ވޯޓާސް ލިސްޓަށް މިހާތަނަށް 315 ޝަކުވާއެއް ހުށަހަޅައިފި: އީސީ

ވޯޓާސް ލިސްޓަށް މިހާތަނަށް 315 ޝަކުވާއެއް ހުށަހަޅައިފި: އީސީ

މިއަހަރުގެ އެޕްރީލް 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއަށް މިއަދު ހަވީރު 06:00 ގެ ނިޔަލަށް 315 ޝަކުވާ ވަނީ ލިބިފައިވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ބުނެފިއެވެ.

އީސީން މިރޭ ބުނީ އެ ކޮމިޝަންގެ މައި ޕޯޓަލް  my.elections.gov.mv މެދުވެރިކޮށް ލިބިފައި މިވާ ޝަކުވާތަކަކީ، ރަޖިސްޓަރީގައި ހިމެނިފައިވާ އެޑްރެސް ބަދަލުކުރުމަށް، ރަށްވެހިކަން ބަދަލުވެފައިވާތީ އަދި ނިޔާވެފައިވާ ފަރާތްތައް ހިމެނިފައިވާތީ އެ ނަން ރަޖިސްޓަރީއިން އުނިކުރުމަށް ލިބިފައިވާ ޝަކުވާތައް ކަމަށެވެ.

ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅޭނީ، 2026 ޖަނަވަރީ 18 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 03:00  ގެ ނިޔަލަށް ކަމަށް އީސީން ބުންޏެވެ. އަދި މި މުއްދަތުގައި ހުރިހާ ފަރާތްތައްވެސް، މި ކޮމިޝަނުން އާންމުކޮށްފައިވާ ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީ ޗެކްކޮށް، މި ރަޖިސްޓަރީގައިވާ މަޢުލޫމާތުތައް ކަށަވަރުކުރުމަށްފަހު އެއްވެސް ޝަކުވާއެއްވާނަމަ، ހުށަހަޅުއްވަން ވާނެ ކަމަށް އީސީން ބުންޏެވެ.

އެގޮތުން ރަޖިސްޓަރީއަށް މީހަކު އިތުރުކުރުމަށް، ރަޖިސްޓަރީން މީހަކު އުނިކުރުމަށް ނުވަތަ ރަޖިސްޓަރީގައި ހިމެނިފައިވާ މަޢުލޫމާތަކަށް ބަދަލުގެނައުމަށް ހުށަހަޅާއިރު، ޝަކުވާގެ ޞައްޙަކަން ސާބިތުވާނެ ރަސްމީ ލިޔުމެއްގެ ކޮޕީ ހުށަހަޅަންވާނެ ކަމަށާއި އަދި ސިޔާސީ ޕާޓީތަކުން ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅަން ބޭނުންވާނަމަ ޝަކުވާ ހުށަހަޅާނީ، ސިޔާސީ ޕާޓީއަށް ދެވިފައިވާ ސިމެދަ ޕޯޓަލް މެދުވެރިކޮށް ކަމަށް އީސީން ބުންޏެވެ.

ރަޖިސްޓަރީގައިވާ މަޢުލޫމާތު ކޮމިޝަނުގެ ވެބްސައިޓުގެ އިތުރުން، (VR (space) ID number to 1414) އެސް.އެމް.އެސް ކޮށްގެން ޗެކްކުރެވޭނެކަމަށް އީސީން ބުންޏެވެ. އަދި ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، މި ކޮމިޝަނުގެ މައިޕޯޓަލް my.elections.gov.mv މެދުވެރިކޮށް، ޝަކުވާ ހުށަހަޅަންވާނެ ކަމަށް އީސީން ބުންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *