ދަރުމަވަންތާގައި އައިވީއެފް ހަދައިގެން ފުރަތަމަ ފަހަރަށް ކުއްޖަކު އުފަންވެއްޖެ

ދަރުމަވަންތާގައި އައިވީއެފް ހަދައިގެން ފުރަތަމަ ފަހަރަށް ކުއްޖަކު އުފަންވެއްޖެ

ދަރުމަވަންތަ ހޮސްޕިޓަލުގެ ނޭޝަނަލް ފަރޓިލިޓީ ސެންޓަރުގައި އައިވީއެފް މެދުވެރިކޮށް ފުރަތަމަ ފަހަރަށް ކާމިޔާބު ކަމާއެކު ދަރިއަކު އުފަންވެެއްޖެ އެވެ.

މާލޭ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އަބްދުލްރައްޒާޤް ޙަލީމް މިރޭ ވިދާޅުވި ގޮތުގަައި ދަރުމަވަންތަ ހޮސްޕިޓަލުގެ ނޭޝަނަލް ފަރޓިލިޓީ ސެންޓަރުގައި އައިވީއެފް މެދުވެރިކޮށް ފުރަތަމަ ފަހަރަށް ކާމިޔާބު ކަމާއެކު ދަރިއަކު އުފަންވެެފައިވާ ކަމަށެވެ.

"މާތް ﷲގެ މިންވަރުފުޅާއެކު ލިބުނު މި ތާރީޚީ ކާމިޔާބީއަކީ ރާއްޖޭގައި ދަރިމައިވުމުގެ ޞިއްޙަތާގުޅޭ ފަރުވާ ހޯދަމުންދާ އާއިލާތަކަށް ލިބުނު އުއްމީދެއް. މި ފުރުޞަތުގައި، މި މަސައްކަތުގައި ޝާމިލްވި މި ހޮސްޕިޓަލުގެ ނޭޝަނަލް ފަރޓިލިޓީ ސެންޓަރުގެ ޓީމަށާއި އެޓީމަށް ތަފާތު ގޮތްގޮތުން އެހީތެރިވި އެހެނިހެން ޑިޕާޓްމަންޓުތަކަށް ޝުކުރާއި މަރުޙަބާ ދަންނަވަން. އެބޭފުޅުންގެ މިންނެތް މަސައްކަތަށް އަޅުގަނޑުމެން ފަޚުރުވެރިވަން," ޙަލީމްގެ ޕޯސްޓްގައި ވިދާޅުވި އެވެ.

އައިވީއެފްގެ ޙިދުމަތް ހޯދުމަށް ރާއްޖެއިން ބޭރުގައި ގިނަ ދުވަސްތަކެއް ހޭދަކުރަންޖެހުމަކީ، މާލީ ގޮތުންނާއި ނަފްސާނީ ގޮތުން ދިވެހި އާއިލާތަކަށް އުފުލަމުންދިޔަ ބޮޑު ތަކުލީފެއްކަން ފާހަގަކޮށް ޙަލީމް ވިދާޅުވީ މިކަމަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް، 15 ނޮވެންބަރ 2024 ގައި ރަސްމީކޮށް އެމަނިކުފާނު ހުޅުވައިދެއްވި ނެޝަނަލް ފަރޓިލިޓީ ސެންޓަރަކީ، ދިވެހި އާއިލާތަކަށް ލިބުނު ވަރަށް ބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް ކަމަށެވެ.

މި މުހިންމު ޚިދުމަތް ފަށްޓަވައި، ރާއްޖޭގައި މި ޚިދުމަތް މުޅިން ހިލޭ ލިބޭނެ ގޮތް ހަމަޖައްސަވައިދެއްވައި، ރައްޔިތުންގެ ތަކުލީފުތަކަށް ނިމުމެއް ގެނެސްދެއްވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށް ޙަލީމް ވިދާޅުވި އެވެ.

"ދަރިމައިވުމުގެ ޞިއްޙަތާގުޅޭ ފަރުވާތަކަކީ، ދިވެހި އާއިލާތައް ބިނާކޮށް، ދުޅަހެޔޮ މުޖުތަމަޢެއް ޤާއިމުކުރުމަށްޓަކައި ކޮންމެހެން ބޭނުންތެރި އަސާސީ ޚިދުމަތެއް ކަމުގައި ދެކެން," ޙަލީމް ވިދާޅުވި އެވެ.

ވަރަށް ގިނަ ދިވެހި ރައްޔިތުންގެ ހިތްދަތިކަމާ ގުޅިފައިވާ ޞިއްޙީ އެއް މައްސަލައަކީ، ދަރިމައިނުވުމުގެ މައްސަލަކަން ފާހަގަ ކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވަނީ އެކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، 17 ނޮވެންބަރު 2024 ގައި ދަރުމަވަންތަ ހޮސްޕިޓަލުގައި، ނޭޝަނަލް ފަރޓިލިޓީ ސެންޓަރެއް ގާއިމުކޮށް، މިހާރު އެ ޚިދުމަތް ފޯރުކޮށްދެމުންދާކަން މިދިޔަ ރިޔާސީ ބަޔާނުގައި ފާހަގަ ކުރައްވާފަ އެވެ.

ރައީސް އެ ދުވަހު ވިދާޅުވި ގޮތުގައި މިދިޔަ އަހަރުގެ ނިޔަލަށް، 144 ފަރާތަކުން އެ ޚިދުމަތް ހޯދައިފައިވެ އެވެ. އަދި މި ޚިދުމަތްތައް، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް، ސަރުކާރުގެ ބަޖެޓުން 15 މިލިއަން ރުފިޔާ ކަނޑައަޅައި، ފަރޓިލިޓީ ކެއަރ ފަންޑެއް ގާއިމުކޮށްފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *