ސްކޫލްތަކަށް ޓެކްސްޓް ފޮތްތައް ފޯރުކޮށްދިނުމުގައި ބައެއް ކަހަލަ ދަތިތައް ހުރިނަމަވެސް، ސްކޫލްތަކުގެ ކިޔެވުން ފެށުމުގެ ކުރިން ހުރިހާ ސްކޫލްތަކަށް ފޮތްތައް ފޮނުވާ ނިމޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ތައުލީމީ ވަޒީރު ޑރ.އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ސްކޫލްތައް ޓެކްސްޓް ފޮތްތައް ފޮނުވުމުގެ މަސައްކަތުގެ ދަށުން މިހާތަނަށް އަތޮޅުތަކުގެ ގިނަ ސްކޫލްތަކަށް ވަނީ ފޮތްތައް ފޮނުވާފައެވެ.
އާ އަހަރަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ސްކޫލްތަކަށް ފޮނުވުމުގެ މަސައްކަތް ފަށާފަވަނީ ޑިސެމްބަރު މަހުގެ ކުރީކޮޅުއެވެ. ކޮންމެ ރަށަކަށްވެސް ފޮތްތައް ފޮނުވަނީ، އެ ސްކޫލަކަށް އެ އަހަރަކަށް ވައްދާ ދަރިވަރުންގެ އަދަދުތަކަށް ބަލައިގެންނެވެ.
ތަޢުލީމީ ވަޒީރު ޑރ.އިސްމާޢީލް ޝަފީއު ވިދާޅުވީ، ފޮތްތައް ފޮނުވުމުގައި ބައެއް ކަހަލަ ދަތިތައް އެބަހުރިކަމަށެވެ. ނަމަވެސް ސްކޫލްތައް ހުޅުވުމުގެ ކުރިން ފޮތްތައް ފޮނުވާ ނިމޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
"ކުރިން އަރަބިއްޔާގައި ވަރަށް ބޮޑު ގުދަނެއްގައި ފޮތްތައް ފޮނުވުމަށް ތަރުތީބުކުރުމުގެ މަސައްކަތް ކުރީ. މިހާރު އެކަމަކު އަމީނިއްޔާއަށް މި ވަނީ ބަދަލުކޮށްފައި. ޖާގައިގެ ގޮންޖެހުން އެބަހުރި. އަދި މާލޭގެ އުތުރު ބަނދަރު ސަރަޙައްދުގެ މަސައްކަތްކުރާތީ ބޯޓުތަކަށް ތަކެތި ފޯރުކުރުމުގެ ދަތިތައްވެސް އެބަހުރި. މިކަންކަމާއެކުވެސް %100 ޔަގީންކަން ދެން، ސްކޫލް ހުޅުވުމުގެ ކުރިން ފޮތްތައް ހަވާލުކުރާނެކަމުގެ ޔަގީންކަން ދެން" ވަޒީރު ވިދާޅުވިއެވެ.
ފޮތްތައް މިހާރު ވަނީ 60 އިންސައްތަ ރަށަށް ފޮނުވާފައެވެ. އަދި މާލޭގެ ގިނަ ސްކޫލްތަކުގައިވެސް މިހާރު ވަނީ ފޮތްތައް ބެހުމުގެ މަސައްކަތްތައް ފަށާފައެވެ. އަތޮޅުތަކުގައި ފޮތްތައް ބަހާނީ، އެޑިއުކޭޝަނުން ސްކޫލްތަކަށް ފޮނުވުމުންނެވެ.
ސްކޫލް ހުޅުވުމުގެ ތައްޔާރީތައް ވަރަށް ރަނގަޅުކަމަށް ކުރިއަށްދާކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ސްކޫލްތަކަށް ފޮތްތައް ހަވާލުކުރުމައި، މަރާމާތުގެ މަސައްކަތްތަކާއި މުދަރިސުން ހަމަކުރުމުގެ މަސައްކަތްތައް ދަނީ ކުރިއަށްގެންދަމުންނެވެ.




