ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީގެ މޭޔަރުކަމަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކު ހޮވުމަށް ބޭއްވި ޕްރައިމަރީ، މިހާރުގެވެސް މޭޔަރު އާދަމް އާޒިމް ކާމިޔާބުކުރައްވައިފިއެވެ.
މިއަދު ބޭއްވި މި ޕްރައިމަރީގައި އެމްޑީޕީގެ ޓިކެޓުގައި އެކި ދާއިރާތަކަށް ވާދަކުރުމަށް ޖުމްލަ 154 ކެންޑިޑޭޓުން ކުރިމަތިލާފައިވާއިރު، އެންމެ ބޮޑު ސަމާލުކަމެއް ހުއްޓިފައި އޮތީ މާލޭގެ މޭޔަރުކަމުގެ ވާދަވެރި ރޭހަށެވެ. މި މަގާމަށް އާދަމް އާޒިމާ ދެކޮޅަށް ނުކުންނެވީ ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު ޢަލީ ޢާޒިމެވެ.
ޢަލީ ޢާޒިމަކީ ނިމިދިޔަ ރިޔާސީ އިންތިޚާބާ ގާތްވެފައި ވަނިކޮށް އެމްޑީޕީން ވަކިވެވަޑައިގެން، "ދަ ޑިމޮކްރެޓްސް" އުފެއްދުމުގައި އިސްކޮށް އުޅުއްވި ބޭފުޅެކެވެ. ނަމަވެސް، ފަހުން ޢަލީ ޢާޒިމް ހިމެނޭހެން ޑިމޮކްރެޓްސްގެ އިސް ގިނަ މެންބަރުންތަކެއް ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.
މާލޭގެ އެކި ދާއިރާތަކުން 5،000 އަށްވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވީ މި އިންތިޚާބުގައި، ވޯޓުލުމަށްޓަކައި މާލޭގައި 17 ވޯޓު ފޮއްޓެއް ބަހައްޓާފައިވެއެވެ.
މިހާތަނަށް ލިބިފައިވާ ނަތީޖާތަކަށް ބަލާއިރު، ގިނަ ފޮށިތަކުގެ ބޮޑު މެޖޯރިޓީއެއް ހޯއްދަވައިގެން ކުރި ހޯއްދެވީ އާދަމް އާޒިމެވެ.
މި ކާމިޔާބީއާއެކު، އަންނަ އޭޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާނީ އާދަމް އާޒިމެވެ.
އޭނާ މިހާރުވެސް ހުންނެވީ މާލޭގެ މޭޔަރުކަމުގެ މަގާމުގައެވެ.




