ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތުން އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު އަންނަ ހޮނިހިރު ދުވަހު ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ، ހޮނިހިރު ދުވަހު އިންތިޚާބުގައި ބައިވެރިވާން ހުޅުވާލުމާއެކު، އެކަމަށް އެދި ފޯމު ހުށަހަޅަން ޖެހޭނީވެސް އެ ކޮމިޝަނުން އެކަމަށް ޚާއްސަކޮށްފައިވާ ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. ޕޯޓަލްއަށް ވަދެވޭނީ އެމީހެއްގެ އަމިއްލަ އީފާސް މެދުވެރިކޮށެވެ.
ކޮމިޝަނުން ބުނީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު މާދަމާ ހުޅުވާލުމަށްފަހު، އަންނަ މަހުގެ 1 ވަނަ ދުވަހުގެ ރޭ ދަންވަރު 12 ޖެހުމާއި ހަމައަށް އޮންނާނެ ކަމަށެވެ. އެރޭ 12 ޖެހުމާއެކު ޕޯޓަލް ބަންދު ކުރެވޭނެއެވެ.
"ޕޯޓަލްއަށް ވަނީމަ އަންނާނެ އަމިއްލަ ގޮތުން ތޯ ނުވަތަ ޕާޓީއެއް ގޮތަށް ހުށަހަޅާނީތޯ، އަމިއްލަ ގޮތަށް ހުށަހަޅާނަމަ ވަކި ހިސާބަކުން އަންނާނެ ތާއީދު އޮތްތޯ، ބަލަންޖެހޭ 50 މީހުން އޮތްތޯ ބެލުމުގެ ބައެއް، އެކަންވެސް ކުރެވޭނީ ޕޯޓަލް މެދުވެރިކޮށް، އެގޮތުން ތާއީދު ކުރާކަމަށްބުނާ މީހާގެ ނަމާއި އައިޑީ ނަމްބަރު ޖެހުމުން، އެމީހާއަށް މެސެޖެއްދާނެ، ދެން އޭނާ އެކްސެޕްޓް ކުރުމުން، އެގޮތަށް 50 މީހުން ހަމަވަމުންދާތަން ކެނޑިޑޭޓަށް ޕޯޓަލް އިން ފެންނަމުންދާނީ،" ޒާހިދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ޕާޓީއަކުން ކުރިމަތިލާނަމަ ޕާޓީން ކުރިމަތިލާ ކެންޑިޑޭޓެއްގެ ގޮތުގައި ފޯމު ފުރުން ކުރިއަށް ގެންދެވޭނެ ކަމަށެވެ. ނަމަވެސް ޕާޓީގެ ފަރާތުން ކުރިމަތިލާ ކެންޑިޑޭޓްގެ ފޯރު ފުރިހަމަ ކުރެވޭނީ ސިމަދަ ޕޯޓަލް މެދުވެރިކޮށް ކަމަށް ވިދާޅުވިއެވެ. ނަމަވެސް އެކަން ކުރެވޭނީ އެ މީހަކީ އެ ޕާޓީގެ ކެންޑިޑޭޓެެއް ކަމަށް އެ ޕާޓީން އެކްސެޕްޓް ކުރުމަށް ފަހުގައި ކަމަށް ކޮމިޝަނުގެ ރައީސް ވިދާޅުވިއެވެ.
މާދަމާ ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާ ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އޮންނާނީ އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހުއެވެ.




