން ފެށުމަށް މަގުފަހިވާނެ ކަމެކެވެ.
މިކަމަށް ވަކާލާތުކުރާ ފަރާތްތަކުން ބުނަނީ ކުދިންނަށް ދިވެހިބަސް ފަހުމުނުވާތީ އިނގިރޭސިބަހަށް ބަދަލުކުރަންޖެހޭ ކަމަށެވެ. މިއީ ހަމަޖެހޭ ބަހުސެއް ނޫނެވެ. ދިވެހިބަހުން ކިޔަވައިދޭ އެއްޗެއް ދަރިވަރުންނަށް ފަހުމުނުވާނަމަ، އޭގެ މާނައަކީ ދިވެހިބަސް ކިޔަވައިދިނުމުގައި މައްސަލަތަކެއް ހުރުމެވެ. އެ މައްސަލަ ހައްލުކުރުމުގެ ބަދަލުގައި މާއްދާގެ ބަސް ބަދަލުކުރުމަކީ ބަލި ދެނެގަނެ ފަރުވާ ކުރުމުގެ ބަދަލުގައި ބަލިމީހާ މަރާލުން ފަދަ ކަމެކެވެ. މި މޭރުމުން ވިސްނާނަމަ، ދިވެހިބަސް ކިޔަވައިދޭ ގަޑީގައި ދިވެހިބަހުން ބުނާ އެއްޗެއް ކުދިންނަށް ފަހުމުނުވާނަމަ، ދިވެހިބަސް ވެސް ކިޔަވައިދޭންވީ އިނގިރޭސިބަހުންތޯއެވެ؟ މިއީ ހަމަ ބުއްދި ގަބޫލުކުރާނެ ކަމެއް ނޫނެވެ.
ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކަށް ބަލާއިރު، އެ ގައުމުތަކުން ތައުލީމު ދިނުމުގައި އެންމެ އިސްކަމެއް ދެނީ އެބައެއްގެ މާދަރީބަހަށެވެ. މާދަރީބަހަށް ބީރައްޓެހިވެ، ބޭރު ބަހަކަށް ދީނީ އަދި ގައުމީ މާއްދާތައް ބަދަލުކުރުމަކީ އިސްތިއުމާރީ ފިކުރުގެ އަސަރެވެ. މީގެ ނަތީޖާއަކަށް ވާނީ ދިވެހިވަންތަކަން ގެއްލި، އަމިއްލަ ބަހަށް ކުދިންގެ ހިތްތަކުގައި އޮންނަ ގަދަރު ކުޑަވެ، އިސްލާމީ ތަރުބިއްޔަތުގެ އަސްލު މަގްސަދު ހާސިލުނުވުމެވެ.
ނިންމާލަމުންވެސް ބުނަންޖެހެނީ، އިސްލާމް މާއްދާ އިނގިރޭސިބަހުން ކިޔަވައިދިނުމަކީ ހެދޭނެ ވަރަށް ބޮޑު ގޯހެއް ކަމަށެވެ. އޮތް ހައްލަކީ އިސްލާމް މާއްދާގެ މުގައްރަރު މިޒަމާނަށް ފެތޭ ގޮތަށް، ކުދިން ޝައުގުވެރިވާނޭ ފަދަ އުކުޅުތައް ބޭނުންކޮށްގެން ދިވެހިބަހުން ކިޔަވައިދިނުމެވެ. އަދި ދިވެހިބަހަށް ކުދިންގެ ހިތްތަކުގައި އޮތް ލޯބި އިތުރުކުރުމެވެ. ގައުމިއްޔަތާއި ދީނުގެ ބިންގާ ވަރުގަދަ ކުރެވޭނީ މާދަރީބަހުގެ ފުރިހަމަ ބޭނުން ހިފައިގެންނެވެ. އަމިއްލަ ބަހުން ދީން އުނގެނުމަކީ ހައްގަކަށްވާއިރު، އެ ހައްގުން ދިވެހި ދަރިން މަހްރޫމް ކުރުމަކީ ތާރީޚު ވެސް އަހަރެމެންނަށް މާފުކުރާނޭ ކަމެއް ނޫނެވެ.





One Response
ވަރަށް ރަނގަޅު ވާހަކައެއް ވަރަށްބޮޑަށް ތާއީދުކުރަންނ