މިހާރު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުވެގެންދާއިރު، 21 ވަނަ ރައްޔިތުންގެ މަޖިލީހަށް މެމްބަރުން އިންތިޚާބުކުރާއިރު، މެމްބަރު ކަމަށް ކުރިމަތިލެވޭ އެންމެ ދަށް ތައުލީމީ ޝަރުތުގެ އިސްލާޙު ހުށަހަޅާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ދަތުރުފަތުރުގެ ދާއިރާގެ ވިޔަފާރީގައި އުޅުއްވާ މުހައްމަދު ފިރާގު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލައި، މިހާރު އޮތް މަޖިލީހުގެ ދައުރުން 6 މަސް ދުވަސް ކުރުވާގޮތަށް ގާނޫނުއަސާސީއަށް ސަރުކާރުގެ ފަރާތުން އިސްލާޙު ހުށަހަޅާފައިވާއިރު، އެކަމަށް އިޝާރާތް ކުރައްވައި ފިރާގު ވިދާޅުވީ، މަޖިލިސް މެމްބަރުންގެ ތައުލީމީ އެންމެ ކުޑަމިންވަރެއްގެ ޝަރުތެއް އޮތުމަކީ، ވެރިކަން ހަރުދަނާ ކުރުމަށް އެހީތެރިވާ ކަމެއް ކަމަށެވެ. އަދި ގައުމު ބިނާ ކުރުމަށްވެސް އެހީތެރިވެދޭނެ ކަމެއް ކަމަށެވެ.
"މިއީ ހަގީގަތުގައި ހިނގަމުންދާ ކަމެއް ނަމަ، އަޅުގަނޑު އުންމީދު ކުރަން، މި އިސްލާހުގައި މަޖިލިސް މެންބަރުންނަށް ތަޢުލީމީ އެންމެ ކުޑަމިންވަރެއް ޝަރުޠުވެސް ހިމެނޭނެ ކަމަށް. އެއީ ހަގީގަތުގައި ވެރިކަން ހަރުދަނާ ކުރުމަށް އެހީތެރިވެދޭނެ ކަމެއް. އަދި ޤައުމު ބިނާކުރުމަށް އެހީތެރިވެދޭނެ ކަމެއް." ފިރާގު ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި މަޖިލީހުގެ ބައެއް މެމްބަރުން ދެކޭގޮތުގައި ދައުރު ކުޑަކުރުމުން 400،000 ރ މުސާރައިން ގައުމަށް ސަލާމާތްވާ ކަމަށް ބުނާއިރު، ހަގީގަތުގައި އެފައިސާ ރައްކާކުރެވޭނެ ނުވަތަ ސަލާމާތް ކުރެވޭނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ
"އާ މަޖިލިސް މެންބަރުން އިންތިޚާބު ކުރާނެ ކަމަށްވާއިރު ޖުމުލަ ޚަރަދު އޮންނާނީ ހަމަ އެގޮތަށެވެ." ފިރާގު ވިދާޅުވިއެވެ.
ފިރާގު މިފަދައިން ވިދާޅުވިއިރު، މަޖިލިސް މެމްބަރުންގެ ދައުރުން 6 މަސް ދުވަސް ކުރުވެގެންދާއިރު، އެއީ ވަރަށް ބޮޑުތަން ޚަރަދު ކުޑަވެގެންދާނެ ކަމެއް ކަމަށާއި އަދި މެމްބަރުން އެގޮތަށް ރުހިގެން އެކަން ކުރެއްވުމަކީ ގައުމަށްވާ ވަރަށް ބޮޑު ގުރުބާނީއެއް ކަމަށް ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު ވަނީ ވިދާޅުވެފައެވެ.




