މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހިންގަމުންދާ މާލޭގެ މައި ވިޔަފާރި ބަނދަރު ވިއްކާލަން އުޅޭ ކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކަތަކެއް ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ޒަމީރު މިހެން ވިދާޅުވެފައި މިވަނީ މާލޭގައި ހިންގާ މައި ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށް އެ ތަނުގައި ތަރައްގީކުރާ ޒަމާނީ ބަނދަރު "ދުބާއީ ޕޯޓްސް ވޯލްޑް"އަށް ވިއްކާލަން ސަރުކާރުން ނިންމާފައިވާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ކަންބޮޑުވުން ފާޅުކުރައްވާފައި ވަނިކޮށެެވެ.
ހއ. ދިއްދޫގައި އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއު ފެށުމަށްޓަކައި މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރު ޒަމީރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން އިގްތިސޯދީ ހާލަތު ރަނގަޅު ކުރުމަށް ގެނައި ބަދަލުތަކާ އެކު ދުނިޔޭގެ ވަރަށް ގިނަ ކުންފުނިތަކުން ރާއްޖޭގައި އިންވެސްޓުކުރަން ޝައުގުވެރިކަން ފާޅުކުރަމުންދާ ކަމަށެވެ.
"ކޮންމެ މީހެއް ޕްރޮޕޯސަލެއް ހުށަހެޅިޔަސް [ރައީސް] އެ ބައްލަވާނެ. އޭގެ މާނައަކީ ރައްޔިތުންނަށް ދެރަވާނެ ގޮތަކަށް ރައީސް ކަމެއް ކުރެއްވީއެއް ނޫން. ބަޔަކު ޕްރޮޕޯސަލެއް ހުށަހެޅުމަކީ އަދި ރައީސް އެ ގަބޫލުކުރައްވާ އެކަމެއް ކުރީކީއެއް ނޫން،" ޒަމީރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ރައީސް މުއިއްޒަކީ އިލްމީ ބޭފުޅަކަށްވާތީ ޕްރޮޕޯސަލްތަކާ މެދު އެމަނިކުފާނު ގޮތް ނިންމަވަނީ ކަމާ ގުޅޭ ވަޒީރުންނާ އެހެންވެސް ބޭފުޅުންނާ މަޝްވަރާ ކުރެއްވުމަށްފަހު ކަމަށެވެ.
މާލޭގެ މައި ވިޔަފާރި ބަނދަރު ވިއްކާލަން ނިންމާފައިވާ ކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަކީ ދޮގެއް ކަމަށް މިނިސްޓަރު ޒަމީރު ވަރަށް ސާފުކޮށް ވިދާޅުވި އެވެ. ރައީސް މުއިއްޒު ކޮންމެ ކަމެއްވެސް ނިންމަވާނީ ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތަށް ކަމަށްވެސް ޒަމީރު ވިދާޅުވި އެވެ




